ރިޕޯޓް

"މައުމޫން" ގޮނޑަށް އެއްލާލައިފި!

އެއްގޮތަކަށް ވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކިހިލީގައި ޖަހާލައިގެން ގޮސް ބަޔަކު މީހުން އެ ބޭފުޅާ ކުނި ގޮނޑަކަށް އެއްލާލީކީއެއް ނޫނެވެ. ދައްކަން މި އުޅެނީ ރެއިން ފެށިގެން ޓްވިޓާ އާއި ފޭސްބުކްގެ ދިވެހިންގެ ސަރަހައްދުގައި އެނބުރި އާންމުވެފައިވާ ފޮޓޯގަނޑެއްގެ ވާހަކަ އެވެ.

މި ފޮޓޯ އިން ފެންނަނީ ކުރީގެ ރައީސް މައުމޫން އެ ބޭފުޅާގެ ރަން 30 އަހަރުގައި ބޭނުންކުރެއްވި ރަސްމީ ޕޯޒް އެވެ. ގޮނޑަކަށް އުކާލާފައި މި ވަނީ އެ ބޭފުޅާގެ ވެރިކަމުގައި އާންމުކޮށް ދައުލަތުގެ އިދާރާތަކުގެ ފާރުތަކުން ފެންނަ ހުރި ވައްތަރުގެ ފޮޓޯތަކެކެވެ. ފޮޓޯތައް އުކާލާފައި ވަނީ އޭގެ ފްރޭމާ ވެސް އެކުގަ އެވެ.

ސޯޝަލް މީޑިއާގައި މި ފޮޓޯތަކުގެ ފޮޓޯ ދައުރުވެ އެއާ މެދު ހިޔާލުބަދަލުވެ، ހިޔާލުތަފާތުވާ ބައެއްގެ މެދުގައި ހިޔާލު ތަފާތުވަމުން އަންނައިރު ބައެއް ފަރާތްތަކުން ބުނަނީ މިއީ މިހާރުގެ ރައީސަކަށް ހުންނެވި އަބްދުﷲ ޔާމީންގެ ސަރުކާރުން "ފިލުވާލާފައި އޮތް ހަސަދަގަނޑެއް" ކަމުގަ އެވެ. ޔާމީނާ އެ ބޭފުޅާގެ އެއްބަފާ ބޭބެ، މައުމޫނާ ދެމެދު އޮންނަ ވެރިކަމުގެ ވާދަވެރިކަމަކީ ދެން އަބަދުވެސް ސޯޝަލް މީޑިއާގައި މަޝްހޫރު ބަހުސެއް ނޫން ހެއްޔެވެ؟

ކޮންމެއަކަސް މައުމޫނުގެ ފޮޓޯތައް ގޮނޑަށް އުކާލުމުން އެކަން ވެފައި މި ވަނީ އާންމުންގެ މެދުގައި ހިޔާލު ތަފާތުކުރުވި ކަމަށެވެ. ފަހަރެއްގައި ވަކިން ހާއްސަކޮށް މި ފޮޓޯތަކަށް ބައެއްގެ ސަމާލުކަން ލިބުނީ، ރަސްމީ ސިފަ ޖެހިފައިވާ ފޮޓޯތަކަކަށް މި ފޮޓޯތައްވީމަ އެވެ.

ދެން މި ދަންނަވަނީކީ މައުމޫނުގެ ފޮޓޯތައް ގޮނޑަށް އުކާލުމަކީ ފާފަވެރިވާނެ ކެމެކޭ ނޫނެވެ. އަދި ބޭނުންނުކުރާ ފޮޓޯތަކެއް ގޮނޑަށް އުކާލައިގެން ނުވާނެ ވާހަކައެއް ވެސް ނޫނެވެ.

ގައުމުގައި ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި ޝަރަފްވެރިއެއްގެ ރަސްމީ ފޮޓޯތަކެއް ކުނިގޮނޑަކަށް އުކާލާފައިވާ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވެ އާންމުންގެ ބަޔަކު ހިޔާލު ފާޅުކޮށްލުމުން އެއަށް އެއްޗެއް އިތުރުކޮށްލީ އެވެ.

މައުމޫން އަބްދުލް ގައްޔޫމްގެ ޒަމާންވީ ވެރިކަން ނިމުމަކަށް އައީ 2008ގެ ރިއާސީ އިންތިހާބުގަ އެވެ. އޭނާގެ މައްޗަށް، ޑިމޮކްރަސީއާ އެކު ކާމިޔާބު ހޯއްދެވީ އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އެވެ.

ނަޝީދު ވެރިކަމަށް ވަޑައިގެންނެވިއިރު އެ ބޭފުޅާގެ ސަޕޯޓަރުން ބުނާ ގޮތުން ގައުމު އޮތީ ޚުދުމުހުތާރުވެރިޔަކާ އެކު އަނދިރިކަމެއްގެ ތެރެއަށް ދަމައިގެން ގޮސްފަ އެވެ. އެއީ މައުމޫނުގެ ވާހަކަ އެވެ. އޮފީސްތަކުގެ ފާރުތަކުގައި މައުމޫނުގެ ރަސްމީ މި "ޕޯޒް" ހަރުކޮށްފައި ހުންނާތީ އެކަމަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

ފާޑުކިޔާ މީހުން ބުނާ ގޮތުން އެއީ ވެސް މައުމޫނުގެ ޚުދުމުހުތާރުކަމުގެ ސިފައެކެވެ. އަދި އެ ބޭފުޅާގެ ޓްރޭޑްމާކް، މި ޕޯޒް އަކީ ވެސް، ހަމަ ޚުދުމުހުތާރުވެރިއެއްގެ "ޕޯޒް" އެކެވެ.