ދީން

ޕީސީއާރު ޓެސްޓް ހެދުމުން ރޯދަ ގެެއްލޭނެތަ؟

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ވަނިކޮށް ބައްދަލުކުރާ ދެވަނަ ރޯދަ މަސް ފެށިގެން ތިން ދުވަސް ވޭތިވެގެންދިޔައީ އެވެ. ކޮވިޑް ހާލަތު ރަނގަޅުވަމުންދާ ކަމުގެ އިޝާރާތް ލިބެމުންދިޔަނަމަވެސް އަދިވެސް ކޮވިޑް ބަލިން މުޅީން ސަލާމަތްވެ އާންމު ހާލަތަށް ދެވޭނެ ދުވަހެއް ޔަގީންކޮށް ބުނާކަށް ނޭންގެއެވެ. އެހެން ކަމުން މުޖްތަމައުގެ ތެރޭގައި ބަލީގެ ހާލަތު އޮތް މިންވަރު ބެލުމަށް ކޮވިޑަށް ޓެސްޓް ކުރުން ކުރިއަށް ގެންދެއެވެ. އަދި ހޮސްޕިޓަލްތަކަށް ޑޮކްޓަރަށް ދައްކަން ދާ މީހުންނާއި ބޮޑެތި ބަލިތަކަށް ބޭސްކުރަމުންދާ މީހުން ކޮވިޑަށް ޓެސްޓް ކުރަމުން ގެންދެއެވެ.

ރޯދައަށް ހުރެ ކޮވިޑް ޓެސްޓް ކުރުމުން ރޯދައަށް އެއްވެސް އަސަރެެއް ކުރާނެތޯ މިއީ ވަރަށް ގިނަ ބަޔަކު ކުރަމުން ގެންދާ ސުވާލެކެވެ.

ދީނީ އިލްމުވެރިޔާ އައްޝައިހް ހަސަން މޫސާ ފިކުރީ ވިދާޅުވި ގޮތުގައި ޕީސީއާރު ޓެސްޓް ހެދި ނަމަވެސް އެކަމުގެ ސަބަބުން ރޯދަ ނުގެއްލޭނެ އެވެ. ޕީސީއާރު ޓެސްޓް ހެދުމަށް ކަފަބުރުހެއް ކަރުތެެރެ އާއި ނޭފަތުގެ ތެރެއަށް ކޮއްޕާލި ނަމަވެސް އެއީ ހިކި އެއްޗެކެވެ. އެހެން ކަމުން އަރުތެރޭގައި އެއްވެސް އެއްޗެއް ހޭކުމުގެ ފުރުސަތެއް ނެތެވެ.

"ޕީސީއާރު ޓެސްޓް ހެދި ނަމަވެސް ރޯދައަށް އެއްވެސް އަސަރެއް ނުކުރާނެ، ރޯދައެއް ނުގެއްލޭނެ،" ޝައިހް ވިދާޅުވިއެވެ.

ޕީސީއާރު ޓެސްޓް ހެދުމުގެ ތެރޭގައި ބައެއް މީހުންނަށް ހޮޑުލެވޭ ގޮތް ވެެއެވެ. ޝައިހް ހަސަން ވިދާޅުވި ގޮތުގައި ޕީސީއާރު ޓެސްޓް ހެދުމުގެ ތެރޭގައި ހޮޑުކޮޅެއް އައި ނަމަވެސް ރޯދައެއް ނުގެއްލޭނެ އެވެ. ރޯދައަށް ހުރެ ގަސްތުގައި ހޮނޑުލައިފިނަމަ ރޯދަ ގެއްލޭނެ ކަމަށް މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެއެވެ. ނަމަވެސް ޕީސީއާރު ޓެސްޓް ހެދުމުގައި ހޮނޑުލުން ގަސްތެއްގައި ނުވެއެވެ. އަދި ޕީސީއާރު ޓެސްޓް ހެދުމުގެ ތެރޭގައި ހޮނޑުކޮޅެއް ލެވެނީ ވަރަށް މަދު ބަޔަކަށެވެ. އެހެން ކަމުން ޕީސީއާރު ޓެސްޓް ހަދަނިކޮށް ހޮނޑު ލެވުން ނުވަތަ އޭގެ ފަހުން ހޮނޑުލެވުނު ނަމަވެސް އެއީ ގަސްތަކާ ނުލާ ހިނގާ ކަމެކެވެ. އެކަމުގެ ސަބަބުން ރޯދައަށް އެއްވެސް އަސަރެއް ނުކުރާނެ އެވެ.

ރާއްޖޭގައި ކޮވިޑް ބަލި މިހާރު އޮތް ހާލަތު ބެލުމަށާއި އެކި ސަބަބުތަކާއި ގުޅިގެން ބަލިޖެހިފައިވޭތޯ ޔަގީން ކުރުމަށް މިހާރުވެސް ދުވާލަކު ތިންހާހެއްހާ ޓެސްޓް ކުރަމުން ގެންދެއެވެ. އެހެންވީމަ އެ މަސައްކަތަށް އެހީތެރިވެ އެއްބާރުލުން ދޭން ޖެހެއެވެ. މި ދުވަސްވަރަކީ ރޯދަ މަސް ނަމަވެސް ރޯދައަށް އަސަރު ކޮށްފާނެ ކަމަށް ޓެސްޓް ނުކޮށް ހުންނަން ޖެހޭ ސަބަބެއް ނެތެވެ.