ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ރޮނގުން ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ގ. ޕާނިސް ލޯޖެހި އަހްމަދުމަނިކު ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވުމާ ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ލޯޖެހި އަހްމަދު މަނިކު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއްވުމަށްފަހު ރޭ އިރާކޮޅު އިންޑިޔާގެ ބެންގަލޫރުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ.
އަހުމަދު މަނިކަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ވަރަށްކުރީ ސަފުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ރައީސް އިބްރާހީމް ނާސީރު 1961 ވަނަ އަހަރު ބީޗްވިލާ ހިންގަވަން ފެށްޓެވި ދުވަސްވަރު ބީޗްވިލާއިން އުފައްދައި މަޝްހޫރުވެގެންދިޔަ ފިނިބުއިމެއް ކަމަށްވާ ޑޮންޑޮން ފުޅިފުޅިއަށް އަޅުއްވައި ބަންދުކުރެއްވުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅަކީ ލޯޖެހި އަހްމަދުމަނިކެވެ.
ވިޔަފާރީގެ ގޮތުގައި މި މަސައްކަތް އަމިއްލަފުޅަށް ކުރައްވަން ފެށްޓެވުމުގެ އަޒުމް އަހްމަދު މަނިކުގެ ހިތްޕުޅުގައި އަބަދުވެސް އޮވެއެވެ. އެކަން ހަގީގަތަކަށް ވެގެންދިޔައީ 1982 ވަނަ އަހަރުއެވެ. މިކަމުގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭކަމަކީ އަމިއްލަ ފޯމިއުލާއެއް ބޭނުން ކުރައްވައިގެން މި ބުއިންތައް އުފައްދަވަން ފެށްޓެވި ފެށްޓެވުމެވެ. --- "ތްރީ ޗޮއިސް"ގެ ނަމުގައި ރާއްޖެއަށް މަޝްހޫރުވި ފިނިބުއިންތައް ތައްޔާރު ކުރެއްވުމުގެ މަސައްކަތް އޭރު ފެއްޓެވީ ލޯކަލް އިންވެސްޓްމަންޓެއްގެ ގޮތުގައި ރަޖިސްޓަރީ ކުރައްވައިގެންނެވެ.
އިގްތިސާދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން 1997 ވަނަ އަހަރު ލޯޖެހި އަހްމަދު މަނިކަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއިން އުފެއްދުންތެރިކަން އިތުރު ކުރުމުގެ ރޮނގުން 2009 ވަނަ އަހަރު ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމުވެސް ލިބިވަޑައިގެންފައެވެ.
އަލްމަރްހޫމް ލޯޖެހި އަހްމަދުމަނިކަކީ ވިޔަފާރީގެ ދާއިރާގެ އިތުރުން ގަލޮޅު އަވަށުގެވެސް ވަރަށް އިސް ބޭފުޅެކެވެ. އަވަށު ފެންވަރުގަ އާއި ގައުމީ ފެންވަރުގައި ކުރެވޭ ގިނަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން ހިލޭސާބަހަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.
ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ކްލަބް ވިކްޓްރީ ސްޕޯޓްސް ކްލަބް ހިންގެވުމުގައިވެސް އަހުމަދު މަނިކަކީ ވަރަށް އިސް ދައުރެއް އަދާކުރެއްވި އަދި އެކްލަބަށް ބޮޑެތި ގުރްބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެކެވެ.