ރައްޔިތުންގެ މަޖިލިސް

ޕެންޝަންގެ އިސްލާހުތަކާ މެދު މެމްބަރުން ކަންބޮޑުވެއްޖެ

ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނާއި އިދިކޮޅު ޕާޓީތަކުގެ މެމްބަރުންވެސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މިބިލް ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާން އެވެ.

މިބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ޒިންމާދާރު ގޮތެއްގައި ދައުލަތާއި މުޖުތަަމައަށް އެންމެ ފައިދާ ހުރި ގޮތަކަށް ދައުލަތުގެ ފައިސާ ހަރަދުކުރުމުގެ އިންތިޒާމުތައް ހަަމަޖެއްސުމުގެ ގޮތުން ކަަމަށް ބިލްގައިވެ އެވެ. އެކަމަކު ބިލް ހުށަހެޅުމާ އެކު އާންމުންގެ ވަރަށް ގިނަ ބަޔަކު ކަންބޮޑުވެގެން ޝަކުވާ ހުށަހެޅި ކަމަށް ޝިޔާން ވިދާޅުވި އެވެ. އެހެންކަމުން ބިލްގެ ކޮމިޓީ މަރުހަލާގައި ކަންބޮޑުވުންތަކަށް ހައްލު ހޯދަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މިބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ އިސްލާހުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ބިލްގެ ބަހުސްގައި މަނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހްމަދު ހާރޫން ވަނީ މިބިލަކީ ސަރުކާރުން ހުށަހެޅި ބިލެއްކަމާ މެދު ސުވާލު ވެސް އުފައްދަވާފަ އެވެ. ވިދާޅުވީ އިސްލާހުތައް ހުށަހެޅިއިރު އެ ބިލަށް އެމްޑީޕީގެ މެމްބަރުންގެ މެދުގައި މަޝްވަރާ ވެސް ކުރައްވާފައި ނުވާ ކަމަށެވެ. ސިފައިންނާ ފުލުހުން ފިޔަވައި މިހާރުވެސް ކަސްޓަމްސް ފަދަ ސެމި- މިލިޓަރީ މުއައްސަސާތައް ހުރިއިރު ބައެއް އިދާރާތަކުގެ މުއްދަތުގެ ޕެންޝަން އުވާލަން ހުށަހެޅި އިސްލާހަކީ ހަމަޖެހޭ އިސްލާހެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އަދި ގިނަ އަހަރުތަކެއް ވަންދެން ދައުލަތަށް ހިދުމަތްކުރައްވާފައިވާ ތިއްބަވާ ބޭފުޅުންގެ އަގު ވަޒަން ނުކޮށް ދޫކޮށްލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. އެހެންކަމުން ކޮމިޓީ މަރުހަލާގެ ތެރެއިން ބިލަށް ބޮޑެތި ބަދަލުތަކެއް ގެންނަން އޭނާ ހުށަހެޅުއްވި އެވެ.

ހާރޫންގެ ވާހަކަތަކަށް ތާއިދުކުރައްވަމުން އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނަކީ ދައުލަތް ބަލަހައްޓައިދިން ދައުލަތުގެ ބެލެނިވެރިން ކަަމަށެވެ. އެހެންކަމުން އެ ބޭފުޅުން މުސްކުޅިވާ ދުވަހު "ނަގާ އެއްލާނުލުމަށް" އޭނާ ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ. ދައުލަތުން އެ ބޭފުޅުންނަށް އިހާނެތިކޮށް އަމަލުކުރުމުން އެ ބޭފުޅުންނަށް އިހްތިރާމް ކުރާނީ ދެން ކޮން ބައެއްތޯ އިބްރާހީމް ރަޝީދު ވަނީ ސުވާލު އުފައްދަވާފަ އެވެ. ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުން އުމުރުން ދޮށިވެ ގައިބާރު ދެރަވާ ދުވަހު ލިބެންޖެހޭ ޕެންޝަން ނުދި ހިފަހައްޓާނަމަ އެ ދައުލަތެއްގެ ހަގީގީ ބޭނުމާ މެދުވެސް ސުވާލު އުފެއްދެވި އެވެ.

"[ޕެންޝަން] މިހާރު ލިބެން ޖެހޭ ވަރަށް ވުރެ ބޮޑު ކުރަން ޖެހޭ. ދޭން ޖެހޭނެ ޕެންޝަން" އިސްލާހުތަކަށް ވަރަށް ބޮޑަށް ހައްދަވަމުން ވިދާޅުވި އެވެ.

ބިލްގެ ބަހުސްގައި އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖެ މިހާރު މިދެކޭ ތަރައްގީއަށް ވާސިލްވުމުގައި ޕެންޝަނަރުން މުހިއްމު ދައުރެއް އަދާކުރެއްވި ކަމަށެވެ. އެހެންނަމަވެސް އެ ބޭފުޅުން ލޯބޯ ކޮށިވެ ގައި ބާރު ދޫވި ދުވަހު، ހިދުމަތެއް ނުކޮށް ތިބޭ މީހުންނާ އެ ބޭފުޅުން އެއްފަދަ ކުރުމަކީ އެއްވެސް އިންސާފެއް ނޫނެ ކަމަށެވެ. އަދި ސަރުކާރުން ހުށަހެޅި އިސްލާހުތައް ފާސްވެއްޖެނަމަ ދިވެހި ދައުލަތުގައި އެންމެ ނިކަމެތި ބަޔަކަށް ވާނީ މިގައުމަށް ތަރައްގީ ގެނެސްދިނުމަށް މަސައްކަތް ކުރެއްވި ހިދުމަތްތެރިން ކަމަށެވެ.

