މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަދަދު އިތުރުވެ، އާމްދަނީ 13 ޕަސެންޓް މައްޗަށް ޖެހިލާފައިވާ ކަމަށް ކަސްޓަމުން ބުނެފި އެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މާޗް މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައިވަނީ 3.2 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މި އަހަރުގެ މާޗް މަހު އެ އަދަދު ވަނީ 3.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ 13 ޕަސެންޓުގެ އިތުުރު ވުމެކެވެ.
އިމްޕޯޓް އިތުރު ވުމުގެ ސަބަބުން މާޗް މަހު ދައުލަތަށް ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު 13 ޕަސެންޓް އިތުރުވެފައި ވެއެވެ. މިދިޔަ އަހަރުގެ މާޗް މަހު 235 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މާޗް މަހު މި އަދަދު ވަނީ 266 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައި ވަނީ އޮމާން އާއި އިންޑިއާ އަދި ސިންގަޕޫރުންނެވެ. އޮމާން އިން 465 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު އިންޑިއާއިން 439 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 432 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވެ އެވެ.
އިމްޕޯޓް އިތުރުވީ ނަމަވެސް ރާއްޖޭން މުދާ ބޭރު ކުރި އަދަދު ވަނީ ބޮޑުތަން ދަށްވެފަ އެވެ. މިދިޔަ އަހަރުގެ މާޗް މަހު ރާއްޖޭން 380 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރި ނަމަވެސް މި އަހަރު އެކްސްޕޯޓް ކުރީ 301 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 21 ޕަސެންޓުގެ ދަށްވުމެކެވެ.
މިދިޔަ މާޗް މަހު ރާއްޖޭން ބޭރުން 133 އުޅަނދެއް އައިސް 154 އުޅަނދެއް ފުރާފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މާޗް މަހު ރާއްޖެ އައިސްފައިވަނީ 115 އުޅަނދެވެ. އަދި ފުރާފައިވާ އުޅަނދުގެ އަދަދަކީ 122 އެވެ. މިދިޔަ މަހު ކަސްޓަމަރުން 19,138 ޑިކްލެރޭޝަން ޕްރޮސެސް ކުރި އެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗު މަހު ޕްރޮސެސް ކުރީ 15,643 ޑިކްލެރޭޝަން އެވެ.