(25 އެޕްރިލް 2021 އާ ގުޅޭ)
"ދޮރު ލައްޕާލާ." ނޯޔާ ވަދެ ދޮރުފަތުގައި ހިފަހައްޓާލައިގެން ހުންނަން ފެށުމުން އަސްލަން ބުންޏެވެ. އޭރު އަސްލަން އޮފީސް ހެދުން ބަދަލު ކުރަނީ އެވެ. އޭނާ މަޑުޖެހިލުމާއެކު ނޯޔާއަށް ބަލާލި އެވެ. ބުނި އެއްޗެއް ނޯޔާއަށް ނީވުނީ ކަމަކަށް ހީކޮށް އަސްލަން އަލުން ތަކުރާރުކޮށްލި އެވެ. ހިތްއަވަސް ވެފައި ހުރެ ނޯޔާ ކޮޓަރީގެ ދޮރު ލައްޕާލި އެވެ.
"ކަމެއް ކޮށްދޭން ވީތަ؟" އަސްލަން އަންނަން ފެށުމުން ނިކަން އަވަހަށް ނޯޔާ އަހާލި އެވެ.
"ބުނި ކޮންމެ ކަމެއް ކޮށްދޭނަންތަ؟" އަސްލަން ލާނެތް ވެލި އެވެ. އަނބިމީހާއާ ސަމާސާ ކޮށްލަން ބޭނުންވީ އެވެ.
"މިހާތަނަށް ނުކޮށްދެއްވުނު ކަމެއް އެބައޮތްތަ؟" ނޯޔާ ބުންޏެވެ. އެ ނަޒަރު އެއްފަހަރު ވެސް އަސްލަންއަށް އަމާޒު ނުކުރި އެވެ.
"ނުކޮށްދީއެއް ނެތް... އަހަރެން ހީނުކުރާހާ ފުރިހަމައަށް ނޯޔާ ކަންކަން ކޮށްފައި ހުންނަނީ، ނޯޔާ! އަދިވެސް ދެރަވެފަތަ؟ އަހަރެން ދިޔައީ ކޮންމެހެން ވެސް ދާން ޖެހިގެން... އަހަރެންނާ ވާހަކަ ދައްކާއިރު ބަލާ ވެސް ނުލާންތަ ތިހުންނަނީ." އަސްލަން ކުރިއަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އެޅިއެވެ. އަނބިމީހާގެ އަތްތިލައިގަ ހިފާލި އެވެ. ގުދުވެލައި ނިތްކުރި ގެނެސް ނޯޔާގެ ނިތްކުރީގައި އަސްލަން ޖައްސާލި އެވެ.
"ބަލީތަ؟ ހުންވައްތަރުވީތަ؟ މަޑު ހޫނު ކަމެއް އެބަހުރި..." ދުރަށް ޖެހިލުމާއެކު އަސްލަން ކަންބޮޑުވެފައި ބުންޏެވެ. އޭނާ ނޯޔާގެ ނިތް ކުރީގައި އަތްތިލަ ޖައްސާލި އެވެ. ނޯޔާގެ ބުރުގާގެ އަޑިން އަސްލަންގެ ދެއަތްތިލަ ގެނެސް ކަރުދޮށުގައި ޖައްސާލި އެވެ.
"ޑަކްޓަރަށް ދާން ހިނގާ." އަސްލަން ބުންޏެވެ. ނޯޔާ ލަސްގޮތަކަށް އަސްލަންގެ ދެއަތް ދުރުކޮށްލި އެވެ.
"ބޭސް ކައިފިން." ނޯޔާ ބުނެލި އެވެ.
"ބޮޑުވަރުވަންޏާ ބުނައްޗޭ." އަސްލަން ބުންޏެވެ. އޭނާ ނޯޔާގެ ގާތުގައި ބުނަން ގަސްދުކުރި ވާހަކަ ފަސްކޮށްލީ އެވެ. ނޯޔާގެ މިޒާޖު ރަނގަޅު ނޫނީ އޭނާ ހުންވައްތަރުވެފައި ހުރީމަ ކަމުގައި އަސްލަން ނިންމި އެވެ. އޭނާއަށް ބުނެވޭ އެއްޗަކުން ނޯޔާ މާބޮޑަށް ފިކުރުބޮޑު ވެދާނޭ ހީކުރެވުނީ އެވެ.
