ބަރުމާ / މިއަންމާގެ އަސްކަރީ ވެރިޔާ މިން އޮންގް ލައިންގް، އެ ގައުމުގެ ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އާސިއާން ސަމިޓަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ. ތައިލޭންޑް ފޮރިން މިނިސްޓްރީން ބުނީ މިން އޮންގް ލައިންގް ސަމިޓްގެއ ދައުވަތު ގަބޫލު ކުރައްވާފައިވާ ކަމަށާއި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
މިއަންމާގެ މަދަނީ ސަރުކާރު މިއަހަރު ކުރީކޮޅު އަސްކަރިއްޔާއިން ޖަހައިގަތް ފަހުން އެ ގައުމުގެ ލީޑަރަކީ މިން އޮންގް ލައިންގް އެވެ. ދުނިޔޭގެ ގައުމުތަކުން މިއަންމާގެ އަސްކަރީ ވެރިކަން ބަލައިނުގަތް ނަމަވެސް ވެރިކަމުގައި މިހާރު ތިއްބެވި އަސްކަރީ ޖެނެރަލުން ގެންދަވަނީ އެ މީހުންގެ ގޮތުގައި ސަރުކާރު ހިންގަމުންނެވެ.
އާސިއާން ސަމިޓަށް ވަޑައިގަތުމަށް މިން އޮންގް ލައިންގް އަށް ދައުވަތު ލިބިވަޑައިގަތުމުން މި ދަތުރު ވާނީ މިއަންމާ ބަޣާވަތަށް ފަހު ގައުމުން ބޭރަށް އޭނާ ކުރައްވާ ފުރަތަމަ ދަތުރަށެވެ.
ތައިލޭންޑް ފޮރިން މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ތަރުޖަމާނަކު ވިދާޅުވެފައިވާ ގޮތުން އާސިއާން ސަމިޓަށް ގައުމުތަކުން ދައުވަތު ވަނީ ގަބޫލު ކޮށްފަ އެވެ. އޭގެ ތެރޭގައި މިއަންމާ ވެސް ހިމެނެ އެވެ.
އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ސަމިޓް މިފަރު އޮންނާނީ އިންޑޮނޭޝިއާގެ ވެެރިރަށް ޖަކާޓާގަ އެވެ. 10 ގައުމެއް ތަމްސީލްކުރާ ސަމިޓް ފެށޭ ދުވަހަކީ މި މަހުގެ 24 އެވެ.
ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން މިން އޮންގް ލައިންގް ބޭރު ގައުމުތަކަށް ވަޑައިގެން ސަރުކާރު ތަމްސީލު ކުރުމަށް ގިނަ އާންމު ރައްޔިތުން ނުރުހެ އެވެ. މިއަންމާގެ ރައްޔިތުން ދެކޭ ގޮތުގައި އަސްކަރިއްޔާއިން ސަރުކާރު ހިންގަނީ ބާރާއި ނުފޫޒުން އަދި އާންމުންނަށް މަޖުބޫރު ކޮށްގެންނެވެ،
މިއަންމާގައި މިއަހަރު ފެބްރުއަރީ 1 ގައި އަސްކަރިއްޔާއިން މަދަނީ ސަރުކާރު ވައްޓާލައި ގައުމަށް ގަދަވެގަތް ފަހުން އެ ގައުމު ވަނީ ރޫޅިފަ އެވެ. އަސްކަރީ ވެރިކަމާ ދެކޮޅު ހެދުމަށް މަގުތަކަށް ނުކުންނަ އާންމުންނަށް ސިފައިނާ ފުލުހުން އަންނަނީ ހަމަލާދެ މުންނެވެ.
މިނިވަން ޖަމިއްޔާތަކުން އެއްކޮށްފައި ހުރި ތަފާސްހިސާބުތައް ބުނާ ގޮތުން ސިފައިންނާއި ފުލުހުންގެ ހަމަލާތަކުގައި 700 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އާންމުން މަގުތަކަށް އެއްވެ އުޅޭ ސަރަހައްދުތަކަށް ރަބަރު އުންޑަ އާއި ދަގަނޑު ވަޒަނުން ސިފައިން ހަމަލާދިމުގެ ސަބަބުން ކިތަންމެ ބަޔަކު ޒަހަމްވެ ވަނީ ހޮސްޕިޓަލުން ފަރުވާން ދޭން ޖެހިފަ އެވެ.