ދުނިޔެ

އިންޑޮނޭޝިއާ ސަބްމެރީން ފެތި، 53 ފަޅުވެރިން މަރުވީ ކަމަށް ނިންމައިފި

އިންޑޮނޭޝިއާއިން ގެއްލިގެން ހޯދަމުން އަންނަ އަސްކަރީ ސަބްމެރީންގެ ބައިތަކެއް ކަމަށް ބެލެވޭ ކުނިބުނިތަކެއް ކަނޑުމަތިން ފެނިއްޖެ އެވެ. އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވީ އެތަކެތި ފެނިފައި ވަނީ ސަބްމެރީން އެންމެ ފަހުން އޮތް ކަމަށް ރިޕޯޓްކުރި ސަރަހައްދުން ކަމަށެވެ.

ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް ޔޫޑޯ މާގޯނޯ ވިދާޅުވީ ބެލެވެނީ ލިބުނު ގެއްލުމެއްގައި ސަބްމެރީން ފެތުނީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ސަބްމެރީން އަޑިއަށް ދިއުމަށް ޑިޒައިން ކޮށްފައިވާ ފުނަން ވުރެ އަޑިއަށް ދެވުނީ އެވެ. އެހެންކަމުން ސަބްމެރީންގައި ތިބި 53 ފަޅުވެރިން މިހާރު ދުނިޔޭގައި ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާއިރު ވަންދެން ދިރިތިބޭ ވަރަށް އޭގައި އޮކްސިޖަން ވެސް ނުހުންނާނެ ކަމަށެވެ.

ސަބްމެރީން ގެއްލުނު ހިސާބު ކަނޑުމަތިން ތެލުގެ އަސަރު ފެނިފައިވާ ކަމަށް ކަނޑުގެ ސިފައިން ކުރިން ރިޕޯޓް ކުރި އެވެ. މިހާރު ފެނިގެން އުޅޭ ބައިތަކުން ބޮޑަށް ހެކިދެނީ ޕްރެޝަރު ގަދަވެގެން ނުވަތަ ޓޮރްޕިޑޯއެއް ގޮވައިގެން ސަބްމެރީންގައި ރެނދުލުން ފަދަ ބޮޑު ގެއްލުމެއް ލިބުނީ ކަމަށް ކަނޑުގެ ސިފައިން ބުނެ އެވެ.

ކަނޑުމަތިން ފެނިފައިވާ ބައިތަކުގެ ތެރޭގައި ޓޮރުޕިޑޯގެ ބަޔަކާއި އެއާކޮންޑިޝަން ހޮޅީގެ ބޭރުގައި އޮޅާ އިންސްލޭޝަންގަނޑަކާއި ގިރިސް އަދި ނަމާދު މުސައްލައެއް ހިމެނެ އެވެ.

މި ސަބްމެރީން އުފައްދާފައި ވަނީ ޖަރުމަނުގައި 1977 ގައި އެވެ. އަދި އިންޑޮނީޝިއާ ޑިފެންސް މިނިސްޓްރީން ސަބްމެރީނާ ހަވާލުވީ 1981 ގައި އެވެ. ސައުތު ކޮރެއާގައި ސަބްމެރީން ވަރަށް ބޮޑަށް މަރާމާތުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ނެވިގޭޝަނާއި ސޯނާ ސިސްޓަމް އަދި ކަނޑުއަޑިއަށް ހާއްސަ ބައެއް އާލާތްތަކުގެ ފެންވަރު ރަނގަޅުކޮށްފައި ވެއެވެ.

ސަބްމެރީން ޑިޒައިންކޮށްފައި ވަނީ 250 މީޓަރު (820 ފޫޓު) ފުނުގައި ދުއްވާ ގޮތަށެވެ.

އަސްކަރިއްޔާއިން ބުނާ ގޮތުން ސަބްމެރީން މިހާރު އޮތީ 850 މީޓަރު (2800 ފޫޓު) އަޑީގަ އެވެ. އެހެންކަމުން ސަބްމެރީން ފެތުނީ ކަމަށް ރަސްމީކޮށް ވަނީ ނިންމާފަ އެވެ. ސަބްމެރީން ހޯދުމުގައި މަސައްކަތްތަކުގައި މެލޭޝިއާ އާޢި ސިންގަޕޫރު، އޮސްޓްރޭލިއާ އަމަލީ ގޮތުން ބައިވެރިވި އެވެ. ޖަޕާނާއި ތުރުކީ އަދި އެމެރިކާއިން ވެސް އެހީތެރިކަށް ހުށަހެޅި އެވެ.