ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރަން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓު ނުވަަތަ އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކޮށްދޭން ފިނޭންސް މިނިސްޓްރީން ހުށަހެޅި ހުށަހެޅުމަށް މަޖިލީހުން ގޮތެއް ނުނިއްމިއްޖެ ނަމަ ސަރުކާރު ހުއްޓުމުކަށް އައުމުގެ ފުރުސަތު އެބައޮތް ކަަމަށް ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އެދިގެން ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ހ، އަދި ރ، އާއި ބ. އެންމެ ފުރަތަމަ ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭރު އެ ތިން މައްދާ ސަސްޕެންޑް ކުރީ އެއް އަހަރަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ ހޯމަ ދުވަހަށެވެ. އެެހެންވެ އަނެއްކާވެސް އެ މައްދާތައް އެއް އަހަރު ދުވަހަށް ސަސްޕެންޑްކުރަން ވަނީ އެދިފަ އެވެ.
މުއްދަތު އިތުރުކުރަން މަޖިލީހަށް ހުށަހެޅުމުން ބައެއް މެމްބަރުން އެދިވަޑައިގަތީ އެކަން މާލިއްޔަތު ކޮމެޓީއަށް ގެންދިއުމުގެ ބަދަލުގައި ހާއްސަ ކޮމެޓީއަކަށް ގެންގޮސްގެން އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުން މިއަދު އެ އިސްލާހު ފާހެއް ނުވި އެވެ. އަދި މާލިއްޔަތު ކޮމެޓީއަށްވެސް ގެންދިއުމާމެދުވެސް މަޖިލީހުން ގޮތެއް ނުނިންމަ އެވެ.
މިއަދު ހިނގި ކަންތައްތަކާ ގުޅޭގޮތުން މާލިއްޔަތު ކޮމެޓީގެ މުގައްރިރު ނާޝިޒް، ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވިދާޅުވީ މަޖިލީހުގެ މިހާރުގެ އުސޫލުތަކާ ކުރީގެ ކަންކަން ހިނގި ގޮތުން އޯވާޑްރާފްޓްގެ މައްސަަލަ ދެން ނިންމަން ޖެހޭނީ މަޖިލީހުގެ ދާއިމީ ކޮމެޓީއަކަަށް ފޮނުވައިގެން ނުވަތަ މުޅި މަޖިލީހުގެ ކޮމެޓީއަކަށް ފޮނުވައިގެން ކަމަށެވެ. ނަމަވެސް މިއަދު މަޖިލިސް ކުރިއަށް ދިޔަ ގޮތުން ދާންވީ މަރުހަލާއެއް ނޭނގޭ ކަމަށް ވިދާޅުވި އެވެ.
" އަދި މި މައްސަލައާ މެދު މަޖިލީހުގެ މެމްބަރުން ގޮތެއް ނިންމާފައެއް ނުވޭ. އެހެން ނަމަވެސް މިއަދުން ފެށިގެން ބަލާކަމަށް ވަންޏާ އޭޕްރީލް 26 ދޭތެރޭ މާގިނަ ދުވަހެއް ނެތް. މުއްދަތް ވަރަށް ކައިރި. އެ މުއްދަތުގެ ތެރޭގައި އިތުރު އެކްސްޓެންޝަންއެއް ނުލިބިއްޖެ ކަމަށް ވެއްޖިއްޔާ ދެން އިތުރަކަށް ޕަބްލިކް އެކައުންޓަކުން އޯވާޑްރޯ ކޮށްގެން ބޭނުންކުރުމުގެ ހުއްދަ މަޖިލީހަކުން ނުދޭނެ. ދެން އެހިސާބުން މި އަންނަނީ މިކިޔާ ގޮތުން އެެމެރިކާގައިވެސް މިކިޔާ ގަވަމަންޓް ޝަޓްޑައުންއަކަށް ދާ ވާހަކަ. ހީވާ ގޮތުން އެކަހަލަ ދިމާލަކަށް މިދެވެނީ. ގަބޫލްކުރެވޭ ގޮތުން އޭޕްރީލް 26 ގެ ކުރިން މިކަމަަށް ހައްލެއް އަންނަން ޖެހޭނެ." ނާޝިޒް ވިދާޅުވި އެވެ.
ސަރުކާރު ހުއްޓުމަަކަށް އައިސްފިނަމަ ދައުލަތުގެ ޕަބްލިކް އެކައުންޓުން ފައިސާ ނެގުމުގެ ދޮރު ބަންދުވެ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށްވެސް ހުރަސް އެޅޭނެ އެވެ. ނަމަވެސް ދައުލަތް ހުއްޓޭފަދަ ފަދަ ހާލަަތަކަށް ދާނެ ހެން ހީނުވާ ކަމަށާއި އޭގެ ކުރިން އެކަން ހައްލުކުރެވޭނެ ކަމުގެ އުއްމީދު ނާޝިޒް މިރޭ ދެއްވި އެވެ.
