ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދެ ޑޯޒަށް ފަހު ކަރަންޓީނުނުވެ ރަށްރަށަށް ދެވޭ ގޮތް ހަދަނީ

ދެ ޑޯޒް ޖެހުމުން ކަރަންޓީނުނުވެ ރަށްރަށަށް ދެވޭ ގޮތް ހަދަން ނިންމައިފި އެވެ.

އެކަން އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް ސޯލިހް ވިދާޅުވީ ދެވަނަ ޑޯޒް ޖަހާފައިވާ މީހުން ދެވަނަ ޑޯޒްއަށް ފަހު ދެ ހަފްތާ ވުމުން ކަރަންޓީންނުވެ ރަށްރަށަށް ދެވޭނެ ގޮތް ވަރަށް އަވަހަށް ހައްދަވާނެ ކަމަށެވެ.

މިއަދަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސިޓީ ލޮކްޑައުން ކުރިތާ އަހަރެއްވީ ދުވަހެވެ.

އަހަރު ފެށުނީއްސުރެ ކޮވިޑް ކޭސްތައް ވަރަށް ބޮޑުތަނުން އިތުރުވުމަށް ފަހު މިދިޔަ ތިން ދުވަހު ކޮވިޑް ނަންބަރު ވަނީ ދަށަށްދާން ފަށާފައެވެ. ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 25،844 އަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،627 މީހުންނެވެ. މިހާތަނަށް 23،141 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 57 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 56 ދިވެހިންނާއި 8 ބިދޭސީއެކެވެ.

ވެކްސިން ކެންޕެއިން ވަރަށް ކާމިޔާބު

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 28،970 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ދޭން ފަށާފައިވާއިރު އެޗްޕީއޭ އިން ބުނީ އިއްޔެ 3،601 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 1،180 މީހަކާއި މާލެ ސަރަހައްދުން ވެކްސިން ދިން 2،421 މީހެކެވެ.

މިހާރުވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. މިއަދު 1،122 މީހަކަށް ފުރަތަމަ ޑޯޒް ދީފައިވެއެވެ. މިހާތަނަށް ރާއްޖެއިން 274،782 މީހަކަށް ވެކްސިން ދީފައިވެެއެވެ.

ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިންނެވެ. ދެވަނަ ޑޯޒް ދެނީ ކޮވިޝީލްޑް ޖެހި މީހުންނަށެވެ. އޭގެ ފަހުން މިހާރު ޖަހަމުން ދަނީ ޗައިނާގެ ސިނަފޯމް ވެކްސިނެވެ. ސިނަފޯމްގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުން ދޭނެ އެވެ.

ރާއްޖޭގައި ފައިޒާ ވެކްސިންގެ 5،000 ވުރެ ގިނަ ޑޯޒް އެބަހުއްޓެވެ. ނަމަވެސް އެ ވެކްސިން ދޭނީ ހާއްސަ ހާލަތްތަކުގައިވާ ބަޔަކަށެވެ. އެ މީހުންނަށް ރަޖިސްޓްރީވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި އާދިއްތަ ދުވަހު ވަނީ ވެކްސިން ފަށާފައެވެ.