ކޮވިޑް-19 އިން ރައްކާތެރިވާން ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމުގައި ދެ ބްރޭންޑެއްގެ ދެ ވެކްސިން ދިވެއްސަކަށް ޖެހިކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ) އިން ޔަގީންކޮށްދީ އެކަމުން ލިބޭނެ ގެއްލުމެއް ނެތް ކަމަށް ބުނެފި އެވެ.
ސޯޝަލް މީޑީއާގައި އާންމުވެފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި ދެ ބްރޭންޑްގެ ވެކްސިން ޖަހައިފައިވަނީ އުމުރުން 46 އަހަރުގެ އަބްދުލްމަތީން މޫސާ އަށެވެ. އޭނާއަކީ ކޮން ރަށެއްގެ މީހެއް ކަމެއް އަދި އެނގިފައެއް ނުވެ އެވެ
މިއަދު ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓާ އޮފް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަހުމަދު ނާސިރު ވިދާޅުވީ ދެ ބްރޭންޑެއްގެ ވެކްސިން ޖެހި ކަމަށާއި ދެން އެކަހަލަ ކަމެއް ހިނގިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން އެކަން މިހާރު ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނެސް މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމާ ގުޅިގެން ވެކްސިން ޖެހި މީހާ ރަނގަޅަށް މޮނީޓާ ކުރަމުންގެންދާ ކަމަށެވެ.
" މިހާތަނަށް ހެދިފައިވާ ދިރާސާތަކަށް ބަލާލާއިރުގައި އެގޮތަށް ވެކްސިން ދެވިގެން ސީދާ ވަކި ގެއްލުމެއް ލިބޭ ކަމެއް އެނިފައެއް ނެތް. އެކަމަކު އެކަމަށް ހެދިފައި ހުރި ގިނަ ދިރާސާތަކުން ދައްކާގޮތުން ވެކްސިން ޖެހުމުން ލިބޭ ފައިދާ ހަމަ އެގޮތަށް ޖެހުމުން ލިބިގެންދާ ކަމަށް ވަނީ އެނގިފައި. " ނާސިރު ވިދާޅުވި އެވެ.
އާންމުވެފައިވާ ވެކްސިން ކާޑުގައިވާ ގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް އޭނާއަށް ދީފައިވަނީ ޗައިނާގެ ސިނޮފާމް ވެކްސިނުންނެވެ. އެއީ ހުޅުމާލެ ވެކްސިން ސެންޓަރުގައި މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު ދީފައިވާ ޑޯޒެކެވެ. އެކަމަކު އޭނާއަށް ދެވަނަ ޑޯޒް ދީފައި ވަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނުންނެވެ. މިޑޯޒް ދީފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމުކޮށްފައިވާ ވެކްސިން ސެންޓަރުން ރޭ 10:58 ގައެވެ.
އްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދެނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފުތާ ފަހުންނެވެ. ނަމަވެސް ބައެއް މީހުންނަށް ހާއްސަ ހާލަތްތަކުގައި އެ ނޫން ގޮތްގޮތަށް ވެސް ވެކްސިންގެ ދެވަނަ ޑޯޒް ދީފައިވެ އެވެ.
ރާއްޖޭގެ ކޮވިޑް ވެކްސިން ޕްރޮގްރާމުގައި ބޭނުންކުރަނީ ތިން ވެކްސިނެކެވެ. އެގޮތުން އެންމެ ފުރަތަމަ ދޭން ފެށީ ކޮވިޝީލްޑް ވެކްސިނެވެ. އެއީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. ދެވަނައަށް ދޭން ފެށީ ޗައިނާގެ ސިނޮފާމް ވެކްސިނެވެ. އެ ވެކްސިން ދޭން ފެށީ މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު އެވެ. ތިންވަނަ އަށް ދޭން ފެށީ ފައިޒާ-ބަޔޯންޓެކް ވެކްސިނެވެ. އެ ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ރަސްމީކޮށް ދޭން ފެށީ މިމަހުގެ ތިންވަނަ ދުވަހު އެވެ.