އިސްލާމިކް މިނިސްޓްރީ

ޒިކުރާ ބިމުގައި ވަގުތީ މިސްކިތެއް އަޅައިދޭން އެދި ޕެޓިޝަނެއް

ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އަޅައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އާންމުންގެ 1،100 އަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު ހުށައެޅި ޕެޓިޝަންގައި ބުނެފައިވަނީ މަޖީދީ މަގުގައި ކުރީގެ ޒިކުރާ މިސްކިތް ހުރި ބިމުގައި ދާއިމީ މިސްކިތެއް އެޅެންދެން ވަގުތީ މިސްކިތެއް އަޅައިދިނުމަށް އެދޭ ކަމަށެވެ. އެކަމަށް އެދެން ޖެހުނީ ދާއިމީ މިސްކިތް ނުހެދި އަހަރުތަކެއް ފާއިތުވަމުން ދާތީ ކަންވެސް ފާހަގަކޮށްފައިވެ އެވެ. އަދި އެމިސްކިތް ހުރި ބިން ސާފުކޮށް އެބިން އެހެން ބޭނުމަކަށް ބޭނުންކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރެމުންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެ އެވެ.

ޕެޓިޝަންގައި އިތުރަށް ބުނެފައިވަނީ ޒިކުރާ މިސްކިތް ތަޅާލާފައިވުމުން އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ރައްޔިތުންނެއް އެކަމުގެ ދަތިކަން ތަހައްމަލް ކުރަމުންދާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަަށެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ދޮށީ އުމުރުގެ ގިނަ ބަޔަކު ތަކްލީފުތަކަކާއެކުވެސް ދުރު މިސްކިތްތަކަށް ދާންޖެހޭއިރު އެ މިސްކިތްތަކުގައި ވެސް ޖާގައިގެ ދަތިކަން ބޮޑުވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ޕެޓިޝަން ހެދުމުގައި އިސްކޮށް އުޅުނު ބައެއް މީހުން އަވަސްއާ ވާހަކަދައްކަމުން ބުނީ ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމަށް އެކިފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ އިތުރުން ރައީސް އޮފީހާއި މާލެ ސިޓީ ކައުންސިލް އަދި ދީނީ ބައެއް ޖަމިއްޔާތަކަށް ވެސް މި ޕެޓިޝަން ވަނީ ހުށަހަޅާފަ އެވެ.

ރޯދަ މަހަކީ މިސްކިތްތަކަށް ބާރު ބޮޑުވެ ގިނަ ބަޔަކު މިސކްިތްތަކުގައި ވަގުތު ހޭދަކުރާ މަހަކަށްވުމުން ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުން ވަރަށް މުހިންކަން ވެސް ޕެޓިޝަންގައި ވަނީ ފާހަގަކޮށްފަ އެވެ.