ކުޅުދުއްފުށި

އާތިފު ސަމާލުކަން އޮތީ ބޯހިޔާވަހި ކަމަށް

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭން ކަމަށް ކުޅުދުއްފުށި ސިޓީގެ ފުރަތަމަ އިންތިހާބީ މޭޔަރު މުހައްމަދު އާތިފު ވިދާޅުވެއްޖެ އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އާތިފް ވިދާޅުވީ ކުޅުދުއްފުއްޓަކީ ބޯހިޔާވަހިކަން ބޭނުންވާ ވަރަށް ގިނަ ބަޔަކު ތިބި ސިޓީއެއް ކަމަށެވެ. އެގޮތުން މިހާރުން މިހާރަށް ވެސް ބޯހިޔާވަހި ކަމެއް ބޭނުންވާ 1200 އާއިލާއެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އާތިފު ވިދާޅުވި ގޮތުގައި ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި މުޅި ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހިމަނާފައިވާތީ ސަރުކާރާ ވާހަކަ ދައްކައިގެން އޭގެތެރެއިން އެކަށީގެންވާ އަދަދެއް ކުޅުދުއްފުއްޓަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ އެވެ.

އޭނާ ވިދާޅުވާ ގޮތުން ސަރުކާރުގެ ތެރެއިން ލިބޭ ފައިސާ، އެކަށީގެންވާ އަދަދަކަށް ނުވާ ނަމަ ބޭންކުތަކުން ލޯނުގެ ގޮތުގައި ދޫކުރާ ހައުސިން ސްކީމަކުން ފައިސާ ހޯދައިގެން ނަމަވެސް ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވަން ބޭނުންފުޅުވެ ވަޑައިގަންނަވަ އެވެ.

"ރަށުގައި މީހުން ދިރިއުޅޭ އެބަ 1380 ގޭގައި. ބިން އޮވެ އިމާރާތް ނުކުރެވި އެބަވޭ 783 ބިމެއް. ކުލި ދައްކައިގެން އެބައުޅޭ 137 ގޭގައި، މީހުން ނޫޅޭ 91 ގެ އެބަހުރި،" ބޯހިޔާވަހިކަމުގެ މައްސަލަ އޮތް ގޮތް އޭނާ ސާފު ކޮށްދެއްވި އެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ކުޅުދުއްފުށިން ހިއްކާފައިވާ 28 ހެކްޓަރުގެ ބިމެއް އޮވެ އެވެ. އާތިފް ވިދާޅުވީ އެ ބިމުގައި ހަދާފައިވާ 105 ރޯހައުސްގެ މަސައްކަތް މިދިޔަ ސަރުކާރުގައި ހުއްޓިފައިވާ ކަމަށާއި ނަމަވެސް އެ މަސައްކަތް ވަރަށް އަވަހަށް ނިންމާލަން އަމާޒެއް ކަނޑައަޅައިގެން މި ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިމާރާތް ނުކޮށް ހުރި ބިންތަކުގައި ގެދޮރު އެޅޭނެ ގޮތެއް ހަދައިދީގެންނާއި ހައުސިން ޔުނިޓްތަކެއް އަޅައިގެން ބޯހިޔާވަހިކަމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ހޯދައިދެވޭނެ އެވެ. އަދި އޭނާ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ކުޅުދުއްފުށީގެ ލޭންޑް ޔޫޒް ޕްލޭން އަލުން އެކުލަވައިލައްވާނެ އެވެ.

ކުޅުދުއްފުށީގެ ސިއްހީ ނިޒާމު ރަނގަޅުކުރުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެ ވަޑައިގެންނެވި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުން އަވަސް ކުރުމަށް ބާރު އަޅުއްވާނެ އެވެ. ކުޅުދުއްފުށީގެ އުފެއްދުންތަކަށް މާކެޓް ހޯދައިދީ ހަމަ އަގު ލިބޭނެ އިންތިޒާމު ހަމަޖައްސަައި ދޭން ވެސް އާތިފް ހުންނެވީ ތައްޔާރަށެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތު ބޭނުންވާތީ ބޮޑެތި އިންވެސްޓްމަންޓްތަކަށް ދައުވަތު ދީ، ރަށުގައި ވަޒީފާގެ ފުރުސަތު އިތުރު ކުރުމުގެ ޕްލޭނެއް ވެސް އޭނާގެ އެބައޮތެވެ. އެގޮތުން ކުޅުދުއްފުށީގައި ލޯކަލް ޓޫރިޒަމް ފުޅާކޮށް ބޮޑު އިގްތިސޯދަކަށް ސިޓީއަކަށް ބަދަލު ކުރާނެ އެވެ.

"މިރަށުގައި ނެތް ރައްޔިތުން ހިތްހަމަ ޖައްސާލެ ޕާކެއް ވެސް، މައިޒާނެއް ވެސް. އެތަންތަން ކުރިއަށް އޮތް ދައުރުގެ ތެރޭގައި ހަދާނަން. ރަށުގެ ކުޅިއާ ދިމާލުގައި ނޭޗާ ޕާކެއް ހެދުމަކީ ވެސް އަޅުގަނޑުމެންގެ ވަރަށް ބޮޑު އުއްމީދެއް. ޖުމްލަކޮށް ބުނަންޏާ ޓެކްނޮލޮޖީގެ ފެހި ސިޓީއަކަށް ހަދާނަން،"

ކުޅުދުއްފުއްޓަކީ އަތޮޅު ތެރެއިން އެންމެ ގިނަ ބަޔަކު ޒިޔާރަތް ކުރާ އެއް ރަށެވެ. އެހެން ރަށްރަށުން ކުޅުދުއްފުއްޓަށް ޒިޔާރަތްކުރާ މީހުންނަށް މިހާރަށް ވުރެ ރަނގަޅަށް މަރުހަބާ ކިޔައި މެހްމާންދާރީ އަދާކުރަންޖެހެ އެވެ. އެހެންކަމުން އެ ރަށަށް ޒިޔާރަތްކުރާ މީހުންނަށް ހާއްސަކޮށްގެން ބަނދަރު ސަރަހައްދުގައި ހާއްސަ ވަސީލަތްތަކެއް ގާއިމުކުރުމަކީ އާ މޭޔަރުގެ އަޒުމެވެ.

"ރައްޔިތުން މާޔޫސް ވާކަށް ނުޖެހޭނެ. އިތުބާރާއި ޔަގީންކަން ހޯދުމަށްޓަކައި ކައުންސިލް އިދާރާއަށް ވެސް ގެންނަންޖެހޭ ބަދަލުތައް ގެންނާނަން. އުފައްދަންޖެހޭ ޑިޕާޓްމަންޓެއް ވާނަމަ އެތަނެއް އުފައްދާފައި އުވާލަންޖެހޭ ތަނެއް ވާނަމަ އެތަނެއް އުވާލައިގެން ވެސް ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދޭނަން،" އާތިފް ވިދާޅުވި އެވެ.