ދީން

އިސްރާފު ކުރުމުން އެކިބާވުން

ރަމަޟާންމަހު މުޖުތްމަޢުގެ ތެރެއިން ފެންނަ އެންމެ ކަންބޮޑުވާންޖެހޭ އެއްކަމަކީ ކާބޯތަކެތި އިސްރާފު ކުރުމެވެ. ރޯދަ ވީއްލާ ވަގުތުގައާއި ތަރާވީސް ދަމުގައާއި، ހާރުދަމުގައިވެސް ގިނަ ބަޔަކު، ކާބޯތަކެތީގެ އެތައް ބާވަތްތަކެއް ތައްޔާރުކުރެއެވެ. އަދި އެތަކަތީގެ ތެރެއިން ބައެއް ނުކެވި އުކާލަންޖެހޭތަންވެސް އަންނީ މަދެއްކޮށް ނޫނެވެ. ރޯދަމަހަކީ ބައެއް މީހުން ކާބޯތަކެތި އިސްރާފު ކުރުމުގެ މަހެއްކަމުގައި ދެންނެވުން ދޮގަކަށް ނުވާނެއެވެ. ނަމަވެސް އިސްރާފު ކުރުމަކީ ނުރަގަނޅު އާދަތަކުގެ ތެރެއިން ހިމެނޭ ސިފައެކެވެ.

އިސްރާފު ކުރުމަކީ މާތް ﷲ ރުހިވޮޑިނުގަންނަވާ ކަމެކެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. ﴿ وكُلُواْ وَاشْرَبُواْ وَلاَ تُسْرِفُواْ إِنَّهُ لاَ يُحِبُّ الْمُسْرِفِينَ ﴾ (الأعراف 31) މާނައީ: "އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ."

އިބްނު ޢައްބާސް رضي الله عنهما ، މިއާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. "މާތް ﷲ ވަނީ ކެއުން ބުއިން ޙަލާލު ކުރައްވާފައެވެ. އެއީ އެކަމުގައި އިސްރާފު ކުރުމާއި ދަހިވެތިކަން ނުވާހައި ހިނދަކުއެވެ."
ހަމަ އެމޭރުމުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "‏ كُلُوا وَاشْرَبُوا وَتَصَدَّقُوا وَالْبَسُوا مَا لَمْ يُخَالِطْهُ إِسْرَافٌ أَوْ مَخِيلَةٌ ‏"(رواه النسائي) މާނައީ: "ދަހިވެތިކަމާއި އިސްރާފު ކުރުމުން އެއްކިބާވެގެންވާ ޙާލު، ތިޔަބައިމީހުން ކައިބޮއި، ހެދުންއަޅައި ޞަދަޤާތްކޮށް އުޅޭށެވެ."

އިސްރާފު ކުރުމުގެ ސިފައަކީ މާތް ﷲ ރުހިވޮޑިގެންނުވާ ސިފައެކެވެ. އިސްރާފު ކުރުމުގެ އެތައް ގޮތެއް ވެއެވެ. އަޅުގަނޑުމެން އެންމެ ގިނައިން އަޑުއަހާ ވާހަކައަކީ ފެން އިސްރާފު ކުރުމުގެ ވާހަކައެވެ. މިއަދުގެ ދުނިޔޭގައިވެސް ސާފު ބޯފެން ނުލިބޭ ހާލުގައިތިބި އެތައް ބަޔަކު އުޅެއެވެ. ވީއިރު ބޯފެނާއި، ކާނާ އިސްރާފު ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަމެއް ނޫނެވެ.

ގިނަ ބަޔަކަށް އިސްރާފު ކުރުމުގެ ނުބައިކަމާމެދު ވިސްނައި ނުލެވެއެވެ. އަދި އެކަމުގެ ފާފައިގެ ބޮޑުކަން އިހުސާސް ނުކުރެވެއެވެ. އިސްރާފު ކުރުމަކީ އެކަމުގައި ވަރަށް ބޮޑު ފާފައެއް ވާކަމަކެވެ. މާތް ވަޙީކުރައްވާފައިވެއެވެ. ﴿ وَآَتِ ذَا الْقُرْبَى حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ وَلَا تُبَذِّرْ تَبْذِيرًا * إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا ﴾ (الإسراء: 26، 27) މާނައީ: "ގާތްތިމާގެ މީހާއަށް، އޭނާގެ ޙައްޤު ދޭށެވެ! އަދި މިސްކީނުންނަށާއި، ދަތުރުވެރިޔާއަށްވެސްމެއެވެ. އަދި ގިނަގިނައިން އިސްރާފު ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އިސްރާފުކުރާ މީހުންނީ، ޝައިޠާނުންގެ އަޚުންނެވެ. އަދި ޝައިޠާނާ، އޭނާގެ ވެރިރަސްކަލާނގެއަށް ވަރަށް ބޮޑަށް ކާފިރުވާ ކަމުގައިވިއެވެ."

ޝައިޠާނާ އިންސާނުންނަށް ވަސްވާސް ދެނީ މާތް ﷲ އަށް އުރެދުމަށެވެ. އަދި ދަހިވެތިކަމާއި މުއްބާރު ކުރުމާއި، މުދަލުން ހޭދަ ނުކުރުމަށެވެ. އެކަމުގައި އެ ޝައިޠާނާއަށް އިންސާނާ ކިޔަމަން ގަނެއްޖެނަމަ ދެން ޝައިޠާނާ އޭނާއަށް އަމުރު ކުރާނީ އިސްރާފު ކުރުމަށެވެ. އަދި މާތް ﷲ ރުހިވޮޑިނުގަންނަވާ ގޮތުގައި އާއި ނަހީކުރެއްވި ކަންކަމުގައި މުދާ ހޭދަކުރުމަށެވެ.

ކީރިތި ޤުރްއާނުގައި މާތް ﷲ އަށް ކިޔަމަން ގަންނަ އަޅުން ސިފަކުރައްވަމުން ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފިނަމަ އިސްރާފު ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ."(އަލްފުރުޤާން 67)
ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، ﷲ ތަޢާލާ، ތިޔަބައިމީހުންނަށް ތިން ކަމަކާމެދު ރުހިވޮޑިގެންވެއެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ތިންކަމެއް ނުރުއްސަވައެވެ. ފަހެ، އެކަލާނގެ ރުހިވޮޑިގެންވާ ތިންކަމަކީ، ތިޔަބައިމީހުން ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމާއި، އެއްވެސް އެއްޗެއް އެކަލާނގެއާ ޝަރީކު ނުކުރުމެވެ. އަދި ތިޔަބައިމީހުން އެކުގައި އެކަލާނގެ ދީނުގައި ސާބިތުކަމާއެކު ހިފެހެއްޓުމާއި، ތިޔަބައިމީހުން ބައިބައިވެ ނުގަތުމެވެ. އަދި އެކަލާނގެ ރުހިވޮޑިގެން ނުވާ ތިން ކަމަކީ، ޔޯލަ ވާހަކަތައް ދެއްކުމާއި، ބޭކާރު ސުވާލުތައް ގިނަކުރުމާއި މުދާ ބޭކާރުގޮތުގައި ނަގައިލުމެވެ." (ރިވާކުރެއްވީ އަލްއިމާމު މުސްލިމެވެ.)

ވީމާ، މި ބަރަކާތްތެރި ރަމަޟާންމަހުގެ ރޭތަކުގައި ކައިބޮއި ހަދާއިރު އިސްރާފު ނުވާނޭ ގޮތުގައި އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަމާތޯއެވެ. އަދި މުދަލުން ޞަދަޤާތްކޮށް ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވަމާތޯއެވެ.