ލައިފްސްޓައިލް

ކަޓްލެޓްސްގެ ބަހުސެއްް އޮވޭ!

ރޯދަ މިއީ ވަރަށް ގިނަ ފަހަރަށް ގިނަ ގޭގޭ ގައި ތަފާތު ބާވަތްތަކުގެ ހެދިކާ ހަދާ ސީޒަނެކެވެ. އެކަން ކުރަން ރޯދައަަށް ބާޒާރުކޮށް ގަނޑުކޮށް ތަކެތި ގަނެ އެވެ. އަލުއްވާއި ބިހާއި ފިޔާ މަސްދަޅު އޭގެ ބޮޑު ބައެކެވެ. ކުރު ގޮތަކަށް ބުނަންޏާ މިއީ "ގުޅަ ބައްދާ" ސީޒަނެވެ. ބައެެއް މީހުނަށް މިއީ ކާ އެއްޗެއް ތައްޔާރު ކޮށްލަން ހަމަ އެކަނި ބަދިގެއަށް ވަންނަ ނުވަތަ އުނދުނަށް އަލިފާންލާ މަހަކަށް ވެސް ވެއެވެ. އެ މީހުން ބަދިގެއަށް ވަންނަނީ ރޯދައަށެވެ.

އަވަށްޓެރި ސްރީލަންކާގެ ރަހަތަކުން ދިވެހި ހެދިކާ ސުފުރާއިން ޖާގަ ހޯދާފައިވާ ކަޓްލަސް / ކަޓްލެޓްސް އަކީ ރޯދަ ބަދިގޭގައި ވަރަށް މަގުބޫލު ބާވަތެކެވެ. ތައްޔާރު ކޮށްލަން ވެސް ފަސޭހަ އެވެ. އަނގަޔަށް ވެސް މީރެވެ. އެހެން ހެދިކާތަކާއި އަޅާބަލާއިރު ކަޓްލަސް ހެދުމުގައި ހުނި ގޭނުމާއި ފުށް މޮޑުމެއް ނޯވެއެވެ. ބަދަލުގައި މަސްގަނޑެއް މޮޑުމަށްފަހު ބިހަށާއި ފާރޮށި ކުނޑިއަށް ލައި ރަނގަޅަށް ބައްދާ ހޫނުތެލަށް ވައްޓާލައިގެން ތެއްލަނީ / ތެލުލަނީ އެވެ.

ކަޓްލަސް ހަދަން އެންމެ ފަސޭހަ ވަނީ ފަހު ދެ ސްޓެޕް ތައްޔާރުކޮށްލަން މަސްގަނޑު ރަނގަޅަށް މޮޑެފައި ލޮނާއި ހުތް ހެޔޮވަރު ކޮށްލާ ދެން އޮތް ބައި ކުރިއަށް ގެންދަން ވުމުން ބަދިގެއަށް ވަންނަ އަތްގާތްކުރާއަކާއި އެކަން ހަވާލު ކޮށްލެވޭތީ އެވެ.

ރޯދަމަހުގެ އަސުރުން ތިރިވާ ފަހުން ބަދިގެއަށް ވަންނަ ގުރޫޕަށް ކަޓްލެޓްސް ހެދުމުގައި ބައިވެރިވަނީ ބިހާއި ފާރޮށި އުނގުޅާށެވެ. ގިނަ ގޭބިސީގައި ރޯދަ ވީއްލަން ހަދާ ހެދިކާ ތައްޔާރުކުރުމުގައި ކުޑަކުދިން ބައިވެރިވާން ފަށަނީ ވެސް ކަޓްލެޓްސްގެ މި ސްޓެޕާ ހަމައިންނެވެ. އެހެންވެ މިއީ ވަރަށް ބޮޑަށް ޓީމްވޯކް އޮންނަ ހެދިކާއެކެވެ. ކަޓްލަހާއި ބެހޭ ބަހުސް ވެސް ފެށެނީ މިހާ ހިސާބުންނެވެ. ބައެއް މީހުން ކަޓްލަސް ހަދާއިރު ބިހާއި ފަާރޮށި ލުމަށް އޫ ބޭނުން ކުރާއިރު އަނެއް ބަޔަކު ބޭނުން ކުރަނީ ސަމުސަލެވެ.

ކަޓްލަސް ހަދާއިރު ބިސްލާން ފަސޭހައީ އޫ ބޭނުންކޮށްގެން ހެއްޔެވެ؟ ނޫނީ ސަމްސަލުންތަ؟ ފަހަރެއްގައި މިހާރު ހުރިހާ ކަމެއްގައި ރީނދުލަކާއި ފިޔާތޮއްޓެއް އޮންނަހެން ކަޓުލަސް ހެދުމުގައި ވެސް ދެފިކުރެއް އޮންނަނީ އެވެ.

