ހަބަރު

ޕްރީކޮޕް ގައި ބައިވެރިވުމަށް މިނިސްޓަރު ތޯރިގު ޕެރިހަށް

Nov 7, 2015

"ކޮޕް 21" އަށް ތައްޔާރުވުމުގެ ގޮތުން ފްރާންސްގައި މާދަމާ ފަށާއި "ޕްރީކޮޕް" ބައްދަލުވުމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ޕެރިހަށް ވަޑައިގެންފި އެވެ.

މި ބައްދަލުވުން ޕެރިހުގައި އަންނަ އަންގާރަ ދުވަހާ ހަމައަށް ކުރިޔަށްދާނެ އެވެ. ޕްރިކޮޕްގައި މިނިސްޓަރު ތޯރިގު ބައިވެރިވަޑައިގަންނަވަނީ، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ މިދައުރުގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުންނެވެ.
ކޮޕް 21 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ. މުއާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ބައްދަލުވުމެވެ. މި ފަހަރު ބާއްވަނީ 21 ވަނަ ބައްދަލުވުމެވެ.

މާދަމާ ފަށާ ބައްދަލުވުމުގައި މި މަހުގެ 11 ވަނަ ދުވަހު ފަށާއި ކޮޕް 21 ގައި އެޑަޕްޓް ކުރުމަށް މަސައްކަތް ކުރާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އާ ގާނޫނީ އެއްބަސްވުމަށް މަގުފަހި ކުރެވޭނެގޮތްތަކާއި އަދި އެ އެއްބަސްވުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ ދަށުން މިހާރު އަމަލު ކުރާ ކިޔޯޓޯ ޕްރޮޓޮކޯލުގެ މުއްދަތު 2020 ވަނަ އަހަރުގެ ނިޔަލަށް ހަމަވާތީ، އެ މުއާހަދާގެ ބަދަލުގައި އަމަލުކުރާނެ އާ ޤާނޫނީ އެއްބަސްވުމެއް އެކުލަވާލައި ކޮޕް 21 ގައި ރަސްމީކޮށް އެޑަޕްޓް ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.