ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ޏ. ފުވައްމުލަކު ލައިބްރަރީއަށް ފޮތް ހަދިޔާ ކޮށްފި އެވެ.
އެ ލައިބްރަރީއަށް އެކި އުމުރު ފުރާއާ ގުޅޭ 400 އަށްވުރެ ގިނަ ފޮތް ހަދިޔާ ކޮށްފައިވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އާންމުންނަށް ވެސް ހުޅުވާލައިފައި ހުންނަ މި ލައިބްރަރީއަށް އިނގިރޭސި، ދިވެހި އަދި ދީނީ ފޮތްތަކުގެ އިތުރުން އޭލެވެލް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ވެސް ބޭންކުން ދިނެވެ.
ފޮތް ހޯދުމުގެ އެ ޕްރޮޕޯސަލް ކޮމިއުނިޓީ ފަންޑަށް ލައިގެން ކާމިޔާބު ކުރީ ފާތިމަތު ރަޝީދެވެ. އޭނާ ބުނި ގޮތުގައި ފުވައްމުލަކުގައި ސުކޫލު ކުދިންގެ އިތުރުން ކޮލެޖް ދަރިވަރުން ވެސަް ތައުލީމު ހާސިލް ކުރަމުން އަންނައިރު ލައިބްރަރީއެއް ނުވަތަ ރަނގަޅު ފެންވަރުގެ ފޮތް ވިއްކާ ފިހާރައެއް ނެތުމުން ދަތިވެ އެވެ. އެހެންވެ ފޮތްކިޔުމުގެ ފުރުސަތު ނުލިބޭ ކަމަށާއި މިކަން ކުރުމުގެ ބޭނުމަކީ އެފުރުސަތު ހޯދައި ދިނުމެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅެ އެވެ. އެއީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަން ކަމަށެވެ.