ދުނިޔެ

އިޒްރޭލު ރޮކެޓް ފެކްޓަރީގައި ބާރުގަދަ ގޮވުމެއް

އިޒްރޭލު ތޮއްމަރު ރޮކެޓް ފެކްޓަރީގައި ބާރުގަދަ އެއްޗެއް ގޮވައިފި އެވެ. ތޮއްމަރު އަކީ ދައުލަތުން ހިންގާ ފާމެކެވެ. މައިގަނޑު މަސައްކަތަކީ ރޮކެޓްގެ ބައިތައް އުފެއްދުމެވެ. އަދި ސެޓެލައިޓް ލޯންޗަރުތަކާއި މިސައިލް ހަތިޔާރު އުފެއްދުމެވެ.

ތޮއްމަރު ފެކްޓަރީގައި އެއްޗެއް ގޮވާ މަންޒަރުތައް އާންމުވުމާއެކު ބުނެވެމުން ދަނީ މިއީ އީރާނުން ބަދަލު ހިފަން ދިން ހަމަލާއަކަށް ވެދާނެ ކަމަށެވެ. އެހެން ނަމަވެސް އިޒްރޭލުން ބުނަނީ އެއީ ކުރި ތަޖުރިބާއެއް ކަމަށާއި އެއްވެސް ކަމެއް ކޮންޓްރޯލުން ނައްޓާފައި ނުވާ ކަމަށެވެ.

މީޑިއާގައި މި ގޮވުމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ބަލާއިރު، އެއީ ކުރި ޓެސްޓެއް ނަމަވެސް ކޮންމެވެސް ކަމެއް ކޮންޓްރޯލުން ނައްޓައިފި އެވެ. އެއީ ގޮވުމުގެ ޒާތަށް ބަލާއިރު އަދި އެއީ ފެކްޓަރީގައި ކުރި ޓެސްޓެއް ކަމަށް ބުނާއިރު ހުޅުގަނޑު މާ މައްޗަށް އަރާފައި ހުރުމެވެ. މުޅި ސަރަހައްދަށް ގުޑުން އަރައި ކެމިކަލް ގޮވުމަކާ ވައްތަރުވުމެވެ. ބޮޑަށް ބެލެވެނީ ހިނގައިގެން އުޅޭ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. ބޭރުން ބަޔަކު ދިން ހަމަލާއަކަށް ވެދާނެ ކަމަށް ވެސް ބުނެވެ އެވެ.

އިޒްރޭލު ރޮކެޓް ފެކްޓަރީގައި އެއްޗެއް ގޮވައިގެން އުޅޭއިރު، އިޒްރޭލާ އީރާނުން ދަނީ ބަހުން ވައްވައްޖަހަމުންނެވެ.

އީރާންގެ ނަތަންޒް ނިއުކްލިއާ މަރުކަޒުގައި އެއްޗެއް ގޮވައި ލިބުނު ބޮޑު ގެއްލުމުގެ ފަހަތުގައި ވަނީ އިޒްރޭލު ކަމަށް އީރާނުން ބުނެ އެވެ. އީރާނުން ބުނާ ގޮތުން ބަދަލުހިފާނެ އެެވެ. އިޒްރޭލުން އަގު ދައްކަން ޖެހޭނެ އެވެ.