ނޯޔާ އެ ކޮޓަރިން ނުކުމެގެން ދިޔައިރު ހީވަނީ އެ ހުއްދަ ނުލިބިގެން ހުރި މީހަކު ހެންނެވެ. އަސްލަން ނުކުތްއިރު ކުދީންނަށާ އެއްކޮށް ކާމޭޒު މައްޗަށް ސައި ނަގާފައި ނޯޔާ ހުއްޓެވެ. ދުރުދުރުން ނޯޔާ އުޅޭތީ އަސްލަންއަށް ވަރަށް އުނދަގޫވި އެވެ. އޭނާއަށް ކުދީންނަށްވުރެ ވެސް ބޮޑަށް ނޯޔާއަށް ސަމާލުކަން ދެވުނެވެ.
ކޮޓަރިއަށް އަސްލަން ވަންތާ އެތައް އިރެއް ފަހުން އޭނާ ނޯޔާއަށް ގޮވާލި އެވެ. އެއާއެކު ނޯޔާ އެ ގޮވާލުމަށް އިޖާބަ ދިނެވެ. އެ ކޮޓަރިއަށް ނޯޔާ ވަނުމާއެކު ލިބުނީ ހައިރާން ކަމެވެ. އަލަމާރީގައި ހުޅުވާފައި ހުރީ މީގެ ކުރީން ތަޅުލާފައި ހުރި ބައެކެވެ. ކުރީން ވެސް ނޯޔާއަށް ވިސްނިފައި އޮތީ އެބައިގަ ހުރީ އަސްލަންއާއި މައިރާގެ ހަނދާންތައް ކަމެވެ. ވީވެސް އެހެންނެވެ. މައިރާއާއި އަސްލަންގެ ބައެއް ހެދުންތައް ހުއްޓެވެ.
"މިބައި ހުސް ކުރަން މިއުޅެނީ، މިތަކެތީގެ ބޭނުމެއް މިހާރަކު ނެތް... މައިރާއާއެކު ލިބުނު ތިން ދަރީން އަހަރެންނަށް ފުދޭ، އެއީ މައިރާގެ ފަނޑުވުމެއް ނުވާނެ ހަނދާންތަކެއް، އެހެން ނޫނަސް މިހާރު އަހަރެން މިވަނީ މުޅިން އާ ދިރިއުޅުމެއް ފަށާފަ، މި ދިރިއުޅުމައިގެން ކުރިއަށް ދާން އެޅޭ ހުރަހަކަށް މި އެއްޗެހިވެގެން ނުވާނެ، އެހެންވެ ހުސްކުރަން ނިންމީ... މިބައި ތަޅުލާފަ ހުރެގެން ނޯޔާ އަހަރެންނާ ސުވާލެއް ނުކުރޭ، އެހެންވިޔަސް އެނގޭ ސުވާލު އުފެދޭނެކަން... ދިރިއުޅުމަށް އަންނަ ބަދަލުތައް ޤަބޫލުކޮށް ހެޔޮ ބަދަލުތައް ގެންނަން ވެސް ޖެހޭ... މިކަމުގައި އަހަރެންނަށް އެހީވެދީފާނަންތަ؟" އަސްލަން އިނީ އެނދުގައި އިށީނދެ ލައިގެންނެވެ. ދެ މީހުންގެ ހަތަރުކަޅި ބައްދަލުވެފައި ހުއްޓެވެ. އާނއެކޭ ބުނުމަށް ނޯޔާ ބޯ ޖަހާލީ އެވެ.
"އަހަންނަށް ޓަކައިތަ އަސްލަން މި ހުރިހާކަމެއް މިކުރަނީ، އަހަންނަށް ބޭނުންވެގެންތަ؟" ނޯޔާއަށް އަމިއްލަ ނަފްސާ ވާހަކަ ދެއްކުނެވެ.
