ރޮހިންޔާގެ ގާތްގަނޑަކަށް 300 ރެފިއުޖީން ހިމެނޭ ބޯޓެއް އިންޑޮނޭޝިއާއަށް ބަނދަރު ކޮށްފި އެވެ. އިންޑޮނޭޝިއާގެ ފުލުހުން ބުނާ ގޮތުގައި ރެފިއުޖީންގެ އެ ބޯޓު ފެނިފައި ވަނީ ސުމަޓްރާގެ އުތުރު އައްސޭރި ކައިރިންނެވެ.
މި ބޯޓުގައި 297 ރެފިއުޖީން ދަތުރު ކުރި އެެވެ. އޭގެ ތެރޭގައި 14 ކުޑަކުދިންް ވެސް ހިމެނެ އެވެ. ބޯޓުގައި ތިބި މީހުންގެ ހާލަތު ވަނީ ވަރަށް ދެރަވެފަ އެވެ. ބޯޓު ބަނދަރުކުރި ސަރަހައްދުގެ އާންމުން ވަނީ ކާނާ އާއި އަންނައުނު އެ ރެފިއުޖީންނަށް ހަދިޔާ ކޮށްފަ އެވެ. އެހީ ފޯރުކޮށް ދިނުމުގައި އުޅުނު އާންމުންގެ މީހަކު ބުނީ އެއީ ވެސް އިންސާނުން ކަމަށް ވުމާއެކު އިންސާނިއްޔަތު ކަމުގެ ގޮތުން އެހީ ވެދޭން ޖެހޭ ކަމަށެވެ.
އެ ބޯޓުގައި ދަތުރުކުރި ރެފިއުޖީން ބުނާ ގޮތުގައި އެ ދަތުރުގެ މަތީގައި އުޅޭތާ މިހާރު ހަ މަސް ދުވަސް ވެއްޖެ އެވެ. ދަތުރު ފެށީ ބަނގުލާދޭޝްގެ ދެކުނުން މާޗް މަހުގެ ފަހުކޮޅު ނޫނީ އޭޕްރީލް މަހުގެ ކުރީކޮޅުގަ އެވެ.
ރޮހިންޔާގެ މައްސަލައިގައި އެމިހުންގެ ހައްގުގައި ވަކާލާތުކުރާ ޖަމާއަތެއް ކަމުގައިވާ އަރަކާން ޕްރޮޖެކްޓްގެ ޑިރެކްޓާ ކްރިސް ލެވާ ވިދާޅުވީ މިއީ 2015 ވަނަ އަހަރުގެ ފަހުން އިންޑޮނޭޝިއާއަށް މިގޮތަށް ދިޔަ ރޮހިންޔާގެ އެންމެ އަދަދު ގިނަ ރެފިއުޖީ ގްރޫޕް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ރެފިއުޖީންގެ އެ ބޯޓު މެލޭޝިއާ އަދި ތައިލޭންޑަށް ދިއުމުން އެ ދެ ގައުމަށް ރެފިއުޖީން އެތެރެ ވުމުގެ ހުއްދަ ނުދިން ކަމަށާއި އެއީ ކޮރޯނާ ވައިރަސްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
ލެވާ ވިދާޅުވި ގޮތުގައި ރެފިއުޖީން ޓްރެފިކް ކުރި މީހުން ކަނޑުމަތީގައި ރެފިއުޖީން ހޮސްޓެޖުންގެ ގޮތުގައި އެތައް ދުވަހަކަށް ބޭތިއްބި ކަމަށް ލަފާ ކުރެވެ އެވެ. އަދި ރެފިއުޖީންގެ ތެރެއިން 30 މީހަކު ދަތުރުމަތީގައި މަރު ވެސް ވެފައި ވެއެވެ. އަދި ދަތުރުގެ ފީގެ ގޮތު ފައިސާ ނުދެއްކޭ މީހުން އެއްވެސް ރަށަކަށް ފޭބުމުގެ ހުއްދަ އެމީހުން ނުދެ އެވެ.
ރޮހިންޔާގެ ގިނަ އަދަދެއްގެ ރެފިއުޖީން ވަނީ މިޔަންމާގެ ސަރުކާރުގެ އަނިޔާވެރިކަމާ ހެދި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް މީގެ އެތައް އަހަރެއް ކުރިން ފެށިގެން ހިޖްރަ ކުރަން ފަށާފަ އެވެ. އެންމެ ގިނައިން ހިޖްރަ ކުރަނީ ބަންގްލާދޭޝް އަށެވެ. މިގޮތުން ބަންގްލާދޭޝްގައި މިހާރު އެއް މިލިއަން ރޮހިންޔާ ރެފިއުޖީން ވަރަށް ދަތި ހާލުގައި ދިރި އުޅެއެވެ.
ހިއުމަން ޓްރެފިކް ކުރާ ގްރޫޕްތަކުން މިފަދަ ކޭމްޕްތަކަށް ގޮސް ފޮނި ހުވަފެންތައް ދެއްކުމަށް ފަހު ފައިސާ އަތުލައި ކުދި ބޯޓު ފަހަރުގައި ގަވާއިދާއި ހިލާފަށް މުސްލިމު އަޣުލަބިއްޔަތު އޮންނަ މެލޭޝިއާ އާއި އިންޑޮނޭޝިއާއަށް ގެންދެ އެވެ. މިފަދަ ދަތުރުތަކުގައި އެތައް ބަޔަކު ހައިހޫނު ކަމުގަ އާއި ކަނޑު ގަދަވުމުގެ ސަބަބުން މަރުވެ ކަނޑަށް ޣަރަގުވެ އެވެ.