ދުނިޔެ

"އެމެރިކާ-ރަޝިއާ ރައީސުން ރަނގަޅު ދަނޑިވަޅުގައި ބައްދަލުކުރައްވާނެ"

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ބައްދަލު ކުރައްވަން ތާވަލް ކޮށްފައި އަދި ނެތް ކަމަށާއި އެކަމަށް އެންމެ ރަނގަޅު ދަނޑިވަޅުގައި ދެ ބޭފުޅުން ބައްދަލު ކުރައްވާނެ ކަމަށް އެމެރިކާގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރު ޖޭކް ސުލިވަން ވިދާޅުވެއްޖެ އެވެ.

"މިދަނޑިވަޅުގައި ދެ ބޭފުޅުންގެ ސަމިޓެއްގެ ވާހަކައެއް ނުދެކެވޭ،" ސުލިވަން ވިދާޅުވި އެވެ. "އެކަމަކު އަޅުގަނޑުމެން ވެސް މި ދައްކަނީ ތިޔަ ވާހަކަ، ދެ ބޭފުޅުން އެބަޖެހޭ ބައްދަލު ކުރައްވަން" އެޑްވައިޒަރު ވިދާޅުވީ ދެ ބޭފުޅުން ބައްދަލު ކުރައްވަން ވާނީ ގުޅުން ހެޔޮފާލަށް އެޅުވުމުގެ ވިސްނުންފުޅުގައި ކަމަށާއި މިސްރާބު ހުންނަން ވާނީ ކުރިއަށް ކަމަށެވެ.

ތިޔަ ވިދާޅުވާ ބައްދަލުވުމެއް އޮންނާނީ ހައްޔަރުގައި މިހާރު ހުންނެވި ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ޖަލުގައި އަވަހާރަވުމުންތޯ ކުރި ސުވާލަށް ސުލިވަން ވިދާޅުވީ ޚިޔާލަށް ތިޔަ ވާހަކަތައް ގެނެސް ވަގުތު ކަނޑައަޅަށް ދަތިފުޅު ކަމަށެވެ.

ސުލިވަން ވިދާޅުވީ ނަވަލްނީއާ ބެހޭ ގޮތުން އެމެރިކާގެ ބަސް މިހާރު ވާނީ ރަޝިއާ ސަރުކާރަށް އިއްވާފައި ކަމަށާއި ހައްޔަރުގައި ހުންނަވަނިކޮށް ނަވަލަނީއަށް ކަމެއް ވެއްޖެ ނަމަ ފުރިހަމަ ޒިންމާ ރަޝިއާއިން ނަގަން ޖެހޭނެ ކަމަށެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީން ކުރިން ބުނި ގޮތުން ބޭރު ގައުމުތަކުން އަދި ނަވަލްނީއާ ގުޅުން ހުރި މީޑިއާ ކެމްޕޭންތައް އަމާޒު ކުރަނީ ރަޝިއާގައި ސިޔާސީ ގޮތުން ހަމަނުޖެހުން އުފެދޭ ގޮތަށް ކަމަށާއި ފޮރުވިފައި އޮތް ބޭނުނަކީ ސަރުކާރު ރޫޅާލުން ކަމަށެވެ. އަދި ބުނީ ނަވަލްނީ ހުންނެވީ ދުޅަހެޔޮ ހާލުގައި ކަމަށް ފެޑެރަލް ޕެނިޓެންޝަރީ ސާވިސްއިން ގުޅުން ހުރި އިދާރާތަކަށް ކަށަވަރުކޮށްދޭ ކަމަށެވެ.

އެމެރިކާގެ ރައީސްކަމާ ޖޯ ބައިޑަން ހަވާލުވެ ވަޑައިގެންނެވި ފަހު ޕޫޓިންއަށް ދެފަހަރެއްގެ މަތިން ފޯނުކުރައްވައި ވަނީ މަޝްވަރާކުރައްވާފަ އެވެ. ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންއިން ބުނީ ދެބޭފުޅުން މަޝްވަރާކުރެއްވީ ދުނިޔޭގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ކަމަށާއި ދެގައުމުގެ މަސްލަހަތު ހުރި މައުލޫތަކަށް ވެސް މަޝްވަރާކުރެއްވި ކަމަށެވެ. ވައިޓް ހައުސްއިން ބުނީ އެމެރިކާއާ ރަޝިއާ ނޫން ގައުމެއްގައި ދެބޭފުޅުން ބައްދަލުކުރައްވަން ޕޫޓިންއަށް ބައިޑަން ދައުވަތުދެއްވި ކަމަށެވެ.