އަސްލަން ތެދުވެގެން އައިސް ދޮރު ލައްޕާލީ އެވަގުތު އެއްވެސް ކުއްޖަކު އެތަނަށް އަތުވެދާނެތީ އެވެ. މައިރާގެ އެއްޗެހި އެ ކުދީންނަށް މިހާރު ފެނިގެން ސުވާލު ކުރާނޭކަން އެނގޭތީ އެވެ. އަލަމާރި ކައިރީ އަސްލަން މަޑުކޮށްލުމާއެކު އޭގެ ތެރެއިން އެއްޗެހިތައް ނަގަން ފެށިއެވެ. މައިރާ އަޅާއުޅުނީ ކަޅު ހެދުމެވެ. ޖަރީކުރެވިފައި ހުރި ޚާއްޞަ މުނާސަބަތާ ގުޅޭ ދެތިން ހެދުން ހުއްޓެވެ. ބޮޑު ފޮއްޓެއް އަސްލަން ނެގުމާއެކު މިފަހަރު ނޯޔާގެ އަތަކަށް ނުދިނެވެ. އެ ފޮށްޓަށް ނޯޔާ ބަލާލި ގޮތުން އަސްލަން ވާހަކަދެއްކިއެވެ.
"ކައިވެނި ހެދުން." އަސްލަން ބުނެލިއެވެ.
އެނދުމަތީ ބަރިއަކަށް ހެދުންތައް ފަތްޖަހާފައި ނޯޔާ ބަހައްޓަމުން ދިޔައެވެ. އެކިވަރުގެ ފޮށިތައް އަލަމާރިން އަސްލަން ނެގިއެވެ. އޭގައި މައިރާއާއި އަސްލަންގެ ގުޅުން ފެށުނީއްސުރެ ދިރިއުޅުމުގެ އެކި ހިސާބުގެ ހަނދާންތައް ހުއްޓެވެ. އެތަކެއްޗަކީ ދުވަހަކުވެސް އެއްލާނުލާން އަސްލަންއާއި މައިރާ ނިންމި ތަކެއްޗެވެ. ނަމަވެސް މިއަދު އަސްލަން ޤަބޫލުކުރަނީ މައިރާއާއެކު އެ ތަކެތި ވެސް ކަފުން ކުރަންވެއްޖެ ކަމެވެ. ނޯޔާއާއެކު ފެށުނު ދިރިއުޅުމަށް ފުރިހަމައަށް ފުރުސަތު ދެވޭނީ އޭރުން ކަމެވެ. މިހާރު އޭނާގެ އަނތްބަކީ ނޯޔާއެވެ. ހުރިހާ ގޮތަކުން އެ އަނބިމީހާ ރުއްސައިގެން އިންތިހާ ލޯބި ދީގެން ގެންގުޅޭން އޭނާ ބޭނުމެވެ.
"ހެދުންތައް ވެސް އުކާލަނީތަ؟" ނޯޔާ އަހާލިއެވެ.
"އެއިން ކޮންބޭނުމެއް ކުރެވޭނީ." އަސްލަން ބުންޏެވެ.
"ބޭނުން ޖެހިފައިވާ މީހަކަށް ދެމާ... އެއްވެސް ހެދުމެއް ހަލާކުވެފައެއްނެތް، މަންމައަށް ވަރަށް މީހުން އެނގޭނެ."
"އަހަރެންގެ މަންމައަކަށް ނޭނގޭނެ މިއެއްޗެހި ބަހައްޓާފައި ހުރިކަމެއް، މައިރާގެ އެއްޗެހި ބަލާއައުމުން މިނޫން ހުރިހާ އެއްޗެއް ދިނީ، މަންމައަށް ހީވާނީ އަހަރެން ހުރިހާ އެއްޗެއް ދިނޭ." އަސްލަން އޮޅުން ފިލުވައިދިނެވެ.
