ބޮލީވުޑް

ލޯބިވެވުނީ ވަރަށް ގޯސް މީހުނާ: ފާތިމާ ސަނާ

ފާތިމާ ސަނާ ޝޭހް އަކީ އާއްމުކޮށް ޒާތީ ވާހަކަތައް މީޑިއާގައި ދައްކާ ބަތަލާއެއް ނޫނެވެ. ނަމަވެސް ވަރަށް ފަހުން އޭނާ ދީފައިވާ އިންޓަވިއު އެއްގައި ބައެއް އަމިއްލަ ވާހަކަތައް ހިއްސާ ކޮށްފައި ވެއެވެ.

ނެޓްފްލިކްސް އިން ދާދިފަހުން ރިލީޒްކުރި "އަޖީބް ދާސްތާންސް" ގައި މުހިއްމު ރޯލެއް އަދާކުރި ފާތިމާ ބުނި ގޮތުގައި މިހާތަނަށް ލޯބީގެ ގޮތުން ގުޅެވިފައި ވަނީ މުޅިން ވެސް ގޯސް މީހުންނާ އެވެ. ކޮންމެ ގުޅުމެއް ވެސް ވަރަށް "ވިހަ" ކަމަށް އޭނާ ސިފަ ކުރި އެވެ.

ޑައިރެކްޓަރު ޝަޝާންކް ހައިތާންގެ "މަޖްނޫ" ގައި ޖައިދީޕް އަލްވާތު އާއެކު ބައިވެރިވެފައިވާ ފާތިމާ ދާދިފަހުން ދިން އިންޓަވިއު އެއްގައި ޒާތީ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދިނީ އޭނާ ކުޅޭ ފިލްމުތަކުގައި އަދާކުރާ ރޯލުތަކާއި ޒާތީ ދިރިއުޅުމުގެ ތަފާތު ދެއްކުމުގެ ގޮތުންނެވެ.

ވަރަށް ފަހުން ރިލީޒްވި "ލޫޑޯ" ގައި ފާތިމާ ކުޅެފައިވަނީ ޕިންކީގެ ކެރެކްޓާއަކީ ވެސް އޭނާގެ އަމިއްލަ ނަފްސާ ވަރަށް ތަފާތު ކެރެކްޓާއެއް ކަމަށް ފާތިމާ ބުންޏެވެ.

އަނުރާގު ބާސޫ ޑައިރެކްޓް ކޮށްފައިވާ "ލޫޑޯ" ގައި ފާތިމާގެ ފިރިމީހާ އެހެން މީހަކާ ސިއްރު ލޯބީގެ ގުޅުމެއް ހިންގާ ފަހުން މީހަކު މަރާލުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެ އެވެ. ފިރިމީހާ އޭނާއަށް ބޭވަފާތެރިވީކަން އެނގި އެނގި ހުރެ ވެސް ޕިންކީ އޭނާގެ ފިރިމީހާ ޖަލުން ސަލާމަތްކޮށް އޭނާގެ ކުށެއް ނެތްކަން ސާބިތުކުރުމަށް ވަރަށް ހިތްވަރާއެކު މަސައްކަތްކުރާތަން މި ފިލްމުން ފެނެ އެވެ.

"މަށަކީ އަސްލު ދިރިއުޅުމުގައި ޕިންކީ ކަހަލަ މީހެއް ނޫން. މަށާ އިނދެގެން އުޅޭ މީހަކު އެފަދަ ކަމެއް ކޮށްފިއްޔާ މޫނުމަތީ ޔަގީނުން ވެސް ތަފާލެއް ޖަހާނަން،" ފާތިމާ ބުންޏެވެ.

ނަމަވެސް އަނގައިން މިހެން ބުނެލިޔަސް އެފަދަ ކަމެއް އަމަލީ ގޮތުން ކުރަން އެހާ ފަސޭހަ ނުވާނެ ކަމަށް ޚުދް ފާތިމާ ވެސް ގަބޫލު ކުރެ އެވެ.

"އަހަރެންނަށް މިހާތަނަށް ލޯބީގެ ގޮތުން ގުޅެވިފައި ވަނީ ވަރަށް ގޯސް މީހުންނާ. އެމީހުންނާއެކު އަހަރެން ހޭދަކުރީ ވަރަށް ވިހަގަދަ ގުޅުމެއް. އަހަރެން މިވެނި ކަމެއް ކުރާނަމޭ އެވެނިކަމެއް ކުރާނަމޭ މިހާރު ބުންޏަކަސް ކަމެއް ދިމާވީމަ އޮންނަނީ އެ ގޮތަށް ކަންކަން ނުކުރެވިފަ. ޚާއްސަކޮށް ފައިސާގެ ދަތިކަން ހުރިނަމަ އަދި އަނެއް މީހާގެ ފައިސާއަށް ބަރޯސާ ވާން ޖެހިފައިވާނަމަ ހިތު ހުރިހައި ގޮތެއް ހެދޭކަށް ވެސް ނޯންނާނެ،" ފާތިމާ ބުންޏެވެ.

ފާތިމާ ބޮލީވުޑަށް ނުކުތީ އާމިރު ހާންގެ "ދަންގަލް" އިންނެވެ. އޭގެ ފަހުން "ތަގްސް އޮފް ހިންދުސްތާން" އާއި "ސޫރަޖް ޕޭ މަންގަލް ބާރީ" ކުޅުނެވެ.

ދާދިފަހުން ފާތިމާއަށް ކޮވިޑް-19 ޖެހި އެ ބަލީގައި ވެސް ދުވަސްތަކެއް ހޭދަ ކުރި އެވެ. މި ވާހަކަ އިންސްޓަގްރާމްގައި ފާތިމާ ޝެއާ ކުރި އެވެ. އަދި އަނިލް ކަޕޫރުގެ ގޭގައި ކައްކާފައި ތަށިބަރި އޭނާއަށް ފޮނުވާތީ ފާތިމާ ވަނީ އަނިލް އަށް ޝުކުރު އަދާކޮށްފަ އެވެ.

މި އަހަރު ކުރީކޮޅު ފާތިމާ އާއި އަނިލް އެކުގައި ފިލްމެއްގެ ޝޫޓިންގެއްގައި ބައިވެރި ވެފައި ވެއެވެ.