އަހުމަދު މަހްލޫފު

މަހުލޫފުގެ ނަމޫނާއަށް ތައުރީފު

Apr 19, 2021

ސައިކަލެއްގައި އިން މީހަކު ވެއްޓި އަނިޔާތަކެއް ލިބިފައިވަނިކޮށް އެމީހާ ހޮސްޕިޓަލަށް ގެންގޮސް ދިނުމުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި މަަސައްކަތް ފާހަގަކޮށް ތައުރީފު ކޮށްފިި އެވެ. މަހުލޫފްގެ އެ އަމަލަށް ތައުރީފު ކުރި މީހުން ވަނީ މަހުލޫފްގެ ކިބައިން ފެނިގެން ދިޔައީ ހަގީގީ އިންސާނިއްޔަތުކަން ކަމަށެވެ.

މަންޒަރު ދުށް މީހަކު ބުނީ ސައިކަލެއްގައި ދުއްވާފައި އައި މީހަކު ވެލާނާގެ ކައިރި މަގުމައްޗަށް ވެއްޓި ބޯފަޅައިގެން ގޮސްފައިވަނިކޮށް އެ މަންޒަރު ފެނި މިނިސްޓަރު މަހުލޫފް ވަޑައިގެން އޭނާއަށް އެހީތެރިވެ ދެއްވާފައިވާ ކަމަށެވެ. އަދި ޓެކްސީއެއްގައި އޭނާއާއެކު އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންނެވީވެސް މިނިސްޓަރު ކަމަށެވެ.

"އެމީހާ ނައިގެން ޓެކްސީއަށް އަރުވާ ޓެކްސީގައި އޭޑީކޭއަށް ވަޑައިގެންނެވީވެސް މިނިސްޓަރު މަހުލޫފް. އަދި އެމީހާގެ އާއިލާ މީހުން ހޮސްޕިޓަލަށް އަންނަންދެން މަޑުވެސް ކުރެއްވި. މިއީ ހަގީގީ ދިވެހިންގެ ސިފައަކަށްވާންވީ. މިއީ އިންސާނިއްޔަތު ކަމަކީ،" އެ ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.

އަނިޔާވި މީހާގެ އަންހެނުންވެސް ވަނީ މިނިސްޓަރު މަހުލޫފަށް ޝުކުރުއަދާކޮށްފައެވެ.

"އަޅުގަނޑުގެ ފިރިމީހާއަށް ދިމާވި ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންގޮސް، އަޅުގަނޑަށް ދެވެންދެން އެހީތެރިވެދީ އަދި އޭގެ ފަހުންވެސް ހާލު ބައްލާ ތިޔަ ދެއްވި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" މިނިސްޓަރު މަހުލޫފަށް ޓެގްކޮށް އަނިޔާވި މީހާގެ އަންހެނުން ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މިއަދުގެ ހާދިސާގެ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު ބައެއް އާންމުން ދަނީ މަހުލޫފަށް ތައުރީފު ކުރަމުންނެވެ. އެ މީހުންވަނީ ދިވެހިންނަކީ އޯގާތެެރި ބައެއް ކަމަށް ސިފަކޮށް މަހުލޫފްގެ ކިބައިން މިއަދު ފެނުނީ ހަގީގީ ދިވެއްސެއްގެ ސިފަ ކަމަށެވެ.