(20 އެޕްރިލް 2021 އާ ގުޅޭ)
"ނޭނގެ... މިހެން އުޅޭތާ ދެ ހަފްތާވަރު މިވީ، ވާގޮތެއް ނުބުނޭ... ޑަކްޓަރަށްދާކަށް އެއްބަހެއް ނުވޭ، މަންމާ!، އެ ދެބެން ކައިރީ މަޑުކޮށްލަދެވިދާނެތަ، އަރީން ގޮވައިގެން އަހަރެން މިދަނީ ހޮސްޕިޓަލަށް." ފަވާދު ބުންޏެވެ. ސަބީނާ ބޯ ޖަހަމުން ވާހަކަ ދެއްކި އެވެ.
"އާން! އާން!... އަވަހަށް ދޭ... މަންމަ ހުންނާނަން، އެމްބިއުލާންސަކަށް ގުޅަންވީނު، ޚަބަރު ހުސްވެފަ އޮއްވާ ކިހިނެއް ގެންދާނީ." ސަބީނާ ބުންޏެވެ.
"ގުޅައިފިން... ނަސީބަކުން ވަރަށް އަވަހަށް ހަމަޖެހިއްޖެ." ފަވާދު ބުންޏެވެ.
ހޮސްޕިޓަލަށް ގެނެވުމާއެކު އަރީނަށް ފަރުވާދޭން ނަރުސް ކުދީން އުޅުނެވެ. ގިނައިރެއްނުވެ ޑިއުޓީގައި އެވަގުތު އުޅުނު ޑަކްޓަރު ވެސް އެތަނަށް އަތުވެއްޖެ އެވެ. ފަވާދާ އެކިއެކި ސުވާލުތައް ކުރަން ފެށިއެވެ. ބައެއް ސުވާލު ތަކަށް ޖަވާބު ދޭން އޭނާއަށް އުނދަގޫވި އެވެ. ނަމަވެސް އަރީންގެ ފުށުން ފެނި ފާހަގަވި އަލާމާތްތައް ޑަކްޓަރަށް ފަވާދު ކިޔާދިނެވެ. ވަގުތުން ބެލެން ހުރި ކަންކަން ޑަކްޓަރު ބެލިއެވެ. ތަފާތު ކަމެއް ފާހަގަ ނުވެއެވެ. އެހެންވެ ޓެސްޓުތައް ހެދުމަށް އަރީންގެ ގައިން ލޭ ނެގި އެވެ. އަރީނަށް އައިވީއެއް ގުޅުމާއެކު ހޭއަރަން ދެން އަވަސް ފަރުވާދޭ ބައިގަ ބާއްވާފައި އޮތެވެ. އެނދު ކައިރިން ދުރަށް ޖެހިލައި ޖީބުގައި އޮތް ފޯނު ފަވާދު ނެގީ ސަބީނާ ގުޅާވަރުންނެވެ. ގޭގައި ހާސްވެފައި ހުރި މަންމައަށް ކަންކަން ގޮސްފައި އޮތް ހިސާބު އޮޅުންފިލުވާދިނެވެ. އިތުރަށް ކަމެއް އެނގޭވަރުވާނީ ޓެސްޓުތަކުގެ ނަތީޖާ ލިބިގެންނެވެ. އެހެންވެ ކަމެއް އިތުރަށް ގޯސްވަންޏާ މަންމައަށް އަންގާނަންކަމުގައި ބުނެ ފަވާދު ކޯލު ކުރުކޮށްލީއެވެ.
އަނބިމީހާގެ މޫނަށް ބަލަން ފަވާދު ހުއްޓެވެ. ފުންނިންޖެއްގައި އަރީން އޮތް ފަދައެވެ. އެނދުގައި ބޭއްވުމުގެ ތެރެއިން ތަރުތީބު ގެއްލިފައިވި އިސްތަށިގަނޑު ފަވާދު ރީތިކޮށްލަ ދިނެވެ.
"އަހަރެންނަށް ޔަގީނާ ގާތަށް ބުނަން އެނގޭ، ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން." އަރީންގެ ނިތްކުރީގައި ފިރުމާލިއިރު ފަވާދުގެ ހިތުގައި ވިއެވެ. އަރީން ސިއްރު ކުރަނީ ކޮންކަމެއްކަން ނޭނގޭތީ އޭނާ ވެސް މިވީ ދެހަފްތާއެއްހާ ދުވަސްތެރޭ އުޅެމުން އައީ ހާސްކަމެއްގެ ތެރޭގައެވެ. އަރީން އެނދުގައި އަރާމުކުރާ ވަގުތު ގިނަވެ، އަބަދުވެސް ފިކުރަކަށް ގެއްލިފައި މީހާ ހުންނަކަމާއި، މަދުން ކެއުމުގެ އިތުރުން، ފާޚާނާގައި ހޮޑުލާ އަޑު އިވުން ފަދަ ކަންކަމުން އިތުރަށް ފަވާދުގެ ހިތް ނުތަނަވަސް ކުރުވައެވެ. އެހީއެއްވާން ފަވާދު އުޅުނަސް އަރީން ޤަބޫލެއް ނުވެއެވެ. މިއަދު ވެސް ޚަބަރު ހުސް ނުވިނަމަ ހޮސްޕިޓަލަށް އަންނަން އަރީން އެއްބަހެއް ނުވީސްކަން ފަވާދަށް އެނގެއެވެ.
