ބޮލީވުޑް

މޫނު ހުތުރުވީ ޕްލާސްޓިކް ސާޖަރީންނެއް ނޫން: ކޮއެނާ

ކޮއެނާ މިތުރާ ސްކޫލް ދައުރުއްސުރެ މޮޑެލް ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެހާ ޅަ އިރުއްސުރެ އިޝްތިހާރު ތަކުގަޔާއި މިއުޒިކް ވީޑީއޯ ތަކުގައި ކޮއެނާ ބައިވެރިވާން ފެށި އެވެ. އޭނާ ބޮލީވުޑަށް ތައާރަފުވީ "މުސާފިރް" ކިޔާ ފިލްމަކުންނެވެ. މި ފިލްމުގައި ކޮއެނާ އާއެކު އަނިލް ކަޕޫރާއި ސަންޖޭ ދަތު އަދި ސަމީރާ ރެޑީ މި ފިލްމުގައި ހަރަކާތްތެރިވި އެވެ.

އޭގެ ފަހުން ވެސް ބައެއް ފިލްމުތައް ކޮއެނާ ކުޅެފައިވެ އެވެ. އޭރުގެ ފިލްމުތަކުގައި ކޮއެނާ ފެނިފައި ވަނީ ވަރަށް ރީތި ބަތަލާއެއްގެ ގޮތުގަ އެވެ. ނަމަވެސް މީގެ 12 އަހަރު ކުރިން އޭނާގެ މޫނު ރީތި ކުރަން ހެދި ޕްލާސްޓިކް ސާޖަރީ އަކަށް ފަހު ކޮއެނާގެ ފިލްމީ ކެރިއަރު އެ އެކޮޅުކޮޅުން ޖެހުނީ އެވެ. އަދި ފިލްމު ތަކުގައި ބައިވެރިވާން ނުކެރުމުގެ އިތުރުން މީހުނަށް އޭނާގެ މޫނު ދައްކަން ވެސް ކޮއެނާ ފަސް ޖެހޭ ވަރަށް އޭނާގެ މޫނު ޕްލާސްޓިކް ސާޖަރީގެ ސަބަބުން ވަނީ ހުތުރުވެފަ އެވެ.

އޭގެ ފަހުން ވަރަށް ހިތްވަރުކޮށްފައި އޭނާ ވަނީ ރިއަލިޓީ "ބިގް ބޮސް" ގެ 13 ވަނަ ސީޒަންގައި ބައިވެރިވެފަ އެވެ.

ގިނަ ބަޔަކު ހީކުރީ ކޮއެނާ ހެދި ރީނޯޕްލާސްޓީ ސާޖަރީ ގޯހުން ގޯހަށް ދިޔައީ ކަމަށެވެ. ނަމަވެސް ކޮއެނާ ބުނީ މޫނުގެ ސިފަ ރީތި ކުރަން ހެދި ސާޖަރީގައި ބޭނުންކުރި ބައެއް އެއްޗިއްސަށް އޭނާ އެލާޖިކް ވެގެން އައި ރިއެކްޝަނެއްގެ ސަބަބުން މޫނު ހުތުރުވާން މެދުވެރިވީ ކަމަށެވެ.

ޒޫމް މެދުވެރިކޮށް ނޫސްވެރިއަކާ ވާހަކަ ދައްކަމުން ކޮއެނާ ބުނީ ސާޖަރީގެ ކަންތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އެއްވެސް ކަމެއް ގޯސްކޮށް ނުދާ ކަމަށެވެ. ނަމަވެސް އެކި މީހުންގެ ހަށިގަނޑު ރިއެކްޓް ކުރާނީ ތަފާތުކޮށް ކަމަށް ވާތީ އެ ސާޖަރީގައި ބޭނުންކުރި އެއްޗިއްސާ އޭނާއާ ނުގުޅި ކޯތާފަތުގެ ކަށިގަނޑު ދުޅަވީ ކަމަށް ކޮއެނާ ބުންޏެވެ.

"އަހަރެންގެ ކޯތާފަތަށް އެންމެ ބޮޑުވަރުވީ. ކޯތާފަތް ހުރީ ވަރަށް ބޮޑަށް ދުޅަވެފައި. އަދި މޫނުގައި ފެން ހެދޭގޮތް ވުމުން އިތުރަށް ސިފަ ހުތުރުވާ ގޮތްވީ. އެންމެންވެސް ހީކުރީ ސާޖަރީ ގޯސްވީ ކަމަށް. ނަމަވެސް އެކަންވީ އެހެނެއް ނޫން. ސާޖަރީ ރަނގަޅު. އަހަރެންގެ ހަށިގަނޑު އެ ސާޖަރީ އަށް ރިއެކްޓްކުރި ގޮތް ގޯސްވީ،" ކޮއެނާ ބުންޏެވެ.

ކޮއެނާ ބުނި ގޮތުގައި އެ ފަދަ ސާޖަރީއެއް ހެދި ފުރަތަމަ ފަހަރު ކަމަށް ވާތީ އެގޮތަށް ހަށިގަނޑު ރިއެކްޓް ކޮށްފާނެ ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ. އެހާ ބޮޑު ލަނޑެއް ލިބުނީ އެހެންވެ އެވެ.