(22 އެޕްރިލް 2021 އާ ގުޅޭ)
"އަހަރެން އެއްޗެކޭ ނުބުނީ ރުޅި ނާންނާތީއެއްނޫން، އަހަރެން ވެސް ސުވާލު އުފެދުނު ލޫނާ އެކަހަލަ ވާހަކައެއް ދެއްކީމަ، ރިދާނަކީ މީހުންނާ ގުޅޭ، ސަކަ މިޒާޖެއްގެ މީހެއް، ނޯޔާމެންގެއަށް ރިދާން ދޭ... މާކުރީން ވެސް އެމީހުންނަކީ އެކުވެރިން، ރިދާނަށް އަހަރެން އިތުބާރު ކުރަން، އަހަރެންގެ އަނބިމީއަށް އެއަށްވުރެ ބޮޑަށް އިތުބާރު ކުރަން... އޭނާ ނުބައިކަމެއް ނުކުރާނެ، އަހަރެންގެ ހިތެއް އެކަމާ އެއްބަހެއް ނުވޭ... އެކަމަކު އޭނާ އެ ދެއްކި ވާހަކަތަކުން އަހަރެންނަށް ވަރަށް އުނދަގޫވި، ކުރިން އައިހެން މިހާރު ލޫނާ ނާދޭ އަހަރެމެން ގެއަކަށް، ދެމެދުގައި ދުރުކަމެއް ބަހައްޓަން އަހަރެންނަށް ވެސް މަސައްކަތް ކުރެވޭ." އަސްލަން ބުންޏެވެ.
"އަހަރެންނަކަށް ނުބުނެވޭނެ ސީދާ މީހަކާ އޮތް ގުޅުން ކަނޑާލާކަށް، އެހެންވިޔަސް އަހަރެންނަށް ރަނގަޅީ ލޫނާއާ އަސްލަން ވާހަކަދެއްކުން ހުއްޓާލުން، އޭނާއާ ތިބާއްވާ ގާތްކަން އެއްގޮތަކަށް ވެސް ނުބޭއްވުން... ޚާއްސަކޮށް ތިގެއަށް އޭނާ ދިޔަ ނުދޭންވީ، އޭނާ އެ ދެއްކި ވާހަކައިން ވެސް ނިޔަތް ރަނގަޅުނޫންކަން އެނގޭ، އޭނާ އަހަރެމެން ކައިރީ އެވަރުގެ ވާހަކައެއް ބުނިއިރު ތިގެއަށް ގޮސް ނޯޔާގެ ކައިރީ ކޮންމެފަދަ ވާހަކައެއް ވެސް ދައްކަފާނެ." ހުސެން ބުންޏެވެ.
"ކުއްލިއަކަށް ހުސެން ހާދަ ފޫއްސެއް ތިވީ." އަސްލަންއަށް ބުނެވުނެވެ.
"މީހެއްގެ ހަޤީޤީ ކުލަ ފެނުނީނަމަ ކޮންމެ މީހަކު ނަމަވެސް މިހެންވާނެ." ހުސެން ބުންޏެވެ.
* * * * *
ހެނދުނު ހެނދުނާ އަރީންގެ ބަޔަށް ސަބީނާ އައެވެ. ސައިތައްޔާރުކޮށްގެންނެވެ. ދެބެންގެ ތެރެއިން ދޮށީ މަންޖެ ސޯފާގައި އައިޕެޑް ހިފައިގެން އޮތެވެ. ސްކޫލަށް ދާން ތައްޔާރު ނުވަންތޯ ސަބީނާއަށް އަހާލެވުނެވެ. ބަދިގެތެރޭގައި މީހަކު ހަރަކާތްތެރިވާތީ ސަބީނާއަށް ފެނުނީ ދެނެވެ. އުނދުން ކައިރީ ހުރީ ފަވާދެވެ. ކާމޭޒުމަތީ ސީރިއަލްއާއި މޭވާ ހުއްޓެވެ. ތަވާ ހިފައިގެން ފަވާދު ބިސްގަނޑު އަޅަނީއެވެ.
"މަންމަ މިއައީ ސައި ހިފައިގެން... ދެބެން ގޮވައިގެން ކާމޭޒުދޮށުގައި އިށީނދޭ، މަންމަ ތިކަން ކޮށްފާނަން." ސަބީނާގެ އަތުގައި އޮތް ކޮތަޅު ކާމޭޒުމަތީ ބަހައްޓަމުން ވާހަކަދެއްކިއެވެ.
