ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދީން ދަތުރު ކުރުމުގެ ކުރީން ޕީސީއާރު ނެގެޓިވް ޓެސްޓެއް ބޭނުންވާ ގޮތަށް ހަމަޖައްސާ ކޮވިޑް-19 އާ ގުޅިގެން ދަތުރުކުރުމުގައި ކަަރަންޓީން ކުރުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނެސް އާ އުސޫލު އާންމުކޮށްފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުނު އުސޫލުގައި ބުނެފަައިވަނީ ދެ ޑޯޒް ޖެހުމުން ކަރަންޓީނުނުވެ ރަށްރަށަށް ދެވޭ އުސޫލަށް އަމަލު ކުރާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އުސޫލުގައި ބުނެފައިވަނީ އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ އެރަށަކަށް ކަރަންޓީންވުމާ ނުލާ ދަތުރު ކުރެވޭނެ ކަމަަށެވެ. އަދި އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ހަމަވެފައިނުވާ ރަށްްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ދެ ހަފްތާ ވެފައިވާ މީހުންނަށް ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ އެވެ.
ނަމަވެސް އެފަދަ މީހުންނަށް ދަތުރު ކުރެވޭނީ ރަށެއްގައި ބަލި އުޅޭ ނިސްބަތް ފަސް ޕަސެންޓަށްވުރެ މަތި ރަަށަކުން އެ ނޫން ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރު ނެގެޓިވް ޓެސްޓާއެކުގައެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން އެފަދަ މީހުންނާއެކު ދަތުރުކުރާނަމަ ޕީސީއާރު ނެގެޓިވް ޓެސްޓެއް ބޭނުންވާނެ އެވެ.
ރާއްޖޭގައި މިހާރު ޖަހާ ވެކްސިންގެ ތެރެއިން ކޮވިޝީލްޑް ވެކްސިން ދެނީ އުމުރުން 18 އަހަރު މައްޗަށެވެ. ސިނޯފާމްވެސް ދެނީ 18 އަހަރުން މަތީ މީހުންނަށެވެ. ނަމަވެސް ފައިޒާ ވެކްސިން 16 އަހަރުން މަތީގެ އުމުރުފުރައަށް ދެވެއެވެ.
ފަތުރުވެރިން ހިމެނޭ ގޮތަށް ރާއްޖެއިން ބޭރުން އަންނަ މީހުންވެސް ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް ދެ ހަފްތާވެފައިވާ ނަމަ ޕީސީއާރު ނެގެޓިވް ޓެސްޓެއް ބޭނުމެއް ނުވާނެ އެވެ. އަދި ކަރަންޓީންވާންވެސް ނުޖެހޭނެ އެވެ.
ޕީސީއާރު ނެގެޓިވް އޮންނަން ޖެހޭ މީހުން
- ސިއްހީ ހިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތް ކުރާ މީހުން،
- ޑޭކެއާ ސެންޓަރުތަކުގައި މަސައްކަތް ކުރާ މީހުން،
- ސުކޫލުތަކުގައި މަސައްކަތް ކުރާ މީހުން،
- ރެސިޑެންޝަލް ކެއާގެ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ މީހުން،
އުސޫލުގައި ބުނެފައިވަނީ އެގޮތަށް ކަނޑައަޅާފައިވީނަމަވެސް ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި ޑިރެކްޓަރު ޖެނަރަލް އަންގާ ގޮތުގެ މަތިން އަމަލު ކުރާނެ ކަމަަށެވެ. ޑިރެކްޓަރު ޖެނެރަލް ވަނީ އުސޫލުގައިވާ ކަންކަން ފުރިހަމައަށް ތަންފީޒު ކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައެވެ.
މި އުސޫލު އާންމު ކުރުމާއެކު އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ރަށްރަށާއި ބަލި އުޅޭ ރަށްްރަށުގެ ސާމްޕަލް ޕޮޒިޓިވް ރޭޓް ފަސް ޕަސެންޓް ދަށް ރަށްރަށާއި ފަސް ޕަސެންޓަށްވުރެ މަތި ރަށްރަށް އެޗްޕީއޭއިން އާންމު ކުރާނެ ކަމަަށެވެ.