މޯލްޑިވް ގޭސް

ޝަޒައިލްގެ މައްސަލަ ނިމުނަސް ސަސްޕެންޝަން ނުނިމުނު

Apr 22, 2021

ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ސަސްޕެންޑް ކޮށްފައި ހުރި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމަށް ކުރެވުނު ތުހުމަތުތަކުން ސަލާމަތްވި ނަމަވެސް އޭނާގެ ސަސްޕެންޝަން އުވާލުމާ މެދު އަދިވެސް ވަކި ގޮތެއް ނުނިންމާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ޝަޒައިލްގެ މައްސަލާގައި އަދިވެސް ގޮތެއް ނުނިންމަވާ ކަމަށެވެ. މައްސަލައާއި ގުޅޭގޮތުން މިވަގުތު އިތުރު އެއްޗެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމު ސަސްޕެންޑް ކުރީ ކޮރަޕްޝަން މައްސަލަތައް ރިޕޯޓް ކުރުމަށް ރައީސް އޮފީހުން ގާއިމްކޮށްފައިވާ ޕޯޓަލް އަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އޮކްޓޯބަރު 15، 2019 ގައެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކޮރަޕްޝަނާއި މަނީލޯންޑަރިންގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާތީ އޭސީސީ އާއި ފުލުހުން ވަނީ މައްސަލަތައް ފައިލްކޮށްފަ އެވެ.

ޝަޒައިލް އަށް ތުހުމަތުކުރެވުނު މައްސަލަތަކުގައި އޭނާ މީގެ ކުރިން ވިދާޅުވީ މައްސަލައެއް އޮތް ނަމަ އެކަމެއް ބަލައި ތަހުގީގުކުރަން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް ތުހުމަތުކުރާ ފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް އަބަދުވެސް ވިދާޅުވަމުން ގެންދެވި އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ޝަޒައިލް ޝިޔާމު ހުންނެވީ ރައީސް މައުމޫންގެ އެމްއާރްއެމްގެ ސްލޮޓެއްގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޝަޒައިލް ވަނީ ކޫއްޑޫ ފިޝަރީޒްގެ ޗެއާމަންކަމާއި ފިޝަރީޒް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަންވެސް ކުރައްވާފަ އެވެ.