"އަހަރެންގެ މަންމައަތަށް ދީފާނަން، ނުބުނާނަން ކާކުގެ އެއްޗެއްކަމެއް... އެންމެ ރަނގަޅުތަ؟" ނޯޔާ އަހާލި އެވެ. އެއީ އެކަންކުރަންވީ އެންމެ ރަނގަޅު ގޮތްވީމައެވެ.
* * * * *
ސްކޫލު ނިމުމުން ދެބެން ގޮވައިގެން ފަވާދު ގެއަކަށް ނުވަނެވެ. އެކުދީން ފޮނުވާލާފައި މާމަ ބައިން ކައިގެން ތިބުމަށް އޭނާ ބުންޏެވެ. ދެކުދީން އެކަނި އެޕާޓްމެންޓަށް ވަނީތީ އަރީނަށް ސުވާލު ކޮށްލެވުނެވެ. އޭނާ ފަދައިން އެކުދީންނަކީ ފަރުވާކުޑަ ކުދިބައެކެވެ. ބައްޕަ ގެއަށް ނުވަނީ ކީއްވެތޯ ވެސް އެއިން ކުއްޖަކު އަހާނުލައެވެ. އަރީން އަހާލުމާއެކު ބައްޕަ ހިނގައްޖެޔޭ ބުންޏެވެ.
ގަޑިތަކުން ރޭގަނޑު ދިހައެއް ޖަހާ ހިނގައްޖެއެވެ. ފަވާދު އަދިވެސް ގެއަކަށް ނާދެއެވެ. ގުޅަން ނުކެރިފައި ހުރެ ވެސް ފިރިމީހާ ކޮބާތޯ ބަލާނުލާ އަރީނަށް ކެތެއް ނުވިއެވެ. ފުރަތަމަ ކޯލު ކެނޑި ދެވަނަ ކޯލު ވެސް ފަވާދު ޖަވާބެއް ނުދީގެން ކެނޑިއްޖެއެވެ. އެގޮތަށް އަރީނަށް ފަސް ފަހަރު ގުޅުނެވެ. އެއާއެކު ދެން އައީ ފަވާދުގެ މެސެޖެކެވެ.
"އަހަރެންގެ ގޭގަ، މަދަމާ ހެނދުނު ކުދީން ސްކޫލަށް ލާން ދާނަން." ފަވާދު ފޮނުވި މެސެޖުގައި އޮތެވެ. އަރީނަށް އަނގަމަތީ އަތްތިލަ އަޅާލެވުނެވެ. ފަވާދު އޭނާއާ ދިމާއަށް އެއްޗިއްސެއް ނުގޮވައެވެ. އެކަމަކު ފަވާދުގެ ޢަމަލުތަކުން އޭނާއަށް ބަޔާންކުރަން ދަތި އަސަރެއް ކުރުވައެވެ. ހިތްދަތިވެގެން ގޮސް ދެ ލޯ ފުރިއްޖެއެވެ. ފިރިމީހާގެ ހިމޭންކަމުގައިވާ ރުޅިއާއި ނަފުރަތު ހޫނުކަން އަރީނަށް އިޙްސާސް ކުރެވެއެވެ.
"ގެއަށް އައިސް ދީ... ޕްލީޒް، އަހަރެންނަށް މަޢާފުކޮށްދީ." ރޮމުންރޮމުން އަރީން ލިޔުނެވެ. އެ މެސެޖު ފަވާދަށް ފޮނުވާލިއެވެ. އޭނާ ބެލިކަން ވެސް އެނގެއެވެ. އެކަމަކު އޭނާ އެއްވެސް އެއްޗެކޭ ނުބުންޏެވެ.
އެރޭ އެނދުގައި އަރީނު ވޭތުކުރީ ހިތްދަތިކަމާއި ރުއިމުގައެވެ. ނުނިދި ދެއަތަށް ފުރޮޅި ފުރޮޅި އޮވެވުނީއެވެ. ކުރެވުނު ކުށުގެ ސަބަބުން މުސްތަޤުބަލް ގެއްލިއްޖެކަމުގައި އަރީންގެ ހިތަށް އެރިއެވެ. އެއާއެކު އެއީ އަރީން އަމިއްލައަށް އެނގިހުރެ ކުރި ފާފައެއްކަން ޟަމީރު ބުންޏެވެ.
