ޕީޕީއެމް

ބުދަ ދުވަހުގެ ރޭ އިދިކޮޅުގެ ބޮޑު އިހުތިޖާޖެއް

މި ހަފްތާގެ ބުދަ ދުވަހުގެ ރޭ ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ބޮޑު އިހުތިޖާޖަކަށް ނިކުންނާނެ ކަމަށް އެކޯލިޝަނުން އިއުލާނުކޮށްފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މި އިހުތިޖާޖަކީ ގާނޫނާ ހިލާފު ނުވާނެހެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކޮށްދިނުމަށް އެދި ކުރާ އިހުތިޖާޖެއް ކަމަށެވެ.

އޭނާ ވިދާޅުވީ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކުގެ ތެރެއިން ރައީސް ޔާމީނަށް ލުޔެއް ދޭތޯ އެތައް މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ވަޑައިގެން އެމަނިކުފާނަށް ލުޔެއް ލިބޭތޯ މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއަޑުތައް ސަރުކާރަށް ނީވޭ ކަމަށާއި އިންސާފު ހޯދުމަށް އަނެއްކާވެސް މަގުމައްޗަށް ނިކުންނަން ތައްޔާރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމް އިން ސިލްސިލާކޮށް ކުރަމުން އައި އިހުތިޖާޖުތައް ރޯދައަށް މަޑުޖައްސައިލި ނަމަވެސް ބުދަ ދުވަހުގެ ރޭ ބޮޑު އިހުތިޖާޖެއް ކުރާނެ ކަމަށް ވިދާޅުވި އެވެ. އިހުތިޖާޖު ފަށަން ހަމަޖެހިގައި ވަނީ ބުދަ ދުވަހުގެ ރޭ 9:45 ގައި ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.

ރޯދަމަސް ފެށުމުގެ ކުރިން އިދިކޮޅު ކޯލިޝަނުން ދިޔައީ ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު އިހުތިޖާޖުތައް ކުރަމުންނެވެ.