"މި ނިމުނީ..." ފަވާދު ތަށްޓަށް ބިސްގަނޑު ލައި އުނދުން ނިވާލިއެވެ. ދެ ތަށި ހިފައިގެން އައިސް ކާމޭޒުމަތީ ބެހެއްޓިއެވެ. ސޯފާގައި އިން ފަލަކް ގާތު ކޮއްކޮއަށް ގޮވަން ފަވާދު ބުންޏެވެ.
"އަރީން ކިހިނެއް؟" ކޮތަޅުގެ ތެރެއިން ތަށިތައް ނަގަމުން ސަބީނާ އަހާލިއެވެ.
"ނިދިފަ އޮތީ." ފަވާދު ބުންޏެވެ.
"ފަވާދު ދާންވާއިރަށް މަންމަ އަންނާނަން." ފަވާދު ވަޒީފާއަށް ދާން ޖެހޭނެތީ އަރީން ކައިރީ މީހަކު ހުންނަންވާނޭކަން ސަބީނާއަށް ވިސްނޭތީ ބުނެލިއެވެ.
"މަންމަ ނަޔަސް ރަނގަޅުވާނެ، އަހަރެން މިއަދު އޮފީހަކަށް ނުދަން، މިވިސްނަނީ ޗުއްޓީއެއް ނަގަން." ފަވާދު ބުންޏެވެ.
"ދަރިފުޅު ރޭގަ ނުނިދަން ދޯ." ފަވާދުގެ މޫނަށް ފަރުވާތެރިކަމާއެކު ސަބީނާ ބަލަން ހުރެފައި ބުންޏެވެ. އަރީން ބަލިވުމުން އެކަމާ ފަވާދު މާބޮޑަށް ކަންބޮޑުވަނީ ކަމުގައި ސަބީނާ ހީކުރެވުނެވެ. އޭނާ ކުރި ސުވާލަށް ފަވާދު އެއްވެސް އެއްޗެކޭ ނުބުންޏެވެ. ރީވާ ގޮވައިގެން ފަލަކް އެތަނަށް އައީ އެވަގުތެވެ.
ސްކޫލަށް ކުދީން ގެންގޮސް ލާފައި ފަވާދު ގެއަށް އައިސް ވަންއިރު ކާމޭޒު ދޮށުގައި އަރީން އިނެވެ. ޖޫސްތަށްޓެއް ހިފައިގެންނެވެ. ފަވާދު ފެނުމާއެކު އޮފީހަށް ނުދަންތޯ އަރީން ވަގުތުން އަހާލިއެވެ. ހޫން ލައްވާލުމާއެކު ފަވާދު އައިސް އަރީނާ ކުރިމަތިވާނޭހެން ކާމޭޒު ދޮށުގައި އިށީނެވެ.
"މަންމަ ސައިގެނެސްފަތަ؟" މޭޒުމަތީ ހުރި ތަށިތަކަށް އިޝާރާތް ކުރާ ފަދައިން އަރީން އަހާލިއެވެ. ދެންވެސް ފަވާދު ލައްވާލީ ހޫންއެކެވެ.
"މިހާރު ކިހިނެއް؟" ފަވާދު އަހާލިއެވެ.
"ރަނގަޅު." ޖެހިލުންވެފައި އިނދެ އަރީން ބެލީ ވީހާ ވެސް ކުރުކޮށް ޖަވާބުދޭށެވެ. ރޭގައި ހޮސްޕިޓަލުގައި އޭނާގެ ހާލު ދަށަށް ދިޔައިރު، ކަންތައްތައް ހިނގައިދިޔަ ގޮތެއް ނޭނގެއެވެ. ޓެސްޓުތަކެއް ހަދަން ލޭ ނަގާފައިކަން ހުރީ އެނގެއެވެ. ފަވާދު އެއްވެސް ވާހަކައެއް ނުދައްކައެވެ. އެހެންވެ ކަމެއް އޮޅުންފިލުވަން ވެސް އަރީން އިނީ ނުކެރިފައެވެ. ބޭނުންވަނީ ފަވާދަށް އެއްވެސް ކަމެއް ނޭނގޭށެވެ.