އޯވާ ޑްރާޕްޓް ކުރަން ޖެހުނު ސަބަބެއްގެ ގޮތުގައި ނާޝިޒް ފާހަގަކުރެއްވީ ރާއްޖޭގެ އިގްތިސާދު ކުރިއެކޭ އެއްގޮތަށް އަދިވެސް ހަމައަކަށް ނޭޅި ކުރިން ލިބޭ ވަރަށް އާމްދަނީ ނުލިބުމާއި ފާއިތުވި ދުވަސްތަކުގައި އާމްދަނީ ނުލިބުމުން އެކަން ފޫބައްދަންވެސް އޯވަޑްރާފްޓް ބޭނުން ކުރަން ޖެހުމެވެ. އަދި ކުރިން ނެގި އަދަދު އެއްފަހަރާ ނުދެއްކޭނެކަން ގަބޫލްކުރަން ޖެހޭކަމަށް ވިދާޅުވި އެވެ.
އޯވާ ޑްރާފްޓްގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ ދަތިކަން ނާޝިޒް މިރޭ ވަނީ ހިއްސާކުރައްވައިފަ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ނެންގެވީ ދުނިޔެ މިހާރު އޮތް ކޮވިޑްގެ ހާލަތާ ގުޅިގެން ދަރަނި ވަރަށް ބޯޑު އިންޓަރެސްޓަކާއެކު ނަގަން ޖެހުމެވެ.
މިއަދު މަޖިލީހުގައި އޯވާޑްރާފްޓާމެދު ގޮތެއް ނުނިމުނީ ބައެއް އެމްޑީޕީ މެމްބަރުން ސަރުކާރަށް ޖެއްސުންކުރުމުގެ ސަބަބުން ކަމަށް ދެކެވޭ ވާހަކަތަކަށް ނާަޝިޒް މިރޭ ވަނީ ރައްދުވެސް ދެއްވައިފަ އެވެ. އެ ތުހުމަތުތައް ދޮގުކޮށް ނާޝިޒް އެކަން ގުޅުވާލީ އިދިކޮޅުން ދައްކާ ދިއުޅިއެއް ނެތް ވާހަަތަކެއްގެ ގޮތުގަ އެވެ. އަދި އެމްޑީޕީ ސަރުކާރު ބައިބައިކުރަން ކުރާ އިދިކޮޅުން ގެންގުޅޭ އުކުޅެއްގެ ގޮތުގަ އެވެ. ވިދާޅުވީ އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތުމަކީ ދައުލަތުން ފޮނުވާހާ ކަމަކަށް އާ ހޫން ކިޔައި ރަބާ ސްޓޭމްޕް ޖެހުން ނޫން ކަމަށާއި މެމްބަރުން މަސައްކަތް ކުރައްވަނީ މިނިވަން ކަމާ ޒިންމާދާރު ކަމާއެކު ވަކި ހުދޫދެއްގެ ތެރެއިން ކަމަށެެވެ.
އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކޮށްދިނުމަށް މާލިއްޔަތު ކޮމެޓީން ދިރާސާކުރުމުގެ ބަދަލުގައި އެކަން މަޖިލީހުން ހާއްސަ ކޮމެޓީއެއް އެކުލަވާލައިގެން ކުރިއަށް ގެންދަން އިސްލާހު ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އެވެ. އެއީ އެ ކޮމެޓީއަށް އިތުބާރު ނުކުރެވޭ ކަަމަށް ވިދާޅުވެ އެވެ. އަފީފް އެފަދައިން ވިދާޅުވި އިރު ހުދު އޭނާ އަކީވެސް މާލިއްޔަތު ކޮމެޓީގެ މެމްބަރަކެވެ.
ނަމަވެސް މަޖިލީހުގެ ގަަވައިދު އެކުލެވިފައިވާ ގޮތުން ގަވައިދުގެ 112 ވަނަ މާއްދާއާ އެއްގޮތަށް އޯވާ ޑްރާފްޓް ފަދަ މައްސަލަތައް ކުރިއަށް ގެންދަން ޖެހޭނީ މާލިއްޔަތު ކޮމެޓިން ކަަމަށާއި އަދި ދާއިމީ ކޮމެޓީއަކަށް ފޮނުވާނަމަވެސް އެކަން ކުރަން ޖެހޭނީ މާލިއްޔަތު ކޮމެޓީގެ ދަށުން ކަމަށް ނާޝިޒް ވިދާޅުވި އެވެ. އަދި މީގެ ކުރިންވެސް އަމަލުކޮށްފައިވަނީ އެ އުސޫލުން ކަަމަށް ވިދާޅުވި އެވެ.
އޯވާ ޑްރާފްޓް ފަދަ ސީރިއަސް މައްސަލަތަކުގައި މީގެ ކުރިން އެމްޑީޕީގެ ގައުމީ މަޖިލީހުންވެސް ގޮތެއް ނިންމައެވެ. ނަމަވެސް މިހާތަނަށްވެސް ގައުމީ މަޖިލީހުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެއް ނުވާކަން ނާޝިޒް މިރޭ ހާމަ ކުރެއްވި އެވެ.