"މި ހުށަހެޅުނު އިސްލާހަކީ އަޅުގަނޑު ދެކޭގޮތުގައި އަނެއްކާވެސް ޕެންޝަނަރުންނަށް ލިބޭ ނިކަމެތި ކަމެއް. މި ނިކަމެތިކަން ލިބޭކަށް މި މަޖިލީހުގެ ގިނަ މެމްބަރުން ގަބޫލެއް ނުކުރައްވާނެ. ސަަބަބަބީ ސިޔާސީ ގޮތުން ބެލިކަމުގައި ވިޔަސް ގައުމުގެ ތަރައްގީއަށް ބެލިކަމުގައި ވިޔަސް ސިވިލް ސާވިސްގެ މަސައްކަތް ކުރާ މީހުންގެ އުއްމީދުތަކަަށް ބެލިކަމުގައި ވިޔަސް މީގައި ބޮޑަށް އޮތީ ބިރުވެރިކަން. އަދި މީގެ ސަބަބުން ޕެންޝަނަރުންނަށް ލިބޭނީ މާޔޫސްކަމާއި ނިކަމެތިކަން" ޝަރީފް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ސަރުކާރުން ހުށަހެޅި އިސްލާހުތަކަކީ ގިނަ އަހަރު ތަކަކު ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަން ކުރަން ބޭނުން ނުވާތީ ހުށަހެޅި އިސްލާހުތަކެއް ކަމަށެވެ. މިއިސްލާހު ތަކުގެ ސަބަބުން ދައުލަތަށް ހިދުމަތް ކުރުމުގެ ރޫހު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަންވެސް ޝިޔާމް ވަނީ ފާހަގަކުރައްވާފަ އެވެ. އިސްލާހުތަކާ ގުޅިގެން ޝިޔާމް ވަނީ ރައީސް ސޯލިހަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ދައުލަތެއް ހިންގަން ވެރިޔަކު ހަވާލުވާންވާނީ އެ ދައުލަތެއް ހިންގުމުގެ ގާބިލްކަން ހުރެގެން ކަމަށާއި އެކަމަކު އިސްލާހުތަކުން އެނގިގެން ދަނީ މިސަރުކާރު ހިންގަން ހުންނެވި ވެރިމީހާގެ ނާގާބިލްކަން ކަމަށެވެ.

"މި ގައުމު ބިނާކުރުމަށްޓަކައި ދައުލަތަށް ހޯދަން ޖެހޭ އާމްދަނީ ނުހޯދޭތީ އާމްދަނީ ހޯދަން އޮތް ހަމައެކަނި މަގަކީ ރައްޔިތު މީހާގެ ޖީބުކަމަށް ވެފައި މި އޮންނަނީ. އަނެއްހެން ބުނާ ކަމަށްވަންޏާ ސަރުކާރުން ދައުލަތަށް ބޭނުންވާ ފައިސާ ހޯދަނީ ހަމައެކަނި ރައްޔިތުން ފެލައިގެން،" ޝިޔާމް ވިދާޅުވި އެވެ.

މި ގައުމު ބިނާކުރުމަށްޓަކައި ދައުލަތަށް ހޯދަން ޖެހޭ އާމްދަނީ ނުހޯދޭތީ އާމްދަނީ ހޯދަން އޮތް ހަމައެކަނި މަގަކީ ރައްޔިތު މީހާގެ ޖީބުކަމަށް ވެފައި މި އޮންނަނީ. އަނެއްހެން ބުނާ ކަމަށްވަންޏާ ސަރުކާރުން ދައުލަތަށް ބޭނުންވާ ފައިސާ ހޯދަނީ ހަމައެކަނި ރައްޔިތުން ފެލައިގެން
އަހްމަދު ޝިޔާމް | ނައިފަރު ދާއިރާގެ މެންބަރު

އިސްލާހުތަކަށް އެންމެ ބޮޑަށް ފާޑު ވިދާޅުވީ ޕީއެންސީގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. ސައީދު އެންމެ ބޮޑަށް ހިތްހަމަޖެހިވަޑައި ނުގެންނެވީ ކޮވިޑްގެ ބަލިމަޑުކަން މުޅި ދުނިޔެ ތަހައްމަލު ކުރަމުންދާ އުދަގޫ ވަގުތެއްގައި މިފަދަ އިސްލާހުތަކެއް ހުށެހެޅުމުންނެވެެ.