* * * * *
ޖެހިގެން އައި ދުވަހެވެ. ފަވާދު ބުނި ފަދައިން ހެނދުނު ކުދީން ސްކޫލަށް ގެންދަން އައެވެ. އެކަމަކު އޭނާ ގެއަށް ވަނީ އެކުދީން ސްކޫލަށް ގެންގޮސް ލާފައި އައިހެވެ. އަރީންގެ މޫނުމަތި އެކީ މިލާފައިވީތީ ފަވާދު ދުށްޓެވެ. ހިތަށް އުނދަގޫވީއެވެ. ނަމަވެސް އަނބިމީހާ ކުރި މުޑުދާރު ޢަމަލުގެ ސަބަބުން ހަމްދަރުދީ ފާޅުކުރަން ފަވާދު ބޭނުންނުވީއެވެ.
"މިހެންނެއް ނޫޅެވޭނެ..." އަރީން އިން ސޯފާގެ އަނެއްކޮޅުގައި އިށީނދެ އިން ފަވާދު ބުންޏެވެ. އަރީން ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ފަވާދު ބުނަން އުޅޭ އެއްޗެއް ފަހުމް ނުވީއެވެ.
"މި ކައިވެނީގެ މަތީ ހުރުމުގެ ބޭނުން ކެނޑިއްޖެ." ފަވާދު ބުންޏެވެ. އެއާއެކު އަރީންގެ ދެ ލޯ ބޮޑުވިއެވެ. ހާސްވެ ކަންބޮޑުވެގެންނެވެ.
"ފަވާ... ޕްލީޒް... ނޫން..." ފަވާދު އެ ދައްކަނީ ވަރީގެ ވާހަކަކަން އެނގި އަރީނަށް އާދޭހާއެކު ބުނެލެވުނެވެ.
"ހަމައެކަނި ބޭވަފާތެރިވީއެއްނޫން... އިނދެގެން ހުންނަންވީ އަރީންގެ ތި ފާފައިގަ ބައިވެރިވާންތަ؟ އަރީންއާ އަހަރެން ގުޅުނީ ހަލާލު ގޮތުގައި، ދެ ދަރީން ލިބިފަ އެތިބީ ހަލާލު ކައިވެންޏެއްގެ މައްޗަށް... އެކަމަކު ތިބަނޑުގައި މިހާރު އޮތީ އަހަރެންގެ ލެޔެއްނޫން، އަހަރެން ހަވާލެއްނުވާނަން، ދުވަހަކުވެސް ނުވާނަން... ތިކުރި ކަންތަކަށް މަޢާފެއްނެތް، ނޭނގުމުގެ ތެރޭގައެއްނޫން ތިކަމެއް ހިނގީ، އަރީނަށް އެއްވެސް ކަމެއް އުނިވިޔަ ނުދޭން، އަރީން އަހަރެންދެކެ ކުޑަކޮށް ވެސް ލޯބިނުވި... ތިބަނޑުގަ ތިއޮތީ އެކަމުގެ ހެކި."
"ފަވާދު، ޕްލީޒް، ޕްލީޒް... މީ އަހަރެން ބޭނުންވީ ގޮތެއްނޫން، ފަވާ ޕްލީޒް، ދެން އެހެންނުވާނެ... މިކަމުން އަހަރެން ސަލާމަތްވެދާނަން، އޭރުން ފަވާ ހަވާލުކޮށް ނުޖެހޭނެ، ޕްލީޒް... ޕްލީޒް... އަހަރެން ދޫކޮށްނުލާ... ފަވާ!... ފަވާ!... ރީވާއާއި ފަލަކް، އެކުދީންނަށް ވާނީ ކިހިނެއް؟ އަހަރެމެން ދެ މީހުން ވަކިވެއްޖެއްޔާ އެކުދީންނަށް ވާނީ ކިހިނެއް؟" މޮޔައަކުހެން އަރީން އައިސް ފަވާދުގެ ފައިބުޑަށް ވެއްޓިގަތެވެ. އެހިނދު އަރީންގެ ދެ ކޮނޑުގައި ހިފައި ނެގުމަށްފަހު ސޯފާގައި އޭނާ ބޭންދިއެވެ. ދެން އަރީންއާ ކުރިމަތިވާނޭހެން ފަވާދު ހުއްޓިލިއެވެ.