އަރީން މަޑުމަޑުން ލޯ ހުޅުވާލި އެވެ. ބޮލުގައި ހުރި ބަރުކަން ފިލައިގެން ނުދެ އެވެ. ނޭފަތުގައި ޖެހުނު ވަހާއި ލޮލަށް ފެނުނު މަންޒަރުން އޮވެވުނީ ހޮސްޕިޓަލުގައި އަރީނަށް އެނގެ އެވެ. ހާސްވެ ބިރުގަތްވަރުން އޭނާއަށް ފުންމައިގެން ތެދުވަން އުޅެވުނެވެ. ހުސިޔާރުވެ އިން ފަވާދު އަނބިމީހާގެ ދެ ކޮނޑުގައި ހިފެހެއްޓިއެވެ. އަރީން ބޭނުންވީ ނަމަވެސް ހަށިގަނޑު އޭނާއަށް އެއްބާރުލުމެއް ނުދިނެވެ. ބޯއަނބުރައިގަތުމާއެކު ފަވާދުގެ ދެ އަތުގެ މުލައްދަނޑީގައި އަތް އަޅުވާލެވި އޭނާގެ މަދަދު ހޯދުނެވެ. އަރުތެރެ ފުރިގެން އައިހެން ހީވީ ދެނެވެ. އޯކަށް ދެމުމާއެކު އަރީނަށް ހޮޑުލެވިއްޖެއެވެ. ފަވާދު ތަންކޮޅެއް ބާރަށް "ސިސްޓާރ" އޭ ގޮވާލި އަޑަށް ކައުންޓަރުން ދޮށުން ނަރުސް ކުއްޖަކު ދުވަމުން އަތުވެއްޖެއެވެ. އޭރު ފަވާދުގެ ފަޓުލޫނުގެ ފައިކުރިން ބަޔަކާއި ފައިތިލަ ހޮޑުން ފޯވެއްޖެއެވެ. އަނބިމީހާގައިގަ ބާރަށް ހިފަހައްޓައިގެން ފަވާދު ހުއްޓެވެ.
އަރީނަށް އޮށޯވެވޭ ގޮތެއް ނުވިއެވެ. ހޮޑު މަނާވާ ގޮތް ނުވަނީ އެވެ. ހޮޑު ނުލެވުނަސް އޯކަށް ދެމެނީ އެވެ. މާބޮޑަށް ވަރުދެރަވެދާނޭތީ ހޮޑު މަނާކުރާ އިންޖެކްޝަންއެއް ޖެހިއެވެ. އޭނާ ހިމޭންވެ ހަމަޖެހުނީ ދެނެވެ. ފަވާދު ފާޚާނާއަށް ދިޔައިރު އަރީނަށް އޮތީ ނިދިފައެވެ. އެ މޫނުން ވަރުބަލިކަމުގެ އަސަރު ފާޅުވާން ހުއްޓެވެ. އަރީނު ލޯ ހުޅުވާލާއިރު އަނބިމީހާގެ ގާތުގައި ހުންނަން ފަވާދު އެދެއެވެ. އެހެންވެ ފާޚާނާއިން އެނބުރި އައީ ނިކަން އަވަސްކޮށްލައިގެންނެވެ.
ރޭގަނޑުގެ އަނދިރިކަމުގައި މުޅި ވޯޑުވަނީ ތަފާތު ހިމޭންކަމެއްގެ ތެރޭއެވެ. މެޝިނަކުން އިވޭފަދަ "ބީޕް"ގެ އަޑެއް ދުރުން އިވިލައިވިލާ ހުއްޓެވެ. ކަންބޮޑުވުން ކުޑަނުވާތީ ނަރުސް ކުއްޖަކާ ފަވާދު ވާހަކަދައްކާލިއެވެ. އެއާއެކު ނަރުސްކުއްޖާ ބުނީ ޓެސްޓުގެ ރިޕޯޓުތައް ލިބިފައި ހުރި ކަމެވެ. ރިޕޯޓުގައިވާ އެއްޗެއް ކިޔާލަދޭން ޑަކްޓަރު އެބައާދޭ ކަމެވެ. ދެންވެސް ހަމަޖެހުމެއް ފަވާދަށް ނުލިބުނެވެ. ރިޕޯޓުގައި އޮންނާނޭ އެއްޗަކާމެދު އޭނާއަށް ވިސްނެން ފެށުނެވެ.