ފަވާދު ހިމޭންވެފައި އަރީނަށް ބަލަން އިނެވެ. އެތައް ސުވާލެއް އެ ސިކުނޑީގައި ވެއެވެ. އަނބިމީހާ ބަނޑުބޮޑުކަން ޑަކްޓަރު ބުނީއްސުރެ އޭނާ ވިސްނަނީއެވެ. އަނބިމީހާ ގާތްކަމެއް ނުބާއްވާއިރު ވެސް ބަލިވެއިނުމުން ކޮންމެ ފިރިއަކު ވެސް އަޖައިބުވެ އަންތަރީސްވާނެކަން ޔަގީނެވެ. އަނބިމީހާގެ ބަލިވެ އިން ގޮތަކާމެދު ސުވާލު ކުރުމުން އެ ދެމެދުގައި އޮތް ގުޅުމަށްވާނީ ކިހިނެއްކަން ވެސް ފަވާދަށް އެނގެއެވެ. ރޭގައި އޭނާގެ ދެ ލޮލަށް ނިދިނައީ އެހެންވެއެވެ. އަނބިމީހާއާ ކުރިމަތިލާނޭ ގޮތަކާމެދު އޭނާ ވިސްނީއެވެ. އަރީންދެކެ ދުވަހަކުވެސް އަންހެނަކުދެކެ ނުވާހާ ލޯބި ފަވާދު ވެއެވެ. ދިރިއުޅުމުގައި މިހާތަނަށް އައިއިރު ކުދިކުދި ކުނި އައީ ޖެހެމުންނެވެ. ފަވާދަކީ ގޮތްދޫކުރާ މަޑުމައިތިރި ފިރިއެކެވެ. އަނބިމީހާއަށް ވަރަށް ގިނަފަހަރު އޭނާ ދޫދެއެވެ. އެވެސް އޭނާ އަރީންދެކެ ވާ ލޯތްބެވެ. އެކުގައި އުޅޭން ބޭނުންވާވަރެވެ. ޚާއްޞަކޮށް މިހާރު އެ ދެމީހުންގެ ދެ ދަރީން އެބަތިއްބެވެ. އެކުދީންނަށް ޓަކައި ވިޔަސް ދެމަފިރިން އެކުގައި އުޅޭން ޖެހޭނެކަމުގައި ފަވާދު ވިސްނައެވެ.
"ބަނޑުބޮޑުވީމަތަ ޑަކްޓަރަށް ނުދާން ހުރީ." ހިމޭންކަން ފުނޑުފުނޑުކޮށްލީ ފަވާދެވެ. އަރީން އެއްޗެކޭ ބުނޭތޯ އިނުމަށްފަހު ފަވާދު ތެދުވިއެވެ. އޭނާ ގޮސް ކޮޓަރިއަށް ވަދެފައި އެނބުރި އައިސް އިހުއިން ގޮނޑީގައި އަރީންގެ ކުރިމަތީ އިށީނެވެ.
"މީ ރިޕޯޓް... މީގައި މިއޮތީ ދޮގަކަށްވަންޏާ، އެހެންތާކުން ވެސް ޓެސްޓް ކުރެވިދާނެ." ސިޓީއުރައިގެ ތެރެއިން ރިޕޯޓު ނަގައި ހުޅުވާލުމާއެކު އަރީންގެ ކައިރިއަށް ޖައްސާލިއެވެ. އޭގައި އޮތް އެއްޗެއް އޭނާއަށް ސާފުކޮށް ފެންނާނޭ ގޮތަށެވެ. ދެން ވެސް އަރީން ބަހެއް ނުބުންޏެވެ. ތިރީތުންފަތުގައި އޭނާ ދަތްއަޅާލީ ކުށްވެރިއަކު ފަދައިންނެވެ. އަރީންގެ ހިތް ނެގިނެގިފައި ޖެހެމުންދާއިރު ދެ ލޯ ފެންކަޅިވާން ފަށައިފިއެވެ.
