ގާނޫނީ ވަކީލު އަހްމަދު ނަޖީބުގެ ގަޔަށް ވަޅި ހަރައި މަރާލުމުގެ ކުށް ސާބިތުވެފައިވާ ށ. ގޮއިދޫ، ރިހާބް، ފާތިމަތު ހަނާ މެރުމަށް ހައިކޯޓާއި ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ހަނާ މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ ޖުލައި 19، 2012 ގައެވެ. ހަނާގެ ފަރާތުން ދަށު ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން މައްސަލަ ނިންމީ މެއި 9، 2016 ގައެ
ސުޕްރީމް ކޯޓުން މިއަދު އަޑުއެހުންތައް ނިންމާލި މައްސަލަ ދައުލަތުން އެ ކޯޓަށް ހުށަހެޅީ ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވާތީ ހުކުމް އިތުރަށް ކަށަވަރު ކުރުމަށެވެ. މިއަދު ބޭއްވި މި މައްސަލައިގެ ދެވަނަ އަޑުއެހުމުގައި ދައުލަތާއި ހަނާގެ ފަރާތުން ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް ވަނީ ދައްކާފަ އެވެ.
މިދިޔަ މަހުގެ ދެވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން ޖަވާބު ނުދީ ހުރި ސުވާލުތަކަށް ވެސް ދެ ފަރާތުން މިއަދު ވަނީ ޖަވާބު ދީފަ އެވެ.
ހަނާ ކިޔައިދިން ގޮތުގައި މ. މަސްރޫރާ ގެއަށް ނަޖީބަށް ގުޅައިގެން ގެނައީ ނަޖީބް މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ މުއްރަތުގެ މަންމަގެ ގެއާ ގުޅޭ ކޮންމެވެސް މައްސަލައަކާ ގުޅިގެން ކަމަށެވެ. މަސްރޫރާ ގެއަށް ނަޖީބް ގެނައުމަށްފަހު ތިން މީހުން ވާހަކަ ދައްކަން ތިބީ މުއްރަތުގެ ކޮޓަރީގައި ކަމަށާއި މަންމަ ކޮބައިތޯ ނަޖީބް ސުވާލުކުރުމުން މުއްރަތު ބޭރަށް ނިކުތީ އޭނާގެ މަންމަ ކޮބައިތޯ ބަލައިލަން ކަމަށެވެ. ނަޖީބް އެގެއަށް ދިޔައިރު މުއްރަތުގެ މަންމަ ގޭގައި ނޫޅޭ ކަމަށްވެސް ހަނާ ބުންޏެވެ. މުއްރަތު ނިކުތުމުން ނަޖީބް، ހަނާއާއި ދިމާލަށް ބެލި ކަމަށާއި ވާހަކަ ދައްކަމުން ދައްކަމުން ގޮސް ހަނާގެ ފައިގައި ކޮއްޓާ ހެދި ކަމަށްވެސް ބުންޏެވެ.
"ދެން ބުނަނީ އަޅުގަނޑަށް ހުންނަނީ ފަންޑިތަ ހަދާފައޭ. އަޅުގަނޑާ މުއްރަތަކަށް އެކީގައެއް ނޫޅެވޭނެއޭ. ދެން ބުނީ އެކަނި އަޅުގަނޑާ ވާހަކަ ދައްކަން ބޭނުންވާ ކަމަށް."
އެކަމާ އުނދަގޫ ވެގެން ހަނާ ދެން ނިކުތީ މުއްރަތު ހޯދަން ބޭރަށް ކަމަށާއި މުއްރަތު ފެނުމުން ނަޖީބް އަމަލުކުރި ގޮތް ކިޔައިދިން ކަމަށް ބުންޏެވެ. އޭގެ ފަހުން މުއްރަތު އޭނާ އަށް އެންގީ މައްޗަށް އެރުމަށް ކަމަށާއި ހަނާ މަތީގައި ހުއްޓައި މުއްރަތު ވަޅިއެއް ހިފައިގެން އައިސް ނަޖީބުގެ ކަރުގައި ވަޅި ޖެއްސީ ކަމަށް ބުންޏެވެ.
"މުއްރަތު ނަޖީބަށް ބުނީ ކަލެއަށް ކުރެވުނު ކަމެއް އެބަ އެނގޭހޭ ކިޔާފަ އަޅުގަނޑު ކައިރީ ބުނީ ޓޭޕްރޯލް ހިފައިގެން އަންނާށޭ. އަޅުގަނޑު އޭނާގެ އަތުގަޔާއި އަނގަމަތީ ޓޭޕް އެޅީ. އެކަމަކު ނޭފަތަކު ނާޅަން ނޭވާ ލެވޭގޮތަށް ހުރީ"
އޭގެ ފަހުން ނަޖީބުގެ ވޮލެޓް ނަގައި ކޭޝްކާޑު ނެގުމަށްފަހު އޭނާއަށް ބިރުދައްކައިގެން ކޭޝްކާޑުގެ ޕިން ހޯދައިގެން ދެ މީހުން އޭޓީއެމް އަކަށް ގޮސް ފައިސާ ނެގި ކަމަށް ހަނާ ބުންޏެވެ. ފައިސާ ނަގައިގެން ކާއެއްޗިއްސާ ބަނގުރާ ގަނެގެން ގެއަށް ގޮސް ރާ ބޮއެގެން ހަނާ އަށް ނިދުނީ އެވެ. ދެން ހޭލެވުނީ މުއްރަތު ހާސްވެގެން ގޮވާ އަޑަށް ކަމަށާއި ނަޖީބް މަރާލި ކަމަށް ކުރިން އެއްބަސް ވެވުނީ އެއީ ހަނާގެ ސަބަބުން ވީކަމެއް ކަމަށް ގަބޫލު ކުރެވިގެން ކަމަށްވެސް ބުންޏެވެ.
