ދީން

ދުއާ އިޖާބަކުރައްވާ ހާއްސަ ވަގުތުތައް

ރަމަޟާންމަހުގެ މާތްކަމުގެ ތެރެއިން ހިމެނޭ އެއްކަމަކީ މި މައްސަރަކީ ދުޢާ އިޖާބަކުރެއްވުމުގެ މައްސަރެއް ކަމުގައި ވުމެވެ. ރޯދަވެރިޔާގެ ދުޢާއަކީ އިޖާބަ ކުރައްވަނިވި ދުޢާއެކެވެ. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ثَلَاثَةٌ لَا تُرَدُّ دَعْوَتُهُمْ: الْإِمَامُ الْعَادِلُ، وَالصَّائِمُ حَتَّى يُفْطِرَ، وَدَعْوَةُ الْمَظْلُومِ"(رواه ابن ماجه) މާނައީ: "ތިން މީހެއްގެ ދުޢާ އިޖާބަ ނުކުރައްވައި ރައްދު ނުކުރެއްވޭ ހުއްޓެވެ. އެއީ ރޯދަވެރިޔާ ރޯދަ ވީއްލުމަށް ދާންދެންނާއި، ޢަދުލުވެރި ވެރިޔާއާއި، އަނިޔާ ލިބިފައިވާ މީހާގެ ދުޢާއެވެ."

ދުޢާ އިޖާބަ ކުރެއްވުމަށް ޚާއްޞަ ވަގުތުތަކެއްވެއެވެ. އެ ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ މި މައްސަރުގެ ދަރުމަޔާއި ސަވާބު އެދޭ މީހާއަށް ކޮންމެހެން މުހިންމު ކަމެކެވެ. އަލްއިމާމު އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. "ކޮންމެ ޢަމަލެއްގައިވެސް އެންމެ ހެޔޮވެގެންވާ މީހުންނަކީ އެ ޢަމަލު ކުރާހިނދު، އެންމެ ގިނައިން މާތް ﷲ ހަނދުމަކޮށް ޒިކުރު ކުރާ މީހުންނެވެ. ރޯދަވެރީންގެ ތެރެއިން އެންމެ ހެޔޮ މީހުންނަކީ އެންމެ ގިނައިން ޒިކުރު ކުރާ މީހުންނެވެ. ޞަދަޤާތްދޭ މީހުންގެ ތެރެއިން އެންމެ ހެޔޮ މީހުންނަކީ އެންމެ ގިނައިން ޒިކުރު ކުރާ މީހުންނެވެ. ހުރިހާ ޢަމަލެއްގައިވެސް މިކަން އޮތީ ހަމަ މިގޮތަށެވެ." (الوابل الصيب 140)

ރޯދަވެރިޔާ، ރޯދަ ވީއްލުމަށްދާންދެން ކުރާ ދުޢާ އިޖާބަ ކުރައްވާނޭކަމުގައި އިސްވެ ބަޔާންކުރެވުނު ޙަދީޘުންވެސް އެނގެއެވެ. ވީމާ ރޯދައަށް ހުންނަ ވަގުތުގައި ދުޢާކުރުމާއި ޒިކުރު ކުރުން ގިނަ ކުރައްވާށެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އެންމެ ގިނައިން ކުރެއްވި ދުޢާއަކީ ކޮބައިތޯ، އެކަލޭގެފާނުގެ އަނބިކަނބަލުން އުއްމު ސަލަމާ رضي الله عنها ގެ އަރިހުގައި ދެންނެވުނުހިނދު ވިދާޅުވިއެވެ. "އެކަލޭގެފާނު އެންމެ ގިނައިން ކިޔުވަނީ މިދުޢާއެވެ. "يَا مُقلِّبَ القُلُوبِ ثَبِّتْ قَلْبِي عَلى دِيْنِكَ" (އޭ ހިތްތައް ފުރޮޅުއްވާ އިލާހެވެ. އަޅުގެ ހިތް އިބަ އިލާހުގެ ދީންމަތީގައި ސާބިތުކޮށްދެއްވާނދޭވެ!)

ރޯދަ ވީއްލާހިނދަކީވެސް ދުޢާ އިޖާބަކުރައްވާ ޚާއްޞަ ވަގުތެކެވެ. "ރޯދަވެރިޔާ ރޯދަ ވީއްލާހިނދު ކުރާ ދުޢާއަކީ، އިޖާބަ ނުކުރައްވައި ރައްދު ނުކުރެވޭނޭ ދުޢާއެކެވެ." ޙަދީޘް ކުރައްވާފައިވެއެވެ. ވީމާ، ރޯދަ ވީއްލުމުގެ ކުރީގައި އޮންނަ ވަގުތުކޮޅަކީ ދުޢާކުރުމުގެ ވަގުތުކޮޅެއްކަމުގައި ހަދާށެވެ. އެ ވަގުތުގައި ގިނަގިނައިން ދުޢާ ކުރުމަށް ފަރުވާތެރިވާށެވެ.