އަނބިމީހާގެ މޫނަށް ގެއްލިފައި ފަވާދަށް ހުރެވުނެވެ. ނަރުސް ކުއްޖަކާއެކު ޑަކްޓަރު އައީ އެވަގުތެވެ. ނަރުސްކުއްޖާ ދިއްކޮށްލި ކަރުދާސްތައް ޑަކްޓަރު ބެލިއެވެ. ލުއި ހިނިތުންވުމެއް ފަވާދާ ބަދަލުކޮށްލިއެވެ.
"ހުރިހާކަމެއް ނޯމަލް، އަންހެނުން އިނީ ބަލިވެ، ބޯއަނބުރާ ހޮޑުލުމަކީ އާންމު އަލާމަތްތައް، ގިނައިން ދިޔާއެއްޗެއް ބޯންވާނެ، ކާގަޑިތަކުގައި ބޮޑު މީލްއެއް ނެގުމަށްވުރެ، މަދު އެތިކޮޅުން ދޭތެރެ އަވަސްކޮށް ކެއުން ރަނގަޅީ، ދެން ފައިދާހުރި ކާނާ ކާން މިދުވަސްކޮޅު ސަމާލުކަން ދޭންވާނެ... އިންޖެކްޝަން ޖެހީ ހޮޑުލެވޭތީ، ހޭލެވުނީމަ ލުއިކަން އިހްސާސް ކުރެވޭނެ، މިކޮޅުގައި އިތުރަށް ނުބާއްވާނެ، އަޅުގަނޑު ވިޓަމިނެއް ލިޔެދޭނަން، އަންހެނުންގެ ޑަކްޓަރަކަށް ދައްކެމުން ކަންތައްކުރަންވީ ގޮތް ޑަކްޓަރު ކިޔާދެއްވާނެ."
ނަރުސް ކުއްޖާއާއެކު ޑަކްޓަރު އެނބުރި ދިއުމުން ފަވާދަށް ބަލާލެވުނީ އަނބިމީހާގެ މޫނަށެވެ. އަދި އަމިއްލަ ހިތާއި ސުވާލު ކޮށްލެވުނީ އަރީން ބަނޑުބޮޑޭ ޑަކްޓަރު ބުނީމަ އެވެ.
* * * * *
ކުދީން ނިދަން ބޭތިއްބުމަށްފަހު އަސްލަން ކޮޓަރިން ނުކުތް އިރު ގޭތެރެއިން ނޯޔާއެއް ނުފެނުނެވެ. ވަގުތުން އައިސް ނޯޔާ ނިދާ ކޮޓަރީގައި އަސްލަން ޓަކި ދީފި އެވެ. ހަމައެވަގުތު އެޕާޓްމެންޓުގެ މައިދޮރުގައި ޓަކިދޭ އަޑު އަސްލަނަށް އިވުނެވެ. އިހަށް އެބަޔަށް އެގަޑީގައި އައީ ކާކުތޯ ބަލަން އަސްލަން އައެވެ. ދޮރުހުޅުވާލުމުގެ ކުރީން ބޭރު ފެންނާނޭހެން ދޮރުގައި ހަރުކޮށްފައިވާ ބިއްލޫރިކޮޅުން އަސްލަން ބަލާލިއެވެ.
"މިގަޑީގަ ކީއްކުރަން؟" ދޮރު ހުޅުވާލުމާއެކު ކުރިމަތީ ހުރި ރިދާނަށް އަސްލަން ބުނެލި އެވެ.
"ބެލް ނުޖެހީ ވެސް ނިދަންކަން ތިބޭނީ އެނގޭތީ، އަސްލަންބެ ފޯނަށް ނުއެއް ގުޅުނު... ދޮންތަ ހޮސްޕިޓަލަށް ގެންގޮސްފި، މަންމަ ހާސް ވެގެން އެބައުޅޭ."
"ކޮބާ ފަވާ؟" އަސްލަންއަށް ވަގުތުން އަހާލެވުނެވެ.
"ދޮންތަ ގޮވައިގެން ދިޔައީ... މަންމަވީ އެބައިގަ." ރިދާން ބުންޏެވެ.
"ރިދާން ދޭ... އަހަރެން މިދަނީ." އަސްލަން ބުންޏެވެ. ރިދާން ދާން ހިނގައިގެންފައި ވެސް މަޑުޖެހުނެވެ.
"ނޯޔާ ފޮނުވަންވީނު މަންމަ ކައިރިއަށް." ރިދާން ބުންޏެވެ.
