ވިޔަފާރި

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުގެ ވެސް ބޮޑުތަނުން ދަށަށް

މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓު ވެސް ބޮޑު ތަނުން ދަށްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

މޯލްޑިވްސް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ފާއިތުވި ނޮވެމްބަރު މަހު ރާއްޖެ އަށް އިމްޕޯޓް ވަނީ 52 ޕަސެންޓް ދަށްވެފަ އެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އަށް 4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިދިޔަ މަހު އަދަދު އުޅެނީ 2.1 ބިލިއަން ރުފިޔާގަ އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި ފާއިތުވި ނޮވެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 33 ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 303 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ނޮވެމްބަރު މަހު މި އަދަދު ވަނީ 204 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމު ތަކަކީ ޗައިނާ އާއި ސިންގަޕޫރު އަދި އިންޑިއާ އިންނެވެ. އެގޮތުން ޗައިނާ އިން 267 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ސިންގަޕޫރުން 243 މިލިއަން އަދި އިންޑިއާ އިން 235 މިލިއަން ރުފިޔާގެ މިދިޔަ މަހު އެތެރެކޮށްފައިވެ އެވެ.