"އަރީން... މީ ހިމޭންކަން ޚިޔާރުކުރާވަރަށްވުރެ ބޮޑުކަމެއް، މި ޓެސްޓުގަ މިއޮތީ ތެދެއްކަން ޤަބޫލުކުރަންތަ؟ ޖަވާބުދީ އަރީން." ފަވާދުގެ އަޑު ބާރުވެލިޔަސް ހަރުކަށިކަމެއް ނެތެވެ. އެއާއެކު އަރީން މަޑުމަޑުން ބޯޖަހާލިއެވެ. ފަވާދު ދޫކޮށްލީ ފިނި ނޭވާއެކެވެ. މޭޒު މަތީ ކަނާއަތުގެ އުޅަންބޮށި ފަވާދު ވިއްދާލުމާއެކު ތުނބުޅީގައި އަތްތިލަ ހިންގާލިއެވެ.
"ތީ އަހަރެންގެތަ؟" އިރުކޮޅަކު ހިމޭންވެ އިނުމަށްފަހު އަނެއްކާ ވެސް ފަވާދު ސުވާލެއް ކުރިއެވެ. އަރީނަށް ފިރިމީހާއާ ހަތަރު ކަޅި ހަމަކުރާކަށް ނުކެރުނެވެ. ހަމައެއާއެކު އެ ސުވާލު ފަވާދު އެކުރަނީ ހަޤީޤަތް އެނގިހުރެކަން އަރީނަށް ވިސްނި ޔަގީން ވެއެވެ. ބޯން އެޅި ޖޫސްތަށީގައި ވަށާލެވިފައިވާ ދެއަތްތިލަ އަރީން ނެގި ގޮތަށް މޫނުގައި އެޅިއެވެ. އޭނާއަށް ރަނގަޅަށް ވެސް ރޮވުނީއެވެ. އެމަންޒަރުން ފަވާދުގެ ނިތައް ރޫގިނަވެލިއެވެ.
"ޑަކްޓަރަށް ދިއުމުގެ ބަދަލުގައި އަހަރެންނާއެކު ނުކެރިވެގެން އުޅުނީ މިހެންވެގެން ދޯ." ފަވާދު ވިސްނި ވިސްނުމަށް އޭނާއަށް ޔަގީން ކުރެވުނު ގޮތް ހާމަކުރިއެވެ. އިއްތިފާގަކުން ވިޔަސް ފަވާދަށް ބުނެވުނީ ތެދެކެވެ.
"އެނގޭތަ ތިކުރެވުނު ކަންތައް؟ ތިހިސާބަށް ޢަމަލުތައް ގެންދިޔައިރު އަރީން ހަނދާން ހުރިތަ ތީ އަހަރެންގެ އަނބިމީހާކަން، ދެ ދަރީންގެ މަންމަކަން؟... ހަލާލާއި ހަރާން ވަކިކުރަން ވެސް ނޭނގުނީތަ؟ މިކައިވެންޏަށް ވާނޭ ގޮތަކާމެދު، އަހަރެންނާ މެދު އެއްފަހަރު ވެސް އަރީން ވިސްނާލިންތަ؟" ފަވާދުގެ ވާހަކައިން އަރީނަށް ގިސްލެވެން ފެށިއެވެ. ލަދާއި ކުށުގެ ފޭރާމެއް ލެވި އެއިން ނިވާކަމެއް ނުލިބި ބަރަހަނާވެފައި ވާފަދައެވެ.
"ކިތަންމެ ވަރަކަށް ރުޔަސް ތިކަރުނައަކުން ފާފައެއް ނުފޮހެވޭނެ، އަރީނަށް އަހަރެން މިނިވަންކަން ދިނިން، ރަނގަޅު ގޮތް ބުނެދީ ހަނދާންކޮށްދެން... އަހަރެންނާ އިނދެގެން ހުރެ ޒިނޭކޮށް ހަރާންދަރިއަކަށް ބަލިވެ ތިއިނީ..." ފަވާދަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. އޭނާ ހިމޭންވީ އަޑު ކުރެހެން ފެށީމައެވެ. އަރީންގެ ކޮންމެ ހަރަކާތެއް އޭނާއަށް ބުނެދެމުންދިޔައީ އެންމެ ކަމެކެވެ. އަރީން ބަލި އިނީ ފަވާދުގެ ދަރިއަކަށްނޫން ކަމެވެ. އަނބިމީހާ ޒިނޭކޮށްފިކަމެވެ.