"ފަނޑިޔާރު ހިތައް އަރާފާނެ ކީއްވެގެންހޭ ކުރިން އިއުތިރާފްވީ. އަސްލުވީ ގޮތަކީ އޭރު ކަންތައްތައް ދިމާވި ގޮތުންނާއި އަޅުގަނޑަށް ކުރެވުނު ކަންތައްތަކެއްގެ ސަބަބުން ދިމާވި ކަމެކޭ ހިތައް އެރީ. މުއްރަތު ބުނެގެން ޓޭޕް އަޅާފަ ބޮޑީ ޑިސްޕޯސް ކޮށްލުމުގައި ބައިވެރިވީމަ އެހެން ފީލްވީ. ބަންދަށް ދިޔަފަހުން އެކަން ވިސްނުނީ. ފަހުން ފީލްވީ އެއީ އަޅުގަނޑަށް އައިސްގެން ވާނެ ސެންޓެންސެއް ނޫން ކަން." ހަނާ ކިޔައިދިނެވެ.
ހަނާގެ ވާހަކަތައް އަޑުއެހުމަށްފަހު އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ވަނީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ހަނާ އަށް ލިބިދޭ ހައްގުތައް އޮޅުން ފިލުއްވައިދެއްވިންތޯ ދިފާއީ ވަކީލް އަހްމަދު ޝިފާއުއާ ސުވާލުކުރައްވާފަ އެވެ. ޝިފާއު ވިދާޅުވީ މައްސަލައިގެ ބާވަތުން ހަނާއަށް ގާނޫނީ ގޮތުން ސާފުކޮށްދޭން ޖެހޭ ހުރިހާ ކަމެއް ސާފުކޮށްދީފައި ވާނެ ކަމަށެވެ.
ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ ދައުލަތުގެ ވަކީލު އަދި ދިފާއީ ވަކީލަށް ވެސް ސުވާލުތަކެއް ކުރިމަތިކުރައްވާފަ އެވެ. އެގޮތުން މައްސަލަ މިހާރު ކުރިއަށް ގޮސްފައިވާ ހިސާބުން ހަނާގެ މައްޗަށް ކޮށްފައިވާ ދައުވާ ބަދަލުކުރުމުގެ ފުރުސަތު ދައުލަތަށް ލިބިގެންވޭތޯ ސުވާލުކުރެއްވި އެވެ.
ޝިފާއު ވިދާޅުވީ އެގޮތަށް ދައުވާ ބަދަލުކޮށްގެން އެހެން ކުށެއް ސާބިތުވާނަމަ ހައްގުތަކެއް ގެއްލިގެންދާ ކަމަށާއި ދައުވާ ބަދަލުކުރުމަކީ ދަށުކޯޓު މަރުހަލާގައި ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ ހަނާގެ މައްސަލައަކީ ކްރިމިނަލް ކޯޓުން ސާބިތުވެފައިވާ އަދި އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާ ހުކުމަކަށްވީ ނަމަވެސް އެ ހުކުމުގައި މައްސަލައެއް އުޅޭކަމަށްވާނަމަ މައްސަލަ ތަހުލީލު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ.
ހަނާގެ ދިފާއީ ވަކީލާއި ދައުލަތުގެ ވަކީލް ދެއްވި ޖަވާބާ ގުޅިގެން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މުއްތަހަމްގެ އާ ދިފާއެއް ކުރުމުގެ ފުރުސަތު ލިބިގެންވޭތޯ އަނެއްކާ ވެސް އައްސަވާފަ އެވެ. ދިފާއީ ވަކީލް ޝިފާއު ވިދާޅުވީ އާ ހެއްކެއް ނުވަތަ އާ ކަންތައްތަކެއް ފެންމަތިވެއްޖެނަމަ އެ ފުރުސަތު އޮވެދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ދައުވާ އާއި ގުޅިގެން ހަސްމުން ދައްކަންޖެހޭ ވާހަކަތައް ނިމިފައިވާތީ މިމައްސަލަ އާއި ގުޅިގެން ފަނޑިޔާރުންގެ މަޖިލީހުން ސާފުކުރަން ބޭނުންވާ އިތުރު ކަމެއް ނެތް ނަމަ ދެން އޮންނާނީ މައްސަލައިގައި ހުކުމްކުރުން ކަމަށް އުއްތަމަ ފަނޑިޔާރު އިއުލާންކުރެއްވި އެވެ.
ނަޖީބްގެ މަރު މައްސަލައިގައި ހަނާގެ ލޯބިވެރިޔާ މ. މަސްރޫރާ އަހްމަދު މުއްރަތުގެ މައްޗަށް ވެސް ވަނީ ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާ އުފުލާފަ އެވެ. މުއްރަތުގެ މައްޗަށް ކުށް ސާބިތުވާތީ ކްރިމިނަލް ކޯޓުން އޭނާ މަރަން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ދަމަހައްޓައި އޭނާ މަރަން ސުޕްރީމް ކޯޓުން ވެސް ވަނީ ހުކުމް ކޮށްފަ އެވެ.