ސައީދު ވިދާޅުވީ ދުވަހަކު ވެސް ދިވެހިން ހާލުގައި ނުޖެހޭ ވަރަށް މިސަރުކާރުގައި ދިވެހިން ހާލުގައި ޖެހިއްޖެ ކަމަށެވެ. އެކަމަކު މި ހާލަތުގައި ވެސް ދައުލަތް ހިންގަވަން ހުންނެވި ވެރިޔާ މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ދަތިކުރުމަށް ކަމަށެވެ. އެހެންވެ މިސަރުކާރުގެ ސިޔާސަތުތައް ހަމަ އެއްގޮތަކަށްވެސް ފަހުމް ނުވާ ކަމުގައި ވިދާޅުވި އެވެ. މިހާރު ވެސް ސަރުކާރުން ދަނީ ދިވެހި ފައިސާ ޗާޕް ކުރަމުންދާއިރު ޕެންޝަން ފައިސާ ކަނޑާލަން ޖެހެނީ ކީއްވެތޯ ސައީދު ސުވާލު އުފެއްދެވި އެވެ.

ކޮވިޑް 19އާއި ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލި، އާމްދަނީ އަށް އަސަރު ކުރުމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސައީދު ޕެންޝަން ފަންޑުގައި ހުރި ފައިސާ ނަގަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ޕެންޝަނާ ބެހޭ ގާނޫނަށް މީގެ ކުރިން އިސްލާހު ހުށަހަޅުއްވާފަ އެވެ. ނަމަވެސް މަޖިލީހުން ވަނީ އެ ބިލް ބޭރުކޮށްލާފަ އެވެ.

މިބިލްގައި ބުނެފައިވަނީ މި ބިލް ގާނޫނަަކަށް ވުމުން ފުލުހުންގެ ގާނޫނާއި ސިފައިންގެ ގާނޫނު ފިޔަވައި އެހެން ގާނޫނެއްގެ ދަށުން ދައުލަތުގެ އިދާރާތަކުން ނުވަތަ މުއައްސަސާތަކުން ދެމުން ދިޔަ ދައުލަތުގެ އެހެނިހެން ޕެންޝަނަށް ނިމުން އަންނާނެ ކަމަށެވެ. އަލަށް ގެންނަ އިސްލާހުގެ ދަށުން ދައުލަތުގެ އެހެނިހެން ޕެންޝަނުގެ ގޮތުގައި ބަލާނީ ރިޓަޔާކުރުމުގެ ގާނޫނާ ގުޅިގެން އެ ގާނޫނުން ނުވަތަ އެހެން ގާނޫނެއް ނުވަަތަ ގަވައިދެއްގެ ދަށުން ހިދުމަތުގެ މުއްދަތަށް ބިނާކޮށް ނުވަތަ އެނޫންވެސް ގޮތަކުން ވަޒީފާއަކުން ވަކިވުމުން ދައުލަތުގެ ބަޖެޓުން ދެވޭ އެންމެހާ ޕެންޝަން އަދި އިނާޔަތްތަކެވެ. އެއާއެކު 20 އަހަރު ނުވަތަ 40 އަހަރުގެ މުއްދަތަށް ހިދުމަތް ކުރުމުން މިހާރު ލިބޭ ޕެންޝަނަށް ނިމުން އަންނާނެ އެވެ. ނަމަވެސް އެ ގާނޫނަށް އަމަލުކުރުމުގެ ކުރިން ރިޓަޔާ ކޮށްފައިވާ ފަރާތްތަކަށް ކުރިން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ލިބެމުން ދިޔަ އެހެނިހެން ޕެންޝަން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ޕެންޝަން އޮފީހުން ފޯރުކޯށްދޭން ޖެހެ އެވެ.

އެހެނިހެން ޕެންޝަންތައް ހުއްޓާލަން ނިންމި ނަމަވެސް އަސާސީ ޕެންޝަން ކުރިއެކޭ އެއްގޮތަށް ދެމުން ގެންދާނެ އެވެ. އެކަމަކު އުމުރުން ދުވަސްވީ މީހަކު ދައުލަތުގެ މަގާމަކަށް އިންތިހާބު ވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއަކަށް އައްޔަނުކޮށްފިނަމަ އެ މީހަކު އެ މަގާމުގައި ދެމި ހުންނަ މުއްދަތަކަށް އަސާސީ ޕެންޝަން ލިބުން މެދުކެނޑިގެންދާ ގޮތަށްވެސް އިސްލާހު ވަނީ ހުށަހަޅާފަ އެވެ. ހަމަ އެގޮތަށް ދައުލަތުގެ ވަޒީފާއިން ރިޓަޔާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ އެހެނިހެން ޕެންޝަން ލިބެމުންދާ މީހަކު ދައުލަތުގެ މަގާމަކަށް އިންތިހާބު ވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއަކަށް އައްޔަނުކޮށްފިނަމަ އެ މަގާމުގެ ނުވަތަ ވަޒީފާގެ މުއްދަތު ނިމުމަކަށް އަންނަން ދެން އެމީހަކަަށް ލިބެމުންދިޔަ ދައުލަތުގެ އެހެނިހެން ޕެންޝަން ލިބުން މެދުކެނޑިގެންދާ ގޮތަށްވެސް ވަނީ ހުށަހަޅާފަ އެވެ.