މޭޒުދޮށުން ފަވާދު ތެދުވިއެވެ. އެޕާޓްމެންޓުން އޭނާ ނުކުތީއެވެ. އަރީންގެ ގިސްލުމާއި ރުއިމުގެ އަޑު އިވިއިވި ހުއްޓެވެ. ނުކުމެގެންދަމުން އެއްފަހަރު ވެސް އަރީނަށް ފަވާދު ބަލާނުލިއެވެ. ނަމަވެސް އަރީންގެ ނަޒަރު ފިރިމީހާ ނުކުމެގެން ދިޔަ ވަގުތު އެ ދިމާއަށް އަމާޒުވެލިއެވެ. ފަވާދު ދެން ކަންތައްކުރާނެ ގޮތަކާމެދު އަރީން ހިތްބިރުގެންފައި ވިއެވެ.
* * * * *
ނުކުންނާށޭ ބުނެ ހާމިދާ ހަޅޭލަވައިގަތެވެ. އެހެންނަމަވެސް ހުރިތަނުން މިދުހަތު ތަންފުކެއް ވެސް ޖެހިނުލިއެވެ. އޭނާ އަނެއްކާ ވެސް ދޮރުފަތުގައި ޖެހިއެވެ.
"އަހަރެންގެ ދަރީގެ މަންމައާ ވާހަކަދައްކަން މިއައީ." ހާމިދާގެ ހަޅޭއް މަޑުކުރުމަށް މިދުހަތު ބުނެލިއެވެ.
"ތީ ކޮންފަދަ ކަމެއްތަ؟ މިގެއަށް ކަލޭ ވަންނާކަށް ނުޖޭ." ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލަމުން ރައުލާ ހަޅޭލައިގަތެވެ.
"ކަލޭ ވެސް ނުޖެހޭ އަހަރެންގެ ކަންކަމާ ބެހޭކަށް، އަހަރެން އެބަދުވަންތަ ކަލޭ އުޅޭ ގޮތް ބަލަމުން، ކަލެއަށް ފާރަލަމުން، ކިބާ ބޮޑު ބަ**އެއް... ވަރިކޮށްފަ ދަރީގެ ޚަރަދު ލިބޭއިރު ވެސް ފަހަތުން ދުއްޕާންކުރަމުން ތިދުވަނީ ހޭބަލިވެގެންތަ؟" މިދުހަތު ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ. ވިސްނަން ހުރި ފަދައިން ރައުލާ ބަލަން ހުއްޓެވެ. ދެން އޭނާ ފެށީ ހޭށެވެ.
"ކުރެވުނު މޮޅުކަންތަކުންތަ ތި ހިނިގަޅަނީ." މިދުހަތު ބުނެލިއެވެ. ރައުލާ ހެމުންހެމުން ބޯޖަހާލިއެވެ.
"ނޯޔާ ހުންނާނީ މިހާރު އެއްޗެއް ވިސްނިފަ، އަހަރެންނަށް އެނގިގެން އެހެން އަންހެނެއްގެ ދިރިއުޅުން ކަލޭ ހަލާކުކޮށްލިޔަކަ ނުދޭނަން، ވަރިހަމަ މަގޭ ދަރީގެ ބައްޕައަށް ވިޔަސް، ކަލޭގެ ގޮތް އެންމެން ކައިރީ ކިޔާނަން... އޭނާގެ ފިރިމީހާއަށް ވެސް މިހާރު އެނގޭނެ ތީ ކާކުކަން، ނޯޔާ ނޫޅޭ ކަލެއާ ހެދިގެނެއް، އޮޅިގެން އުޅެނީ ކަލޭ... އެމީހުންގެ ދިރިއުޅުން ވަރަށް އުފާވެރި، ކަލެއަށްވުރެ ޒުވާންވެފަ މާރީތި ފިރިހެނަކާ އޭނާ އިނދެގެން ވެސް އުޅެނީ، އޭނާ އޮޅިގެން ކަލެއާ ކައިރިނުވާނެކަން މިހާރު އެނގިއްޖެ." ރައުލާގެ ހުނުން ވަކިން ބާރުވެލިއެވެ.
މިދުހަތު އަތްމަޅާލީ ރައުލާގެ މޫނުގައި ޖަހާށެވެ. ނަމަވެސް އެ ދެމެދަށް ވަނީ ހާމިދާއެވެ. މިދުހަތުގެ އިނގިލިކުރި ޖެހުނަސް ފުލުހުންނަށް ގުޅާނަންކަމަށް ބުނެ ހާމިދާ އިންޒާރު ދިނެވެ. އެގޭ އެއްޗަކަށް ގެއްލުމެއް ދިނަސް ނިމުނީއޭ ހާމިދާ ބުނެލިއެވެ. ދަތްކުނޑިވިކާލުމާއެކު ހާމިދާއަށް ދެ ލޯ އަޅާލަމުން ކޮޓަރީ ފާރުގައި މިދުހަތު ޖެހިއެވެ.
"ކަލެއަށް މޮޅުތަކެއްނުވާނެ... މަވެސް ބަލާނަން ކަލެއަށް ހަމަޖެހިލެވޭތޯ.... މިއަދު ދަރިބަލާ ދޭ އަމިއްލަ." މިދުހަތު ބުނެލިއެވެ. ވައިސޫރިއެއްހެން އޭނާ ނުކުމެގެން ދިޔައީ ނުހަނު ހަލުވިކޮށެވެ. ބަންލާފައި ދޮރޯށި ޖެހި އަޑަށް ހާމިދާ ރުޅިވެރިކަމާއެކު ކުދިކިޔާލިއެވެ.
ސައިކަލަށް ނޭރެނީސް ފޯނުކޯލެއް މިދުހަތަށް އަންނަން ފެށިއެވެ. އޭނާ އައިސް ސައިކަލު މަތީ ހަމަޖެހިލައި ޖިންސުގެ ޖީބުން ފޯނު ނެގިއެވެ. އިސްކުރީނަށް އިރުކޮޅަކު ބަލަން އިނީ އަރީން ގުޅާކަން އެނގިގެންނެވެ.
"ތަންކޮޅެއް އަވަހަށް ތިބުނަން އުޅޭ އެއްޗެއް ބުނާތި." ފޯނުކޯލު ނެގި ގޮތަށް މިދުހަތު ބުންޏެވެ. އޭނާގެ ކަންފަތުގައި ޖެހުނީ އަރީންގެ ރުއިމުގެ އަޑެވެ.
"ޕްލީޒް... އަހަރެންނަށް މިކަމުގަ އެހީވެދީބަލަ." އަރީން ގޮތް ހުސްވުމުން އަނެއްކާ ވެސް ގުޅުނީ މިދުހަތަށެވެ.
"އިންނަވާހަކަ ނުދައްކާ... އެކަކާ ވެސް އިންނާކަށް އަހަރެން ބޭނުމެއްނޫން." ޠަބީޢަތް ގޯސްވެފައި ހުރި މިދުހަތަށް ވާހަކަދެއްކުނީ ހަރުކަށި ކަމާއެކުއެވެ.
"ކެއަފުލްވާން އަހަރެން ބުނިން... ކޮންމެފަހަރު ވެސް، މިދުހަތު ގަސްދުގަތަ މިހެން ހެދީ." ރޮމުންރޮމުން އަރީން ބުންޏެވެ.
"ގަސްދުގަ މިވަރުގެ ބޮލުގަ ރިހުމެއް އަހަރެން ވެސް ބޭނުންވާނެތަ، ބަލައިގެން އުޅުނީ... ރީން... ބޭރަށް ދާން ހިނގާ، އަހަރެންގެ އެއްވެސް މައްސަލައެއްނެތް ބަނޑު ދޮވެލިޔަސް، ފިރިމީހާއާއި އާއިލާއަކަށް ނޭނގޭނެ، ތިވާން އުޅޭ ބަދުނާމުން ސަލާމަތްވީ، އަހަރެން އެކަމަށް ޚަރަދުވާނޭ ފައިސާ ހޯދަފާނަން، އެކަން ނިމެންދެން ރީން ކައިރީ ހުންނާނަން... އެކަމަކު ބުނަން، މީހަކާ އިންނާކަށް އަހަރެން ބޭނުމެއްނޫން... އަހަރެންނަށް ހީވަނީ ރީން ވެސް މިހާރު ތި އިނދެގެން އުޅޭ މީހާއާއެކު އުޅުން ކަންނޭނގެ ރަނގަޅުވާނީ، ދެ ކުދީން ވެސް އެބަތިއްބޭ ބުނީމެންނު... ދިރިއުޅުން ތިއޮތީ ސެޓްލްވެފައެއްނު، ކީއްކުރަން ވަރިވާން ވިސްނަންވީ، އަހަރެންނަށް..." މިދުހަތުގެ ވާހަކަ ނުނިމެނީސް ފޯނުކޯލު ކެނޑިއްޖެއެވެ. އަރީން ކޯލު ކަނޑާލީކަމެއް ކެނޑުނީކަމެއް ނޭނގެއެވެ. އެހެންވިޔަސް މިދުހަތު އަޅައެއް ނުލިއެވެ. ގުޅާކަށް ވެސް ހިތަކަށް ނާރައެވެ. އޭނާ ސައިކަލި އިސްޓާޓުކޮށް ދުއްވާލީއެވެ.
