މުހައްމަދު ނާޝިޒް

އޯޑީ ދިރާސާ ކުރާ ކޮމިޓީން ބޭރުވީ އަމިއްލައަށް އެދިގެން: ނާޝިޒް

ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރަން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނަގާ އޯވަޑްރޯ ފެސިލިޓީގެ މައްސަލަ ދިރާސާ ކުރަން އެކުލާވާލި ހާއްސަ ކޮމިޓީގައި ކިނބިދޫ ދާއިރާގެ މެންބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ނުހިމެނި ސަބަބު އޭނާ ހާމަކުރައްވައިފި އެވެ.

އޯވާޑްރާފްޓްގެ މައްސަލަ ދިރާސާކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާގައިވެސް މަަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް އިއްޔެ އެކަން ފާސްވާ ގޮތެއް ނުވި އެވެ. އެކަމަކު މިއަދު އެ މައްސަލަ އަލުން އެޖެންޑާކޮށް ނުވަ މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަން މަޖިލީހުގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ.

ހާއްސަ ކޮމިޓީ އެކުވަލާން ފުރަތަމަ ލިސްޓް ހުށަހެޅުއްވީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ. ތާއީދު ވެސް ލިބުނު މިލިސްޓްގައި ނާޝިޒުގެ ނަން ހިމަނާފައި އޮތެވެ. އެކަމަކު ފަހުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ ދެވަނަ ލިސްޓެއް ހުށަހަޅުއްވާފަ އެވެ. ފުރަތަމަ ހުށަހެޅުއްވި ލިސްޓްގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އާޒިމްގެ ލިސްޓުން އުނިކުރައްވާފައިވަނީ ހަމައެކަނި ނާޝިޒްގެ ނަމެވެ. އޭނާގެ ބަދަލުގައި އާޒިމްގެ ލިސްޓްގައި ހިމެނުއްވީ މުހައްމަދު ރަޝީދުގެ ނަމެވެ.

މިކަމާ ގުޅިގެން އަވަސް އިން ސުވާލުކުރެއްވުމުން ނާޝިޒް ވިދާޅުވީ ހާއްސަ ކޮމިޓީގައި ހިމަނަން ބޭނުންވާ މެންބަރުންގެ ގޮތުގައި މުހައްމަދު ރަޝީދު އެކުލަވާލި ލިސްޓްގައި އޭނާގެ ނަން ހިމެނުމަށްފަހު އެ ލިސްޓް އަނބުރާ ގެންދެވީ އޭނާގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. ނަމަވެސް ކޮމިޓީގައި އިންނެވުމަށް އެދިވަޑައިނުގަންނަވާ ވަކި ސަބަބެއް ވިދާޅުވެ ދެއްވާފައެއް ނުވެ އެވެ.

"އަޅުގަނޑު ހަމަ ކޮމެޓީގައި އިންނަން ބޭނުންނުވީ. ދެން ރަޝީދު [ބިގޭ] ނަން ހުށަހެޅުއްވީމަ ވެސް އަޅުގަނޑު ދެންނެވިން ބޭނުމެއް ނޫނޭ،" ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެންބަރެއްގެ ގޮތުގައި ފާހަގަކުރެވޭ ނާޝިޒް ވިދާޅުވި އެވެ.

ހާއްސަ ކޮމިޓީ ހެދުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ތެރެއިން ދެ ލިސްޓެއް ހުށަހެޅުމުން އެކަމުގައި ވާހަކަ ދައްކައިގެން ހައްލެއް ހޯދުމަށް ފުރުސަތު ދިނުމުގެ ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުޑަ ވަގުތުކޮޅެއް މެންބަރުންނަށް ދެއްވާފަ އެވެ. އޭގެއިރުކޮޅެއް ފަހުން މެންބަރު މުހައްމަދު ރަޝީދު ވަނީ މައްސަލައިގެ ހައްްސާސް ކަމުންނާއި މައްސަލައިގެ މުހިއްމު ކަމުން ވީހާވެސް އަވަހަށް މައްސަލަ ނިންމަން ބޭނުންވާ ކަމަށް ވިދާޅުވެ އޭނާ ހުށަހެޅުއްވި ލިސްޓް އަނބުރާ ގެންދަވާފަ އެވެ. އަދި އޭގެ ފަހުން އާޒިމް ހުށަހެޅުއްވި ލިސްޓަށް މަޖިލީހުގެ ރައީސް ވޯޓަށް އެއްސެވުމުން އެ ލިސްޓް ފާސްވީ ނާޝިޒު ވެސް ތާއީދު ކުރައްވާ ދެއްވި ވޯޓާ އެކު އެވެ. އެކަމަކު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ނާޝިޒް ވަނީ އޯޑީގެ މައްސަލަ ދިރާސާކުރަން ހާއްސަ ކޮމިޓީ އަކަށް ފޮނުވުމާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ.

އޯވާޑްރާފްޓް ފެސިލިޓީ ފަދަ ފައިސާ ގުޅޭ މައްސަލަތައް އާންމު ގޮތެއްގައި މަޖިލީހުގައި ދިރާސާކުރަނީ މާލިއްޔަތު ކޮމެޓީންނެވެ. އެ ކޮމިޓީގެ މުގައްރިރަކީ ނާޝިޒް އެވެ. މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އިތުބާރު ނެތް ކަމަށް ވިދާޅުވެ ހޯމަ ދުވަހުގެ ޖަލްސާގައި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވެސް ހުށަހެޅުއްވީ އޯޑީގެ މައްސަލަ ދިރާސާ ކުރަން ހާއްސަ ކޮމިޓީ އަކަށް ފޮނުވުމަށެވެ. އެކަމަކު ނާޝިޒް ވެސް ހިމެނޭ ގޮތަށް ހަސަން އަފީފްގެ ހުށަހެޅުން ވަނީ ފެއިލްކޮށްލާފަ އެވެ.

މަޖިލީހުގެ މި ހަފްތާގެ ޖަލްސާތައް ފެށުނު ފަހުން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައެއް މެންބަރުން ނާޝިޒާއި ދޭތެރޭ އަމަލުކުރައްވާ ގޮތުގައި ތަފާތުތަކެއް ހުރިކަން ފާހަގަކުރެވެ އެވެ. އެއީ ޒާތީ ކަމެއްތޯ އަވަސް އިން ސުވާލު ދެންނެވުމުން އެކަމާ އެއްބަސްވެވަޑައިގަތުމަށް ނާޝިޒް ބޭނުންފުޅެއް ނުވި އެވެ. އަދި ވިދާޅުވީ އެމްޑީޕީގެ މެމްބަރުން މަސައްކަތް ކުރައްވަނީ ވަރަށް ހަރުދަނާކޮށް އަދި ޒިންމާދާރު ކަމާ އެކުގައި ކަމަށެވެ.