ދުނިޔެ

ބަރުމާ ސުލްހަވާން އާސިއާން ލީޑަރުން ގޮވާލައިފި

ބަރުމާ / މިއަންމާގައި ހިނގާ ހަމަނުޖެހުންތައް ވަގުތުން ވަގުތަށް ހުއްޓާލަން ގޮވާލައި، އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭޝިއަން ނޭޝަންސް" (އާސިއާން) ލީޑަރުން ފަސް ނުކުތާއަކަށް ބާރުއަޅައި އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

އެއްބަސްވުން ގޮވާލާ ފުރަތަމަ ނުކުތާއަކީ ޝަރުތަކާ ނުލައި އަސްކަރިއްޔާއިން ހަމަނުޖެހުންތައް ހުއްޓާލުމެވެ. އަދި ހަމަނުޖެހުމަކަށް މަގުފަހި ކޮށްފާނެ އެންމެހައި ހަރަކާތަކުން ހުރިހާ އެއްންމެން، އާންމުން ވެސް ހިމެނޭ ގޮތުން، ދުރުހެލިވުމެވެ. އަދި އަސްކަރިއްޔާއާ މަދަނީ ސަރުކާރާ ދެމެދު މަޝްވަރާ ކުރަން ފެށުމާއި އަމާން ވެއްޓަކަށް އަމާޒު ހިފުމެވެ.

އާސިއާން ވެރިންގެ ބަޔާނުގައި ބުނެފައިވާ ގޮތުން މަޝްވަރާ ކުރުމަށް އެހީތެރިވުމަށް އެ ޖަމާއަތުން މެދުވެރިވާނެ ކަމަށާއި ރިޔާސަތުން ކަނޑައަޅާ ހާއްސަ މަންދޫބެއް މިއަންމާއާށް ދަތުރުކޮށް މަޝްވަރާތަކުގައި އެހީތެރިވާނެ ކަމަށެވެ. އަދި ބަރުމާއަށް އިންސާނީ އެހީ ފޯރުކޮށް ދޭނެ ކަމަށް ބަޔާނުގައި ވެއެވެ.

ރަކީން ސްޓޭޓްގައި މުސްލިމުންނަށް ކުރެވޭ އަނިޔާއަށް ވެސް އާސިއާން ވެރިންގެ ބަޔާނުގައި ވަނީ އަލިއަޅުވާލާފަ އެވެ. ގައުމު ދޫކޮށް ގޮސްފައިވާ ރޮހިންޔާ އާބާދީ އަނބުރާ މިއަންމާއަށް ގެންނަން ޖެހިފައިވާ ކަމަށާއި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭ ކަމަށް ބަޔާނުގައި ވެއެވެ.

އާސިއާން ސަމިޓް މިފަހަރު އޮންނާނީ އިންޑޮނޭޝިއާގެ ވެެރިރަށް ޖަކާޓާގަ އެވެ. ޖުމްލަ 10 ގައުމެއް ތަމްސީލްކުރާ ސަމިޓް 24 ގައި ފެށިގެން ކުރިއަށް އެބަދެ އެވެ. ރިޔާސަތު ބަލަހައްޓަވަނީ ބުރުނާއީގެ ސުލްތާން ހަސަނުލް ބުލްކިއާ އެވެ.

ބަރުމާއިން ގައުމުގެ ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އާސިއާން ސަމިޓްގައި ބައިވެރިވެ ވަޑައިގަތީ އަސްކަރީ ވެރިޔާ މިން އޮންގް ލައިންގް އެވެ.