* * * * *
އިރަށް އެނބުރޭ މަލުގެ ދެ މަލާއެކު ރަތް ފިނިފެންމަލެއް އަސްލަން ގަތެވެ. އެ ހިފައިގެން މާވިއްކާ ފިހާރައިން ނުކުމެ އޭނާ މިސްރާބު ޖެހީ ގެއަށެވެ. ޚިޔާލުތަކުގައި ނޯޔާވީއިރު އަސްލަންގެ ތުންފަތުން ލުއި ހިނިތުންވުމެއް ދޭތެރެއަކުން ފާޅުވެލައެވެ. މީ އޭނާގެ އަތުން އަނބިމީހާއަށް ދޭން ފުރަތަމަ ހަދިޔާއެވެ. ނޯޔާއަށް ކަމުދާނެބާއޭ އަސްލަން ހިތުގައި ސުވާލު އުފެދުނެވެ.
އެޕާޓްމެންޓުގެ ދޮރުހުޅުވާލުމާއެކު އަސްލަން ސަލާމް ގޮވާލިއެވެ. ނޯޔާއަށްވުރެ ކުދީން ސޯފާގައި ތިބި ކުޑަދެބެން ސަލާން ބަލައިގަތް އަޑު ގަދައެވެ. އަނުމް ގޮވައިގެން ރަގުމަތީ އޮށޯވެލައިގެން އޮތް ނޯޔާ ތެދުވިތަން އަސްލަން ދުށްޓެވެ. އަސްލަންގެ އަތުގައި އޮތް މާތަށް ފެނި މަލްސާ ސޯފާއިން ފުންމާލައިގެން ދުވެފައި އައެވެ.
"ސަންފްލާވާއެއް ދޯ މީ... ޑެޑީ... ކޮންކުއްޖެއް ދިން އެއްޗެއް... މަލް ބޭނުން ފްލާވާއެއް." މަލްސާ އައިސް އަސްލަންގެ ވައަތުގައި ހިފާލިއެވެ.
ސޯފާކައިރީ ސާރާ ހުރީ މާނަވީ ގޮތަކަށް ހިނިއައިސްފައެވެ. އެކުއްޖާގެ ނަޒަރު ނޯޔާއާއި އަސްލަންއަށް ހިންގާލިއެވެ. ކުރިއަށް ޖެހިލައި ނޯޔާގެ ބުޑުގައި އަތް އަޅައި ކުރިއަށް ކޮށްޕާލިއެވެ.
"މަންމަ ދޭބަލަ... ޑެޑީ ވެއިޓް ކޮށްގެން އެ ހުރީ... ދޭބަލަ މަންމަ." ސާރާ ބުނެލިއެވެ. ހައިރާންވެފައި ހުރެ ވެސް ނޯޔާ ހިނގާއިގަތެވެ. އެއަށްވުރެ ކުރީން ނޯޔާގެ ގާތަށް އަސްލަން އަތުވެއްޖެއެވެ. ޖީބުން ނެގި ދެ ޗޮކުލެޓު ދައްކާލުމާއެކު މަލްސާއާއި ސާރާއަށް ދިނެވެ. އެއަށްފަހު ނޯޔާއާ ކުރިމަތިލިއެވެ.
"މީ މަންމައަށް..." ކުދީން ގާތުގައި ބުނެލާ ފަދައިން އަސްލަން ބުންޏެވެ. އޭނާގެ ނަޒަރު ހުރީ ނޯޔާއާ އަމާޒުކޮށްލެވިފައެވެ. ނޯޔާގެ ކަނާއަތްތިލައިގަ ހިފައި އުފުލާލުމާއެކު ގެނެސް މާބޮނޑީގައި ޖެއްސުވިއެވެ.
"އިޓްސް ފޯ ޔޫ." ސިއްރުން ކަހަލަ ގޮތަކަށް އަސްލަން ބުނެލިއެވެ.
