ދުނިޔެއާއި ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން މިއީ ޕްރައިވަޓައިޒް ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެ އެވެ.
އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރަޔައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ ނާޝިޒު ވިދާޅުވީ ޕްރައިވަޓައިޒް ކުރުމަކީ ދިވެހި ސަރުކާރަށާއި އިގްތިސާދަށް ފައިދާ ހުރި ކަމެއް ކަމަށެވެ. އަދި ޕްރައިވަޓައިޒް ކުރުމުގެ ސަބަބުން ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުވެ، ރަނގަޅު އަގެއްގައި ކުޑަ ހަރަދެއް ކޮށްގެން ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ލިބިގެންދިޔުމުގެ މަގު ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް، ޕްރައިވަޓައިޒް ކުރުމުގެ ކުރިން ގައުމުގެ އިގްތިސާދީ ހާލަތާއި ދުނިޔޭގެ ބާޒާރުގެ ހާލަތަށް ރިއާޔަތްކުރުމަކީ ކުރަންޖެހޭ ކަމެއް ކަމުގައި ވިދާޅުވި އެވެ.
ނާޝިޒް ވިދާޅުވީ ޕްރައިވަޓައިޒްކުރަން އެކަށީގެން ނުވާ ދަނޑިވަޅެއްގައި ސަރުކާރުގެ މެޖޯރިޓީ އޮންނަ ބައެއް ކުންފުނިތަކުގެ ހިއްސާ މާޒީގައި ވިއްކާލުމުގެ ސަބަބުން ސަރުކާރަށް ގިނަ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މިކަމުގެ މިސާލެއްގެ ގޮތުން ނާޝިޒު ދެއްކެވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދިރާގުގެ މެޖޯރިޓީ ހިއްސާ ވިއްކާލި މައްސަލަ އެވެ. އޭރުވެސް އެއީ ރާއްޖޭގެ އިގްތިސާދީ ހާލަތު އެންމެ ރަނގަޅު ވަގުތު ކަމަށް ނުވާތީ ދިރާގުގެ ހިއްސާ ބޭރުގެ ކުންފުންޏަކަށް ވިއްކާލުމާ ގުޅިގެން ދިވެހި ދައުލަތަށް ލިބެންޖެހޭ ހަގީގީ މަންފާ ލިބިފައި ނުވާ ކަން ނާޝިޒް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ދިރާގުގެ ހިއްސާތައް ގައިން ފަރާތުން އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެހެން ބަޔަކަށް އެޔަށް ވުރެ ބޮޑު އަގެއްގައި އެ ކުންފުނީގެ ކޮންޓްރޯލް ވިއްކާލި ތަން. ނިސްބަތުން ބަލާއިރު އެއީ ސަރުކާރުން ހިއްސާތަށް ވިއްކި އަގަށް ވުރެ މާ ބޮޑު އަގެއް. އެހެންވީމަ ސަރުކާރަށް އެ ލިބުނީ ވަރަށް ބޮޑު ގެއްލުމެއް،" ނާޝިޒް ވިދާޅުވި އެވެ.
މީގެ އިތުރުން ދިރާގުން ކޮންމެ އަހަރަކު ސަރުކާރަށް ބޮޑު އާމްދަނީއެއް ދައްކަން ފުރުސަތު އޮއްވާ، ނުރަނގަޅު ދަނޑިވަޅެއްގައި ޕްރައިވަޓައިޒް ކުރުމުގެ ސަބަބުން ސަރުކާރަށް ލިބޭ ހިއްސާ ކުޑަވެގެން ގޮސްފައިވާ ކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމުގައިވެސް ނާޝިޒު ވިދާޅުވި އެވެ.
ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް ހީނަރުކަން ލިބި، ރަޝިއާއި ޔޫކްރޭނާއި ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ވެސް ދުނިޔޭގެ އިގްތިސާދަށް ދަތިތަކެއް ކުރިމަތިވެފައިވާކަން ނާޝިޒް ފާހަގަކުރެއްވި އެވެ. އެހެންވެ މި ވަގުތަކީ ޕްރައިވަޓައިޒްކުރަން އެންމެ ރަނގަޅު ވަގުތު ކަމުގައި ބަލާނެ ޖާގައެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓުގައި ކުންފުނިތައް ޕްރައިވަޓައިޒް ކޮށްގެން އާމްދަނީ ހޯދަން ސަރުކާރުން ހިމަނާފައި ނުވަނީ ވެސް އިގްތިސާދީ ހާލަތުގެ ސަބަބުން ކަމުގައި ވެސް ވިދާޅުވި އެވެ.
"ޑިމާންޑާއި އިގްތިސާދު ރަނަގަޅަށް ސްޓްރެންތަން ވުމަށްފަހު ޕްރައިވަޓައިޒްކުރަން ސަރުކާރުން ނިކުތީމަ އޭގެ ފައިދާ މާ ބޮޑުވާނެ،" ނާޝިޒް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގައި ޕްރައިވަޓައިޒް ކޮށްގެން ރައްޔިތުންނަށާއި ސަރުކާރަށް ފައިދާކުރާނެ ހިދުމަތްތަކެއް ހުރިކަން ވެސް ފާހަގަކުރެއްވި އެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ސަރުކާރު ކުންފުނިތަކެއް ޕްރައިވެޓައިޒްކޮށްގެން 771 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމަށް ހިމަނާފައިވެ އެެވެ. ނަމަވެސް އެ ސިޔާސަތު ތަންފީޒު ކުރުމުގެ ވިސްނުން ސަރުކާރުން މިހާރު ވަނީ ދޫކޮށްލާފަ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ޕްރައިވެޓައިޒް ކޮށްގެން އެއްވެސް އާމްދަނީއެއް ހޯދުމަށް ހިމަނާފައެއް ނުވެ އެވެ. ނަމަވެސް 2024 ވަނަ އަހަރު ބައެއް ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން އާމްދަނީއެއް ހޯދުމަކީ އަމާޒެއް ކަމަށް ސަރުކާރުން ބުނެ އެވެ.