"ދެމީހުން އެކުގައި ތިބެ އެކުދީންގެ އުޅުން ރަނގަޅުވެއްޖެތަ؟ އަރީނަށް ރަނގަޅު ތަރުބިއްޔަތެއް އެކުދީންނަށް ދެވުނުތަ؟ މިގެއަކީ ގިނަބަޔަކު އުޅޭ ތަނެއްނޫން، އެކަކު އަނެކަކު ޒުވާބުކޮށް ރުޅިމޫނު ހަދައިގެން އުޅޭ ގެއެއްނޫން، އެހެންވިޔަސް ޢާއިލާ ގުޅުމާއި އެ ގާތްކަން ދެމެހެއްޓުމަށް އަރީން އެއްވެސް ކަމެއް ކުރީންތަ؟ އަހަރެމެންގެ ދަރީންނަށް އެކަހަލަ ކަންކަން ކިޔާދޭން އުޅުނިންތަ؟ ހާލުގަ ޖެހުނު ދުވަހު އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި ބޭބެގެ ތުއްތުތުއްތު ތިން ދަރީންނަށް އަރީން ހަދާ ގޮތް އަހަރެންނަށް ހުރީ ފެނިފަ، އަރީނާ އެހެން އަންހެނާ އެއްވަރު ކުރާކަށް އަހަރެން ބޭނުމެއްނޫން، އެކަމަކު އެނގޭތަ؟ އަސްލަންގެ ބަޔަށް އަހަރެން ވަނީ އެންމެ ތިންފަހަރު، އޭނާގެ އަންހެނުންގެ ހިތްހެޔޮކަމާއި އޭނާ ދަރީން ގެންގުޅޭ ގޮތާއި އެކުދީން އޭނާއާ ބާއްވާ ގާތްކަން ފެނި ހާދަ އެއްޗެއް އަހަރެންގެ ހިތަށް އަރައޭ... ގައިމު އެއީ އޭނާގެ އުފަން ދަރީންނެއްނޫން، އަހަރެން ހާދަ ދުޢާ ކުރަމޭ އަހަރެންގެ އަނބިމީހާއަކީ ވެސް ސާލިހު އަންހެނަކަށްވާން، ދަރީންނަށް އިސްލާމީ ރިވެތި އަދަބުތަކާއި އެކަމުގެ ތަޢުލީމު އުންގަންނައިދޭ މަޔަކަށް އަރީންވާން... އަރީން ނުވާނެ އިސްލާހެއް، މިހާރު އެނގިއްޖެ، އަދިވެސް ވިސްނުން ތިހުރީ އެންމެ ނުބައި ގޮތަށް، ތިކަމުން މިންޖުވެގެން މީހުންނަށް ސިއްރުކުރެވިދާނެ، އެކަމަކު ﷲއަށް އެއްވެސް ކަމެއް ސިއްރުކުރެވިދާނެތަ؟ ބިރުގަންނާކަށް އަދިވެސް ނުވޭތަ؟ ﷲ އަރީނަށް ހުރިހާ އެއްޗެއްދެއްވި، ދެއްވި ފަދައިން އެތަކެތި އަނބުރާ ގެންދެވުމަށް ވެސް އެކަލާނގެ ކުޅަދުންވަންތަ؟ އަރީނުގެ އަތުން ހުރިހާ އެއްޗެއް ބީވެގެން ދިޔައްޔާ ދާނީ ތިމާގެ ސަބަބުން، ޝަކުރުވެރިވާން ނޭނގޭ ކޮންމެ މީހަކަށް ވެސް ވާނީ ތިވަރު، ކުދީން ވެސް އަހަރެންގެ ކައިރީ ހުރިއްޔާ މާ ރަނގަޅުވާނެ، އޭރުން އެބުރަ ވެސް އަރީން އުފުލާކަށް ނުޖެހޭނެ."