މާތަކުގައި ހިފާލުމާއެކު ނޯޔާ އެއަށް ބަލާލިއެވެ. އިރަށް އެނބުރޭ މަލަކީ ނޯޔާއަށް އެންމެ ރީތި މަލަށް ނުވިޔަސް ކަމުދާ މަލެކެވެ. އެ މާތަކު ތެރޭ އިން ރަތް ފިނިފެންމާގައި ނޯޔާއަށް އަތްލެވުނެވެ. ފިޔަތަކުގައި އިނގިލިތައް ހިންގާލިއެވެ. އެއީ ކޮންކަމަކު އަސްލަން ދިން ހަދިޔާއެއް ބާއޭ ނޯޔާ ހިތަށް އެރިއެވެ. އަސްލަންއަށް ކުރެވުނު ކަންކަމަށް މަޢާފަށް އެދެންބާއެވެ. އަނެއްކާ އޭނާއަށް ގެނެސްދިން މާބޮނޑިއާއެކު ލޫނާއަށް ވެސް މާބޮނޑިއެއް ދިންބާއެވެ.
"ކަމުނުދަނީތަ؟" ނޯޔާގެ މޫނުން އަސްލަން އުންމީދުކުރި އުފާވެރިކަން ނުފެނުމުން އަހާލިއެވެ.
"ރީތި... ތެންކިއު..." ނޯޔާ މާތަށް ހިފައިގެން އެނބުރިލީއެވެ. އަސްލަން އެއްގޮތަކަށް ވެސް ގަޔާއެއް ނުވިއެވެ. ސާރާ ހަލުވިކޮށް ނޯޔާގެ ގާތަށް ދިޔަތަން އަސްލަން ދުށްޓެވެ.
"ރީތިތަ؟" ގާތުގައި މަޑުކޮށްލި ސާރާ އަހާލިއެވެ. އަސްލަން ބޭނުންވި ހިނިތުންވުން ނޯޔާގެ ތުންފަތުން ފާޅުވެލީ ދެނެވެ.
"އަޅުގަނޑުގެ އެންމެ ފޭވަރިޓް ޕްލާވާ މީ... މަންމައަށް ދޭން ޑެޑީ ގަތީ، ޑެޑީއާއި އަޅުގަނޑުގެ ސީކްރެޓެއް އެއީ." ސާރާ އިތުރަށް ވާހަކަދެއްކިއެވެ. އެ ދަރިފުޅުގެ ކޮލާއި ނިތުގައި ނޯޔާ ބޮސްދިނެވެ. މާތަށް ވަރަށް ރީތިކަމުގައި ބުންޏެވެ.
"ނޯޔާ... އާދެބަލަ..." އަސްލަން ގޮވާލިއެވެ.
"ސާރާ، މަލްއާ ދެކުދީން ބޭބީ ބަލައްޗޭ." މިހެންބުނެ އަސްލަން ކޮޓަރިއަށް ގޮސްވަނީއެވެ.
މާތަށް ފެންޖަގަކަށް ލާފައި ނޯޔާ އައިސް އަސްލަންގެ ކޮޓަރި ދޮރުމަތީ މަޑުކޮށްލިއެވެ. ދޮރު ލައްޕާފައި ހުރުމުން ފުރަތަމަ ނޯޔާ ޓަކި ޖެހީއެވެ. އެހިނދު ވަންނާށޭ އެތެރެއިން އަސްލަން ގޮވާލިއެވެ.
"ދޮރު ލައްޕާލާ." ނޯޔާ ވަދެ ދޮރުފަތުގައި ހިފަހައްޓާލައިގެން ހުންނަން ފެށުމުން އަސްލަން ބުންޏެވެ. އޭރު އަސްލަން އޮފީސް ހެދުން ބަދަލު ކުރަނީއެވެ. އޭނާ މަޑުޖެހިލުމާއެކު ނޯޔާއަށް ބަލާލިއެވެ. ބުނި އެއްޗެއް ނޯޔާއަށް ނީވުނީ ކަމަކަށް ހީކޮށް އަސްލަން އަލުން ތަކުރާރުކޮށްލިއެވެ. ހިތްއަވަސްވެފައި ހުރެ ނޯޔާ ކޮޓަރީގެ ދޮރު ލައްޕާލިއެވެ.
(ނުނިމޭ)