އިބްރާހިމް ޝަރީފު

"ދެ ރައީސުން ބޭނުންވިޔަސް ނިޒާމު ބަދަލެެއް ނުކުރެވޭނެ"

ވެރިކަމުގެ ނިޒާމު އުވާލާ އެހެން ނިޒާމަކަށް ފުރޮޅާލުމުގެ ބާރު އޮތީ ހަމައެކަނި ރައްޔިތުންނަށް ކަމަށާ އެކަން ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކަށް އަދި ރައްޔިތުންގެ މަޖިލީހަށްވެސް ނުނިންމޭނެ ކަމަށް އައްޑޫސިޓީ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވެވި މެސެޖެއްގަ އެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ޝަރީފް ވިދާޅުވީ ވެރިކަމުގެ ނިޒާމު އުވާލާ އެހެން ނިޒާމަކަށް ފުރޮޅާލުމުގެ ބާރު އޮތީ ހަމައެކަނި ރައްޔިތުންނަށް ކަމަށެވެ. އެއީ ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ އޮތް ނިންމުމެއް ކަމަށާ އެ ނިންމުން ރައްޔިތުންގެ ވޯޓަކަށް ނުގޮސް ބަދަލު ނުކުރެވޭނެ ކަމަށެވެ.

"އެއީ ރައީސް އަކަށް، ރައްޔިތުންގެ މަޖިލިސް އަކަށް ނިންމޭނެ ކަމެއް ނޫން،" އަބަދުވެސް ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަދައްކަވާ ޝަރީފް ވިދާޅުވިއެވެ.

މިއަދު އިރޮއޮއްސުނު ވަގުތު ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހު ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ޑިސެންބަރު 7، 2020 ގައި އޮތް "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ކުރަން އޮތް "ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު" ކަމަށެވެ. އަދި ރާއްޖޭގައި ގިނަ ދުވަހު ވެރިކަން ކޮށްފައިވަނީ ވެސް ބަރުލަމާނީ ނިޒާމަށެވެ. ރިޔާސީ ނިޒާމު މޮޅުވެގެން އެ ވާހަކަ ދައްކަން ފެށީ މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ކަމަށްވެސް ނަޝީދު ވިދާޅު ވިއެވެ.

"އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ ދިވެހިރާއްޖެއަށް އަދި ކޮންމެ ގައުމަކަށް ވިޔަސް ވެރިކަން ކުރަން އެންމެ ރަނގަޅު، އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމެއް. އަޅުގަނޑު މިހެން ދަންނަވާއިރު އަޅުގަނޑު މިއީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ހުރި މީހެއް، އަދި އެކަމު ބޮޑުވަޒީރުކަން ކޮށްފައި ހުރި މީހެއް ނޫން. ދިވެހިރާއްޖޭގައި ގިނައިން ވެރިކަން ކޮށްފައި އޮތީ ބަރުލަމާނީ ނިޒާމަކަށް. މިފަހުން އައި ވިއްސަކަށް އަހަރު ރިޔާސީ ކަންތައްގަނޑެއް ޖެހިގެން މި އުޅެނީ. އެއީ ވަރަށް ފަހުން އައި ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމެއް ކަނޑައެޅުން
ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ވާހަކަ ދެކެވި ބަހުސް އުފެދުމުން 2007 ވަނަ އަހަރު ރާއްޖޭގައި ޕަބްލިކް ރެފަރެންޑަމެއް ކުރިއަށް ގެންގޮސްފަ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިންގާން އޮންނަން ބޭނުން ވަނީ ރިޔާސީ ނިޒާމެއްތޯ، ނޫނީ ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމުގެ އެ ރެފަރެންޑަމްގައި ވޯޓް ދިނުމުގެ ހައްގު 199،841 މީހަކަށް އޮތެވެ. އޭގެ ތެރެއިން 155،890 މީހުން ވޯޓްގައި ބައިވެރިވި އެވެ. ރެފަރެންޑަމްގައި ޕްރެޒިޑެންޝަލް / ރިޔާސީ ނިޒާމެއް އޮންނަން ފެންނަ ކަމަށް 95،619 މީހުން ވަނީ ވޯޓް ދީފަ އެވެ. އެއީ ވޯޓްލީ މީހުންގެ 62.04 ޕަސެންޓެވެ. ޕާލަމެންޓަރީ / ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދީފައި ވަނީ 58،508 މީހުުންނެވެ. އެއީ ވޯޓްލީ މީހުންގެ 37.96 ޕަސެންޓެވެ. ބާތިލުވެގެން 1767 ވޯޓް އެއްލައިލާން ޖެހުނެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފެނުނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ހިންގާށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއްގެ އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމު ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ. ދިވެހިން މިހާރު ބަލައިގެންފައިވާ ގާނޫނު އަސާސީ ބިނާ ވެގެން އައީ ވަރަށް ބޮޑަށް ބަރުލަމާނީ ސިފަތައް ހިމެނިގެން ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅާފައިވަނީ ސީދާ ރައްޔިތުން ކަމަށާއި، އެ ނިޒާމު ބަދަލުކުރާނަމަ ފުރަތަމަ ދާންޖެހޭނީ ރައްޔިތުންގެ ގާތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމާ މެދު ވިސްނަވައި، ރައީސްގެ މަގާމުގައި ހުންނަވައިގެން ވަގުތު ހޭދަކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.

"އަޅުގަނޑު މި މަގާމަށް އައިސް މި ހުރީ ވަރަށް ގިނަ ވައުދުތަކެއް ވެގެން. އަޅުގަނޑު ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ އެ ވައުދުތައް ފުއްދުމަށް. އަޅުގަނޑުގެ ސިކުނޑި އާއި އެހެން ކަންކަން މި ނޫން ކަމަކަށް ހުސްކުރާކަށް ބޭޭނުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.