އަސްލަން ބަލަން ހުރެފައި ހަމައެކަނި ބޯ ޖަހާލީ އެވެ. ދޮރުލައްޕާލާފައި އެނބުރިލިއިރު ކޮޓަރި ދޮރު ހުޅުވާލައިގެން ނޯޔާ ހުއްޓާ ފެނުނެވެ. ހަލުވިފިޔަވަޅު އަސްލަން އައިސް ނޯޔާގެ ކުރިމަތި ހުއްޓިއްޖެއެވެ.
"އަރީން ހޮސްޕިޓަލަށް ގެންގޮސްގެން ރިދާން އެއައީ، އަހަރެން މިދަނީ މަންމަ ކައިރިއަށް، ނޯޔާ ނުނިދާ މަޑުކޮށްލެވޭނެތަ؟" އަސްލަން ވާހަކަދެއްކިއެވެ.
"އަޑުއިވުނު... ދޭ." ކުރުކުރު ޖަވާބެއް ނޯޔާ ބުނެލި އެވެ. މަދު ސުކުންތު ކޮޅަކަށް ވިޔަސް ނޯޔާގެ މޫނަށް ބަލަން އަސްލަން މަޑުކޮށްލި އެވެ. ކޯތާފަތުގައި ފިރުމާލަ ދީފައި އަސްލަން ހިނގައިގަތީ މަންމަގެ ގާތަށް ދާށެވެ.
އަސްލަން ވަންއިރު ސިޓިންރޫމު ސޯފާގައި ސަބީނާގެ ދެފަރާތުގައި ރީވާއާއި ފަލަކް ތިއްބެވެ. މަންމަވީ ހޮސްޕިޓަލިގައިކަން އެނގި އެ ދެބެންނަށް ވެސް ނުނިދުނީއެވެ. ކޮޓަރިއަށް ގެންދަން ސަބިނާ މަސައްކަތް ވެސް ކޮށްފިއެވެ. އެ ދެބެން އެއްބަސްނުވީއެވެ. ކާމޭޒުގެ ގޮނޑިއެއް ނެރިގެން އޭގައި ރިދާން އިނެވެ. ފަވާދުގެ ޚަބަރެއްވިތޯ އަސްލަން ސުވާލު ކުރީ މަންމައާއެވެ. ވީގޮތެއް އަދި އޮޅުމެއް ނުފިލާކަން ސަބީނާ ބުނީ ދެނެވެ. ފަވާދުގެ އަތްދަނޑިމަތީ އަރީން ނެރުނުއިރު ވެސް އޮތީ ޚަބަރު ހުސްވެފައިކަން ސަބީނާ ބުންޏެވެ. އިތުރު ވާހަކައެއް އަސްލަން ނުދެއްކީ އެމީހުން ދައްކާ ވާހަކަ އަޑުއަހަން ކުޑަ ދެކުދީން ތިބިކަން ވިސްނިގެންނެވެ. އެކުދީންގެ ހިތާއި ސިކުނޑިތައް ހާސްވެ ބިރުގެންފާނެތީއެވެ.
އަވަހަށް އަންނަން ހިތުގައި ލިޔަސް އަސްލަންއަށް އެނބުރި އެޕާޓްމެންޓަށް އާދެވޭ ގޮތެއް ނުވިއެވެ. ދަންވަރު ދޭއްޖަހާ ދިޔައިރު ވެސް އެ ޢާއިލާގެ މެންބަރުން ތިބީ އަރީންގެ އެޕާޓްމެންޓުގަ އެވެ. ތާއްޔާ ޖެހެން ފެށުމުން ސަބީނާ ދެބެން ގޮވައިގެން ގޮސް ވަނީ ރީވާގެ ކޮޓަރިއަށެވެ. މިރޭ އެ ދެބެން ވެސް ނިދަން ބޭނުންވީ އެކީގައެވެ. ނިދިހަރުވެލައިފިކަން އެނގުމުން ސަބީނާ އެކޮޓަރިން ނުކުމެގެން އައިސް ސޯފާގައި އިށީނެވެ. އަރީނަށް ވީގޮތަކާމެދު އޭނާ ވާހަކަދައްކަން ފެށިއެވެ.
އަނބިމީހާ ގޮވައިގެން ފަވާދު ގެއަށް އައިއިރު ތިނެއްޖެހުމާ ކައިރި ވެއްޖެއެވެ. އެ ދެމަފިރިން އެޕާޓްމެންޓަށް ވަނުމާއެކު އެންމެންނަށް ކޮޅަށް ތެދުވެވުނެވެ. ސަބީނާ ގޮވާލުމުން އަރީން ނުހުއްޓުނެވެ. ފަވާދު ވެސް އަނބިމީހާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަނީއެވެ. އެނދުގައި އަރީން އޮށޯތުމުން އެނބުރި އަރީންގެ ޢާއިލާ މެންބަރުންނާ ބައްދަލުކުރަން ފަވާދު ނުކުތެވެ.
