ޅ. ހިންނަވަރުން މަސްތުވާތަކެއްޗާ އެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހިންނަވަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ މާލެއިން އެރަށަށް ދިޔަ ބޯޓަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މިކުއްޖާ އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރީ މާލެއިން ދިޔަ ބޯޓު ހިންނަވަރު ބަނދަރަށް ކައިރި ކުރި ވަގުތު ބޯޓުން ބޭލި ކޮތަޅަކާ ހަވާލުވުމާ އެކު ބަނދަރުމަތިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރި ކުއްޖާ އަކީ ކުށުގެ ވެށީގައި އުޅޭ ކުއްޖެކެވެ.
ފުލުހުން ބުނީ ކުއްޖާގެ އަތުގައި އޮތް ކޮތަޅު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
މައްސަލަ ތަހުގީގު ކުރަމުންދާތީއާއި ކުޑަކުއްޖަކު ޝާމިލްވާ ކަމަކަށްވާތީ މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި މި ކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުން މިއަދު ވަނީ ތިން ދުވަސް ދީފަ އެވެ.