ދުނިޔެ

އިންޑިއާއަށްޓަކައި ބްރުޖް ހަލީފާ ދިއްލައިފި

ދުނިޔެއަށް ޖެހޭ ބޮޑެތި ކަންތައްތަކުގައި ޔޫއޭއީން ބުރުޖު ހަލީފާ ދިއްލާލައި ދެއެވެ. މިފަހަރު އިންޑިއާއަށްޓަކަ އެވެ. އިންޑިއާގައި ކޮވިޑްގެ ހާލަތު ހައްދުންނައްޓައި ގަބޫލު ކުރަން ދަތި މާޒިއަކަށް ސިއްހީ ހާލަތު ވަނީ ސޮއްސާލާފަ އެވެ. ބުރުޖު ހަލީފާ އިންޑިއާގެ ދިދައިން ދިއްލާލައި "އަހަރެމެން ވެސް މިތިބީ އިންޑިއާއާއެކު" ކަމަށް އެ ގައުމުން ބުނެފި އެވެ.

ޔޫއޭއީން އިންޑިއާއަށް ފޮނުވާ އަދި އެހެނިހެން އެހީތެރިކަން ހުރީ އެވެ.

ސައޫދީ އަރަބިއްޔާއިން އިންޑިއާއަށް 80 މެޓްރިން ޓަނުގެ ދިއާ އޮކްސިޖަން ފޮނުވައިފި އެވެ. ޕާކިސްތާނުން އެހީގެ ގޮތުގައި ފޮނުވައި ދެނީ ވެންޓިލޭޓަރާއި އެމްބިއުލާންސާއި އޮކްސިޖަން ސަޕްލައި ކިޓްތައް އަދި ޑިޖިޓަލް އެކްސްރޭ މެސިންތަކެވެ.

އިންޑިއާއަކީ ޔޫއޭއީއަށް އަދި ސައޫދީއަށް ވަރަށް މުހިންމު ގައުމެކެވެ. އިންޑިއާގެ ފަންނުވެރިންނާއި މަސައްކަތްތެރިންގެ ބޮޑު އާބާދީއެއް އެ ގައުމުތަކުގައި ހިދުމަތްދެ އެވެ. އެހެންކަމުން އިންޑިއާއަށް ދިވާވެފައި އޮތް ބަލިހާލަތުގައި އިންޑިއާއާއެކު ތިބުމަށް އުފާކުރާ ކަމަށް ޔޫއޭއީން ވަނީ ބުނެފަ އެވެ. ޔޫއޭއީން ބުނީ ހެޔޮއެދުމާއި ދުއާ އިންޑިއާއެކު ކަމަށެވެ.

މުޅީ ދުނިޔެ މިވަަތު އޮތީ އިންޑިއާއެކު އެވެ. އެމެރިކާ އާއި ޔޫކޭ، ފްރާންސް އަދި އީޔޫއިން ވެސް އިންޑިއާއަށް އެހީތެރިވާނެ އެވެ. ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ފަސޭހަ ކޮށްދިނުމަށް ހުރިހާ ވަސީލަތެއް ފޯރު ކޮށްދޭނެ އެވެ.