"ކީކޭ ޑަކްޓަރު ބުނީ؟" ފުރަތަމަ ވެސް ސުވާލު ކުރީ ސަބީނާ އެވެ.
"އެއްވެސް މައްސަލައެއް ހުރި ކަމަކަށް ރިޕޯޓުތަކުން ނުދައްކާ، ހާސްކަން ކުޑަކޮށް އަރާމުކުރަން ބުނީ... ބޮޑުކަމެއްނުވޭ." ފަވާދު ބުންޏެވެ.
"އަލްޙަމްދުލިﷲ!... އަހަރެންގެ ހިތް ކިރިޔާ ނުހުއްޓުނީ، އަރީނަކީ ފަސޭހައިން ބަލިވާ ކުއްޖެއް ނޫން، ބޮޑު ކަމެއްވީއޭ ހިތަށްއަރާ ވަރަށް ބިރުން މިއިނީ." ސަބީނާއަށް ލިބިފައިވި ނުތަނަވަސްކަން ކުޑަވިއެވެ.
"ކޮބާ އެ ދެބެން... ނިދީތަ؟" ފަވާދު އަހާލި އެވެ.
"ރީވާގެ ކޮޓަރީގަ، ނިދިފަ..." ސަބީނާ ބުންޏެވެ.
"މަންމަމެން ވެސް ދާންވީނު ނިދަން." ފަވާދު ބުންޏެވެ.
މަންމައާއި ރިދާން އުޅޭ ބަޔަށް ލާފައި އަސްލަންގެ އެޕާޓްމެންޓަށް އޭނާ އައެވެ. ވެރިވެފައި އޮތް ފަނޑު އަލިކަމުގައި އަސްލަން ފުރަތަމަ ވެސް އަވަސްވެލީ ނޯޔާ ހޯދާށެވެ. އެ ކޮޓަރީގައި ޓަކި ދިނުމުން ވެސް ޚަބަރެއް ނުވިއެވެ. މަޑުމަޑުން ދޮރު ހުޅުވާލަން ހިފާލިއިރު ދޮރު ހުރީ ތަޅުލާފައެވެ. އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި އަސްލަން ގޮސް އޭނާގެ ކޮޓަރިއަށް ވަނީއެވެ.
"ކުރިން ތަޅެއް ނުލާނެ..." އެނދުގެ މަގަތު އަރިމަތީ އިށީނދެ އިން އަސްލަންގެ ހިތުގައި ވިއެވެ. ޚިޔާލުތަކަށް ގެއްލި ހުރެ އެނދުގައި އަސްލަން އޮށޯވެލީ ފަތިހު ނޯޔާ ނުކުމެ އުޅޭނެކަން އެނގޭތީ އެވެ.
ފާޚާނާއިން ނުކުމެގެން އަންނަމުން އަސްލަންގެ ކޮޓަރިއާ ދިމާއަށް ނޯޔާ ބަލާލި އެވެ. ފަތިސް ނަމާދަށް އަސްލަން ހޭލާނޭ ކަމަށް ނޯޔާ ހީކުރި އެވެ. ނަމަވެސް ކޮޓަރިއަށް ވަދެ ނަމާދަށް ތައްޔާރުވީއިރު ވެސް އަސްލަން އެ ކޮޓަރީގައި ޓަކި ނުދިނެވެ. ދޮރުހުޅުވާ އަލުން ބަލާ ވެސް ލިއެވެ. އަސްލަންގެ ކޮޓަރި އަދިވެސް ހުރީ ލައްޕާފަ އެވެ. ގޮވަން ދާން ހިތަށް އަރާފައި ވެސް އެ ޚިޔާލު ނޯޔާ ދޫކޮށްލި އެވެ.
ނަމާދު ކޮށްލައިގެން އިރު އަރަން ކައިރިކޮށް ކޮޓަރިން ނޯޔާ ނުކުތެވެ. ގޭތެރޭގައި އަދިވެސް އޮތީ އިހު އޮތް ހިމޭން ކަމެވެ. އާދައިގެ މަތިން ދުވަސް ފަށާ ފަދައިން ނޯޔާގެ ހަރަކާތްތައް ހުއްޓެވެ. ކޮފީޖޯޑު ހިފައިގެން ބެލްކަންޏަށް ނުކުމެލި އެވެ. އަދިވެސް އަސްލަން ކޮޓަރިއަކުން ނުނިކުމެވެ. އެހެން ހުރެ ކޮފީބޮއެ ވެސް ނިމިއްޖެ އެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރަން ފަށާފައި ނޯޔާ ހުއްޓާލި އެވެ. އަސްލަންއަށް ވީގޮތެއް ނުބަލާ ނުހުރެވުނީ އެވެ. ހަލުވިކޮށް އައިސް އަސްލަންގެ ކޮޓަރީގައި ޓަކި ދިނެވެ. ދެވަނަ ފަހަރަށް ޓަކިދޭންވީއިރަށް ދޮރު ހުޅުވައިފިއެވެ.