ރޯދަވީއްލާހިނދު ކިޔާނޭ ދުޢާވެސް ސުންނަތުގައި ބަޔާންވެގެންވެއެވެ. ރޯދަ ވިއްލާހިނދު މިފަދައިން ކިޔުން ސުންނަވެގެންވެއެވެ. "ذَهَـبَ الظَّمَـأُ، وَابْتَلَّـتِ العُـروق، وَثَبَـتَ الأجْـرُ إِنْ شـاءَ الله" މާނައީ: "ކަރުހިއްކުން ފިލައިގޮއްސިއެވެ. ނާރުތައް ތެމިއްޖެއެވެ. އަދި މާތް ﷲ އިރާދަކުރެއްވިއްޔާ ރޯދައިގެ ދަރުމަ ޙާޞިލުވެއްޖެއެވެ."

ޢަބްދު ﷲ ބުނު ޢަމްރު ބުނުލް ޢާޞް رضي الله عنه ރޯދަ ވީއްލާހިނދު މިފދައިން ކިޔުއްވާކަމުގައިވެއެވެ. "اللّهُـمَّ إِنَّـي أَسْـأَلُـكَ بِرَحْمَـتِكَ الّتي وَسِـعَت كُلَّ شيء، أَنْ تَغْـفِرَ لي" (އޭ ﷲ އެވެ! ހުރިހާ ތަކެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވާ އިބަ އިލާހުގެ ރަޙްމަތުން މިއަޅާއަށް ފާފަ ފުއްސަވާނދޭވެ!)

ރެޔަކާއި ދުވާލުގެ ތެރޭގައި ދުޢާ އިޖާބަކުރެއްވުން ޚާއްޞަވެގެންވާ އެތައް ވަގުތެއްވަނީ ލައްވާފައެވެ. އެގޮތުން ރޭގަނޑުގެ ފަހު ތިންބައިކުޅަ އެއްބަޔަކީ ދުޢާ އިޖާބަކުރެއްވުން ޚާއްޞަވެގެންވާ ވަގުތެކެވެ. މި ބަރަކާތްތެރި ރަމަޟާންމަހު، ދަންވަރުގެ ވަގުތު ހާރުކެއުމަށާއި އަދި އެނޫން ބޭނުންތަކުގައިވެސް ގިނަ ބަޔަކު ހޭލާ އުޅެއެވެ. ވީމާ، އެ ވަގުތަކީ ދުޢާކޮށް ޒިކުރުކޮށް ކީރިތި ޤުރްއާން ކިޔެވުމުގެ ވަގުތެއްކަމުގައި ހެދުން މުހިންމެވެ.

ކޮންމެ ބަންގިއަކާއި ޤަމަތުގެ ދެމެދުގައިވާ ވަގުތަކީވެސް ދުޢާ އިޖާބަކުރެއްވުން ޚާއްޞަވެގެންވާ ވަގުތެކެވެ. ހަމައެފަދައިން، އަޅާ އޭނާގެ ވެރި ރައްބާ އެންމެ ގާތްވެގެންވާ ވަގުތަކީ ސަޖިދައިގައި އޮންނަ ވަގުތެވެ. ވީމާ، ސަޖިދައިގައި އޮވެ ދުޢާ ކުރުން ގިނަ ކުރުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އިރުޝާދު ދެއްވާފައެވެ. ހަމައެފަދައިން، ކޮންމެ ނަމާދެއްގެ އައްތަޙިއްޔާތަށް ފަހުގައިވެސް ދުޢާކުރުން އެދެވިގެންވެއެވެ. ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައިވެސް ދުޢާ ކުރާށެވެ. އެވަގުތަކީވެސް ދުޢާ އިޖާބަކުރައްވާ ވަގުތެކެވެ.

މި ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮކަން އިތުރުކުރަން އެދޭމީހާ އަށް އެންމެ ފަސޭހަ އަދި އެންމެ މުހިންމު އަޅުކަމަކީ ދުޢާކޮށް ޒިކުރު ކުރުން ގިނަ ކުރުމެވެ. ވީމާ، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވައި ދުޢާކޮށް ޒިކުރު ކުރުން ގިނަކުރާށެވެ. އޭރު ރޯދައިގެ ދަރުމަޔާއި ސަވާބު އިތުވުރުވެގެންދާނެއެވެ.