އެމެރިކާއިން ރަޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ޖޯން ސުލިވަން އެނބުރި ވޮޝިންޓަނަށް ވަޑައިގެންފި އެވެ. ސަފީރު ގައުމަށް އެނބުރި ވަޑައިގަތީ ރަޝިއާއާ އެމެރިކާއާ ދެމެދު ގުޅުން ގޯސްވެ އުދާސްވެފައި ވާތީ ހަށިފޮޅާލެއްވުމުގެ ގޮތުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސަފީރު ފުރަތަމަ ވަޑައިގަންނަވާނީ ލަންޑަނަށެވެ. އެއަށް ފަހު ވޮޝިންގްޓަނަށް ވަޑައިގަންނަވާނީ ވަކި މަތިންދާބޯޓެއްގަ އެވެ.
އެމެރިކާއާ ރަޝިއާ ދެމެދު ކުރިން ވެސް ނިކަމެތިވެފައި އޮތް ގުޅުން ޖޯ ބައިޑަން ރައީސްކަމަށް ވަޑައިގެންނެވި ފަހުން އިތުރަށް ބަލިކަށިވެ ވަނީ ރޫޅިފަ އެވެ. އެމެރިކާއަށް ކުރިމަތިވެފައިވާ ހުރިހާ ބަދުނަސީބެއް ބޮލުގައި އަޅަންޖެހިފައި ވަނީ ރަަޝިއާ އަށެވެ. ރަޝިއާ ސަރުކާރަށް ވަގަށް ގޮވައި ރައީސް ޕޫޓިންއަކީ ގާތިލެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ދެގައުމުގެ ދެމެދުގައި ފެތުރިގަތް ނުތަނަވަސްކަމުގެ ތެރެއިން އެމެރިކާގައި ހުންނަވާ ރަޝިއާ ސަފީރު ވަނީ ގައުމަށް ގެންގޮސްފަ އެވެ. އަދި އޭގެ ފަހުން ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވީ ސަފީރަށް މިވަގުތު ކައުންސެލިން ބޭނުންފުޅު ވާނެ ކަމަށެވެ.
ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ކުރިން ވިދާޅުވީ މި ހާލަތުގައި އަމަލު ކުރަން އެންމެ ރަނގަޅު ގޮތަކީ އެމެރިކާގައި ހުންނެވި ރަޝިއާގެ ސަފީރު ގައުމަށް ގެންނެވި ގޮތަށް ރަޝިއާގައި ހުންނަވާ އެމެރިކާގެ ސަފީރު ވަތުގީ ގޮތުން ގައުމަށް އެނބުރި ވަޑައިގަތުން ކަމަށެވެ. އަދި ވިދާޅުވީ އެ ސަފީރަށް ވެސް މިވަގުތު ކައުންސެލިން ބޭނުންފުޅުވާނެ ކަމަށެވެ.
އިގުތިސޯދީ ގޮތުން ރަޝިއާއަށް ދަތި ކުރަން އެމެރިކާއިން އިތުރަށް އެޅި ފިޔަވަޅުތަކަށް ރަޝިއާއިން ދިން ޖަވާބަކީ ސަފީރު ގައުމަށް ވަޑައިގަތުމަށް ދެންނެވުމެވެ. އަދި އެމެރިކާ އެމްބަސީގައި މަސައްކަތް ކުރެވޭ އުސޫލުތައް ވަރަށް ބޮޑަށް ހަރުކަށި ކުރުމާއި އެމެރިކާ ސަރުކާރުން ފަންޑުކޮށްގެން ރަޝިއާގައި ހިންގާ ކުދިކުދި އޮގަނަައިޒޭޝަންތައް މުޅިން މަނާ ކުރުމެވެ.