"ދެންމެ ހޭލެވުނީ... އަނުމް ރޯ އަޑަށް." ކުޑަދަރިފުޅު އުރާލައިގެން ހުރެ އަސްލަން ވާހަކަ ދެއްކި އެވެ. އެ މޫނުގައި އޭރު ވެސް ނިދީގެ އަސަރު ވިއެވެ. އިސްތަށިގަނޑު ތަރުތީބެއްނެތް ފަދައަކުން ހޭވިފައެވެ.
"ގެނޭ އަހަރެން އަތަށް... ކޮފީ ހާދަތަ؟ ސައިބޯނީތަ؟ އަދި ތައްޔާރު ކުރަން މިއުޅެނީ." އަސްލަންގެ އަތުން އަނުމް އުރާލާމުން ނޯޔާ ވާހަކަދެއްކިއެވެ.
"ފެންވަރާލައިގެން ނުކުމެ ސައިބޯނީ، އެގަޑީގަ ކޮފީއެއް ބޭނުން... އޮފީސް އެއްޗެހި ރެޑީތަ؟" އަސްލަން އަހާލި އެވެ. ތައްޔާރު ކޮށްފައިކަން ހުރީ ނޯޔާ ބުނެލިއެވެ. އެ ދެމެދުގައި އިތުރު ވާހަކައެއް ނުދެއްކެނީސް ނޯޔާ ހިނގައިގަނެއްޖެ އެވެ. އަނުމްގެ ކޮލުގައި ބޮސްދެމުން އެކުއްކާއާ ވާހަކަދައްކަމުންނެވެ.
ސައިމޭޒު ދޮށުގައި ސާރާގެ ގާތުގައި ނޯޔާ ހުއްޓެވެ. މޭޒުގެ ކޮޅުގައި އަސްލަން ވެސް އިނީ ސައިބޯށެވެ. ނޯޔާގެ ސަމާލުކަން އޭނާއަށް ކުޑަވެފައިވާކަން އަސްލަންއަށް ފާހަގަވިއެވެ. އެހެންޏާ ބަދަލުކުރާ ސިއްރު ބެލުންތަކެއް ވެސް ނެތެވެ.
"އަހަރެން މަލް ބަލާދާނަން." އަސްލަން މިހެން ބުނުމުން ނޯޔާ ބަލާލިއެވެ. ބޯޖަހާލިއިރު ކުޑަ ވަގުތުކޮޅަށް ނޯޔާގެ ނަޒަރު އަސްލަންއަށް ހުއްޓުނެވެ.
ސާރާ ގޮވައިގެން އެޕާޓްމެންޓުން އަސްލަން ނުކުތެވެ. ލިފްޓަށް އަރާ އަސްލަން އެނބުރި ބަލާލަންވާއިރަށް ނޯޔާއަށް ނިކަން އަވަހަށް އެތެރެއަށް ދެމިގެންފިއެވެ. ލިފްޓުގެ ދޮރު ލެއްޕުމާއެކު އަސްލަން ބަލާލީ ސާރާއަށެވެ.
"މަންމަ ދެރަވެފަހުރީ ޑެޑީ ދިޔައިމަ... މަންމަ ރޮނިކޮށް ސާރާއަށް ފެނުނީ، އެކަމަކު ސާރާ ކައިރިއަށް އަންނަމުން މަންމަ މޫނު ދޮވުނީ، އެހެންވިޔަސް ސާރާ އެނގުނު ޑޭޑީ ދިޔައިމަކަން މަންމައަށް ރޮވެނީ." ސާރާގެ ވާހަކައިން ނަގައިގަންނަންވީ ކީކޭކަމެއް އަސްލަންއަކަށް ނޭނގުނެވެ. އޭނާ ކޮންމެ ދުވަހަކު ދެ ފަހަރަށް ގުޅައެވެ. ބައެއް ދުވަސްދުވަހު ތިން އިރު ވެސް ގުޅެއެވެ. އޭނާ ވާހަކަދައްކަން ބޭނުންވިޔަސް ނޯޔާ ބެލީ ދުރުވެވޭތޯ އެވެ.
"ހިނގާ މަންމަ ހެޕީކޮށްލަން... މަންމައަށް މަލެއް ދެމާ، ކޮންކަހަލަ މަލެއް ދޭނީ." އަސްލަން އަހާލި އެވެ.
"ސަންފްލާވާއެއް." ނިކަން އަވަހަށް ސާރާ ބުންޏެވެ.
