ކޯވިޑް-19 އާއި ގުޅުންހުރި ކަންކަން މެނޭޖުކުރުމުގައި ޑޮކްޓަރުން އަދާކުރެއްވި ދައުރު ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޝުކުރު އަދާކުރައްވައިފި އެވެ.
ރައީސް ސޯލިހް، ޑޮކްޓަރުންނަށް ޝުކުރު އަދާކުރެއްވީ މިއަދު ފާހަގަކުރާ ގައުމީ ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި ޑޮކްޓަރުންނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް ސޯލިހް ވިދާޅުވީ ދިވެހިންގެ ސަލާމަތާއި ދުޅަހެޔޮކަމަށްޓަކައި އަދި ކޯވިޑް-19 އާއި ގުޅުންހުރި ކަންކަން މެނޭޖުކުރުމުގައި ޑޮކްޓަރުން ކޮށްދެއްވި ހުރިހާ ކަމަކަށް ޝުކުުރު އަދާކުރައްވާ ކަމަށެވެ.
ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަސް ގައުމީ ޑޮކްޓަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ދިވެހި ޑޮކްޓަރުންގެ ހިދުމަތުގެ އަގު ވަޒަންކޮށް، ހިތްވަރު ދިނުމަށެވެ.
ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި 600 އަށް ވުރެ ގިނަ ދިވެހި ޑޮކްޓަރުން މަސައްކަތް ކުރައްވަ އެވެ.
ކޮވިޑް 19އާއި ގުޅިގެން ޑޮކްޓަރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް މީގެކުރިން ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ފާހަގަކުރައްވާފަ އެވެ.