ރައްޔިތުންގެ މަޖިލިސް

އަޅުގަނޑަށް ސަރުކާރުން ދިން ރަށެއް ނޯންނާނެ: ހަލީމް

ދަތުރު ފަތުރުގެ ނިޒާމު ގާއިމުކުރުމުގެ ގޮތުން އެއްވެސް ސަރުކާރަކުން އޭނާ އަށް އެއްވެސް ރަށެއް ދީފައި ނުވާ ކަމަށް އެމްޑީޕީގެ ބިލައްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮން ބިލެތް) ވިދާޅުވެއްޖެ އެވެ.

އަހްމަދު ހަލީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ހަލީމަށް ތުހުމަތު ކުރައްވާ ދެެއްކެވި ވާހަތަކަކާ ގުޅިގެންނެވެ. ޝަރީފް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސް ވަރުގައި ގާނޫނާ ހިލާފަށް ދެ ރަށް ނަގައިގެން ހަލީމް އުޅުއްވި ކަމަށެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދީބަޖާ އިންވެސްޓްމަންޓާއެކު ހެދި އެއްބަސްވުމުގެ ދަށުން ރިސޯޓް ތަރައްގީކުރަން ރަށްތަކެއް ދޫކުރި އެވެ. އެ އެއްބަސްވުމުގެ ތެރެއިން ހަލީމަށް ދެ ރަށް ލިބުނު ކަމަށް ޝަރީފް ތުހުމަތު ކުރައްވަ އެވެ. އަދި ހަލީމް އެ ރަށްތައް ނަންގަވައިގެން އުޅުއްވަނީ އަމިއްލަ ނަންނަމުގައި ނޫން ކަމަށްވެސް ޝަރީފް ތުހުމަކުރެއްވި އެވެ.

ނަމަވެސް ހަލީމް މިއަދު ވިދާޅުވީ ޝަރީފްގެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި އެއްވެސް ސަރުކާރަކާ އެކު ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރަން އެއްވެސް ކޮންޓްރެކްޓެއް ހަދައިފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑަކީ ހިނގައިދިޔަ ދަތުތުރުފަތުރުގެ ނިޒާމާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން. އަޅުގަނޑުގެ ކުންފުންޏެއްވެސް ނޯންނާނެ. ރިސޯޓެއްވެސް ނޯންނާނެ،" ހަލީމް ވިދާޅުވި އެވެ.

ޝަރީފްގެ ތުހުމަތުތައް ދޮގުކުރެއްވުމަށްފަހު ހަލީމް ވެސް ވަނީ ޝަރީފަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ އެދިވަޑައިގަތުމަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޝަރީފް އިސްލާހެއް ހުށަހެޅުއްވި ކަމުގައި ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ފުލުހުންގެ ތަހުގީގަށް އަދީބް ދެއްވާފައިވާ ބަޔާނުގައި އެ ވާހަކަތައް ހުރި ކަމަށް އިޝާރާތް ކުރައްވާ ހަލީމް ވިދާޅުވީ އެ ބަޔާން އޭނާ އަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. ހަލީމް އެހެން ވިދާޅުވުމާ ގުޅިގެން ރައީސް ނަޝީދު ވަނީ މަޖިލީހުގައި ޔައުމިއްޔާގައި ހިމެނުމަށް އެ ބަޔާން ހިއްސާކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.