ސާރާ ސްކޫލަށް ލާފައި އަސްލަން އޮފީހަށް އައެވެ. ދަރިފުޅާއެކު އެއްބަސްވެވުނު ގޮތަށް ނޯޔާއަށް މަލެއް ހަދިޔާ ކުރަން އަސްލަން ހުރީ ނިންމައިގެންނެވެ. އަދި އެއީ އެ ދެމެދުގައި އޮތް ސިއްރެއްގެ ގޮތުގައި ބޭއްވިއެވެ. އޮފީހަށް ވަދެވުމާއެކު އަސްލަންއަށް އުނދަގޫ އިހްސާސެއް ކުރެވުނީ ލޫނާ ފެނިފަ އެވެ. ތަންކޮޅެއް ބޮޑަށް އިސްއޮބާލައި ފޯނު އަތަށް ލައިގެން ހުރެ އަސްލަން އައެވެ. ދަތުރުގެ އެންމެ ފަހު ދުވަހު ލޫނާ ދެއްކީ އަސްލަން މީގެ ކުރިން ހިތަށް ވެސް ނާރާ ވާހަކައެކެވެ. އެކަމަކު އެ ވާހަކަތައް އިވުމާއެކު ޒާތެއްގެ ބިރެއް ހިތުގައި އުފެދުނެވެ. ހަމައެއާއެކު ސުވާލު ވެސް އުފެދުނެވެ. ލޫނާ އެފަދަ ވާހަކައެއް ދައްކަން ޖެހުނު މަޤްޞަދެވެ. އޭނާގެ ގަސްދާއި ބޭނުމަކީ ކޮބާކަމެވެ. އަސްލަންގެ ހިތާއި ސިކުނޑީގައި ވަހުމުގެ ކަތުރުފަނި އަޅާނޭކަން އެނގިހުރެ އެކަހަލަ ވާހަކައެއް ދައްކަންވީ ކީއްވެ ހެއްޔެވެ.
ހެނދުނުގެ ސަޔަށް ނުދިޔަޔަސް އަސްލަން ބަލާ ހުސެން އައެވެ. އޭނާ ކޮފީއެއް ބޯލަން ވިޔަސް ބޭރަށް ނުކުންނަން ބޭނުންވާނެ އެވެ. ސައިގަޑިއަށް ނުކުތް މުވައްޒަފުންތައް އެނބުރި އޮފީހަށް އަންނަން ފަށައިފިއެވެ. ހުސެން ފުރަތަމަ ވެސް އަންނާނީ އަސްލަންގެ ގާތަށްކަން ޚުދު އޭނާއަށް އެނގެއެވެ. އެކުވެރިޔާ އާދޭސް ކުރުމުން އަސްލަންއަށް ވެސް ނޫނެކޭ ބުނެވެނީ ހާލަކުން ފަހަރަކުއެވެ. މިއަދު އޭނާ މޭޒުދޮށުން ތެދުވީ ހުސެންގެ އާދޭހަށް ނޫނެކޭ ނުބުނެވިގެންނެވެ.
"އޭތް! ސަޔަށްތަ؟" ހުސެންއާއި އަސްލަން ނުކުންނަން ދަނިކޮށް ލޫނާ ގޮވާލައި އަހާލި އެވެ.
"ނޫން." ހުސެން ބުނީ ނިކަން އަވަހަށެވެ.
"އެނގޭ ސަޔަށްކަން ތިދަނީ، މަޑުކޮށްބަލަ... އަހަރެން މި ގެންގޮސް ބޮސްގެ ޓްރޭއަށް ލާފަ އެބައަންނަން، މަވެސް ދާނަން ތިމީހުންނާއެކު." ލޫނާ ބުންޏެވެ. ނަމަވެސް ހުސެން އަޑުއިވުނު ކަމަކަށް ނުހެދި އެވެ. ލޫނާ ޖުނައިދުގެ ކެބިންއިން ނުކުންނަންވާއިރަށް އަސްލަން ގޮވައިގެން އޮފީހުން ހުސެން ނުކުމެއްޖެ އެވެ.
"އަހަރެންގެ ސައިކު ދާންވީނު." އަސްލަންއާއެކު ސައިކަލު ނަގަން އަންނަމުން ހުސެން ބުންޏެވެ.
ދެ ޒުވާނުން އެކީ އައިސް ވަނީ ހުސެން ޢާންމުކޮށް ސައިބޯން އަންނަ ކެފޭއަށެވެ. ނަސީބަކުން އެމީހުން ތިބޭ މޭޒު ވެސް ލިބުނެވެ. ގެންނަންވީ އެއްޗެހި ކެފޭގެ ވެއިޓަރު ކުއްޖާ ގާތު ބުނެފައި ހުސެން ބަލާލުމާއެކު އަސްލަން ވާހަކަދެއްކިއެވެ.