އޫ ބޭނުންކޮށްގެން ކަޓްލެޓްސް ހަދާ މީހުން ބުނާ ގޮތުގައި އެގޮތް ފަސޭހަވަނީ ބިސް ލާއިރު އިތުރުވާ ބައި އުލުގެ ދަގަނޑު ކޮޅުގެ ތޭރިތަކުން ފައިބައިގެން ދާތީ ކަޓްލަސް މާ ބޮޑަށް ފޯނުވާތީ އެވެ. ދެން އެހިސާބުން ފާރޮއްޓަށް ލާން ފަސޭހައެވެ. ސަމްސާ ބޭނުންކޮށްގެން ބިސް ލާ ނަމަ ބިސް ކޮޅު ކޮޅު ފާރޮށި ތައްޓަށް އެޅެއެވެ. އަަދި ފާރޮށި ގަނޑުވުމަށް މެދުވެރިވެ އިސްރާފު ބޮޑުވެއެވެ.

އަނެއްބަޔަކު ބުނާގޮތުގައި ސަމްސާ ފަސޭހައީ ކަޓުލެޓްސް ގުޅަޖަހާފައި އޮންނަ އިރު ސަމްސަލުގަ ތެރޭގައި ބިސްލާ ފާރޮށި ތައްޓަށް ވައްޓާލަން ފަސޭހަވާތީ އެވެ. ކުޑަ ސަމްސަލެއް މިކަމަށް އެންމެ ބަރާބަރެވެ. މިކަމަށް ސޯޝަލް މީޑިއާގައި ކުޑަ ޕޯލް އެއްވެސް ނެގި އެވެ. ޕޯލްގައި ގިނަ މީހުން ބުރަވީ ސަމްސާ ބޭނުން ކުރާށެވެ.

މި ދެ ފިކުރުން ބޭރު ބައެއް އާ އީޖާދީ ގޮތްގޮތަށް ކަޓުލަހުގައި ބިސްލާ މީހުން ވެސް އުޅެއެވެ. ބަތް ކާ ތައްޓަކަށް ބިހެއް ތަޅާލައިގެން އެއަށް ކަޓުލަސް ލައި ތަށީގެ ވަށާ ކަޓްލަސް ހާކާލާފައި ދެން ފާރޮއްޓަށް ލަނީ އެވެ. އަނެއް ބަޔަކު ބުނާގޮތުގައި އެންމެ މޮޅީ ހަމަ އަތުން ބިސް ލުމެވެ. މިއީ އުލާއި ސަމްސާ ފިކުރާއި މުޅިން ތަފާތުވާ ބަޔެކެވެ. އުލާއި ސަމްސާ ބޭނުންކުރުމުގެ އަބުއި ގޮތްގަނޑު ދޫކޮށްލާ އަތުން ބިސްލާ ފާރޮއްޓަށް ލުމަކީ ވަރަށް މަސައްކަތް އަވަސްކޮށްލާ ކަމެއް ކަމުގައި މިބައި މީހުން ބުނެއެވެ.

ކަޓްލަޓްސް ހަދާއިރު ކޮންމެ ގޮތަކަށް މިކަން ކުރި ކަމުގައި ވިޔަސް މިއީ ކަޓުލެޓްސް ތެއްލާއިރު ތެލީގައި ފަޅައިގެން ނުދިއުމަށް މުހިއްމު އެއް ސްޓެޕެވެ. ރަނގަޅަށް ނުބެއްދުމަކީ ކަޓްލަސް ތެއްލާއިރު ފަޅައިގެންދާން މެދުވެރިވާ އެއް ސަބަބެވެ. ތެޔޮގަނޑު ހޫނު ނުކޮށް ކަޓްލަސްތައް ތެއްޔަށް ލުމާއި މަސްގަނޑު މޮޑުމުގައި ބޮޑުކޮށް ފިޔާކޮށުން މިއީ ހަމަ މައްސަލަ ދިމާވަ ބައެއް ސަބަބެވެ. އުލުން ނޫނީ ސަމްސަލުން ބިސްލިޔަސް މިއީ ކަޓްލަޓްސް ހެދުމުގައި މުހިއްމު އެއް ސެޓެޕެވެ. އޫ ނޫނީ ސަމްސާ ނުވަތަ އަތް ބޭނުން ކޮށްގެން މިކަން ކުރިޔަސް ރަނގަޅަށް ބިސްލާ ބައްދާލެވިއްޖެނަމަ ހޫނު ތެޔޮގަނޑުތެރޭގައި ތެއްލާލާ ކަޓުލަހަށް އޭގެ ކުލަ ރަތްވާން ފެށުމުން ހިތަށް އުފާވެރިކަން ލިބެއެވެ. ރޯދަވީއްލުމަށް އިންތިޒާރު ކުރެވެއެވެ.