"އޮފީހަށް ވަންނައިރަށް ފުރަތަމަ ވެސް ޖެހޭނީ ލޫނާގެ ތުނބުގަ... އޭނާ ނުލާ އައީމަ ތުން ދަމާފަ ހުންނާނީ." އަސްލަން ބުންޏެވެ. ހުސެން އެއްވެސް އެއްޗެއް ނުބުނެ ހިމޭންވެފައި އިނެވެ. އޭނާ އަސްލަންއަށް ބަލާލި ގޮތުން ކިހިނެއްވީތޯ އަހާލެވުނެވެ.
"އަސްލަން ހިތަކަށް އެއްޗެއް ނާރާތަ؟ އަހަރެންނަމަ ރުޅި އައިސްގެން ވެސް ކެތް ނުކުރެވޭނެ." ހުސެން ބުންޏެވެ.
"ކޮންކަމަކަށް؟" ޔަގީންނުވެފައި އަސްލަންއަށް އަހާލެވުނެވެ.
"ކިތަންމެ އެކުގައި އުޅުނަސް މީހެއްގެ ހިތެއް ނޭނގޭނެ، ގިނަފަހަރު ދިރިއުޅުމަށް ވިހަލާނީ އެންމެ ގާތް މީހާގެ ގޮތުގައި ހުރެފައި، އަސްލަން... އެއްވެސް މީހަކަށް ލޯކަނު މީހަކު ފަދައިން އިތުބާރު ނުކުރާތި."
"ތިބުނީ ލޫނާތަ؟" އަސްލަން އަހާލިއެވެ.
"އޭނާ ވިޔަސް، އަހަރެން ވިޔަސް... އެނގޭ ދިރިއުޅުމުގެ ކޮންމެ ވާހަކައެއް އަސްލަން ދައްކައެއް ނޫޅޭކަން، ރަނގަޅު، އެގޮތުގައި ހުންނާތި، މައިރާ ދުނިޔެއަކުނެތް، ނޯޔާއަށް އަހަރެމެންނަކީ އާ ބައެއް، ލޫނާ ތިގެއަށް ދިއުން މުހިންމު ކަމަކަށް އަހަރެންނަކަށް ނުފެނޭ، ސީދާ ނުބުނަންޏާ ލޫނާ އެނގޭ ކަމަކަށް ނުހަދާނެ... ދަތުރުގެ ފަހު ދުވަހު އޭނާ އެ ދެއްކީ ކޮންކަހަލަ ހަޑިމުޑުދާރު ވާހަކައެއް، ކޮއްކޮ ބޭބެގެ އަނބިމީހާއާއެކު ނަހަމަ ގުޅުމެއް ބޭއްވުމަކީ ކިހާ ނުބައިކަމެއް... އަހަރެން މުޅިން ފޫހިވެއްޖެ، އެއީ މިހާ ދުވަހު އެކުވެރިޔެއް ކަމަށް ދުށް ލޫނާއެއް ނޫން، އެ ވާހަކައިން އަހަރެންނަށް ހީވީ އޭނާގެ ގަސްދަކީ ނުބައި ތުހުމަތެއް ނޯޔާގެ ބޮލުގައި އެޅުވުމޭ... އެކަމަކު ބުނަން... ނަމަނަމަ އަނބިމީހާއަށް ޝައްކު ނުކުރާތި، ބުއްދީގެ ބޭނުން ހިފާތި، މީހަކު ޖަހާހާ ބެރަކަށް ނަށަން އަސްލަން ނޫޅޭތި."
"އަހަރެން އެއްޗެކޭ ނުބުނީ ރުޅި ނާންނާތީއެއް ނޫން، އަހަރެން ވެސް ސުވާލު އުފެދުނު ލޫނާ އެކަހަލަ ވާހަކައެއް ދެއްކީމަ، ރިދާނަކީ މީހުންނާ ގުޅޭ، ސަކަ މިޒާޖެއްގެ މީހެއް، ނޯޔާމެންގެއަށް ރިދާން ދޭ... މާކުރީން ވެސް އެމީހުންނަކީ އެކުވެރިން، ރިދާނަށް އަހަރެން އިތުބާރު ކުރަން، އަހަރެންގެ އަނބިމީއަށް އެއަށްވުރެ ބޮޑަށް އިތުބާރު ކުރަން... އޭނާ ނުބައިކަމެއް ނުކުރާނެ، އަހަރެންގެ ހިތެއް އެކަމާ އެއްބަހެއް ނުވޭ... އެކަމަކު އޭނާ އެ ދެއްކި ވާހަކަތަކުން އަހަރެންނަށް ވަރަށް އުނދަގޫވި، ކުރިން އައިހެން މިހާރު ލޫނާ ނާދޭ އަހަރެމެން ގެއަކަށް، ދެމެދުގައި ދުރުކަމެއް ބަހައްޓަން އަހަރެންނަށް ވެސް މަސައްކަތް ކުރެވޭ." އަސްލަން ބުންޏެވެ. (ނުނިމޭ)