"ހެޔޮނުވާނެ ފަވާ... ކުދީން ނުގެންދޭ." އަރީނަށް ކުރިއަށްވުރެ ބޮޑަށް ރޮއެގަނެވުނެވެ.
"ތިވިޔާނުދާ ކަންތައްގަނޑު އެކުދީންނަށް ދައްކަންތަ މިތާ ބަހައްޓަންވީ." ފަވާދަށް ދަތްކުނޑިވިކާލެވުނެވެ. ރޮމުން ގިސްލަމުން އަރީން ދެފަރާތަށް ބޯހޫރާލިއެވެ.
"އަރީން... މިވަގުތުން ފެށިގެން..." ފަވާދަށް ފުރިހަމަ ނުކުރެވެނީސް އަރީން ފުންމައިގެން އައިސް ފިރިމީހާގެ ގައިގާ ބައްދައިގަތެވެ. އެޕާޓްމެންޓް ތެރޭ އަރީންގެ ރުއިމުގެ އަޑު ގުގުމަން ފެށިއެވެ. އޭނާ ފަވާދާއެކު އުޅޭން ބޭނުންކަމުގައި ބުނަމުންދިޔައެވެ. ހިތުގައި އަރީނަށް ޓަކައި އޮތް ލޯބި ނެތިގެނެއް ނުދެއެވެ. ދެއަތުގެ ތެރޭ އަނބިމީހާ ހިފަހައްޓާލުމައެކު ބުރަކަށީގައި ފަވާދުގެ ކަނާއަތުން ފިރުމާލިއެވެ. އޭނާގެ ދަރިއަކަށް ނޫނަސް އަރީން އިނީ ބަލިވެކަން ފަވާދު ހަނދާނެއް ނުނެތެއެވެ. އަރީނަށް އިހާނެތިވެ އަނިޔާކުރުމުގެ ވިސްނުމެއް ފަވާދުގެ ނެތެވެ.
ފަވާދުގެ މޭގައި މޫނު ފޮރުވާލައިގެން ހުރެ އެތައްއިރަކު އަރީން ރުޔެވެ. އޭނާ ހަމައަކަށް އެޅިއްޖެހެން ހީވުމުން ފަވާދު ގަޔާ ދުރުކޮށްލިއެވެ. އަރީން ދޫކޮށްނުލާން އުޅުނެވެ. އެހެންނަމަވެސް އެ ދެއަތުގައި ހިފަހައްޓާލަމުން ފަވާދު ގޮވާލި މަޑުމައިތިރިކޮށެވެ. އަރީން ބަލާލުމުން ސޯފާގައި އިށީންނަން ބުންޏެވެ. ފެންފޮދެއް ހިފައިގެން އަންނަމޭ ބުނެ އައިސްއަލަމާރިން ފެންފުޅި ނަގައި ފެންތަށްޓެއް އަޅައިގެން އެނބުރި އައެވެ.
"ބޯލާ..." އަރީންގެ އަތަށް ލައިދެމުން ފަވާދު ބުންޏެވެ. ކޯވަރަކަށްވުރޭން ގިނައެއްކޮށް އަރީންގެ އަރުތެރޭން ނުދިރުނެވެ. ކައިރީ ހުރި ކޮފީ މޭޒުމަތީ އަރީން ދިއްކޮށްލުމުން ފަވާދު ފެންތަށި ބެހެއްޓިއެވެ.
"އަރީން! މީ އުޅުން އިސްލާހުކޮށް ﷲއަށް ދަންނަންވީ ވަގުތު، ފާފައަށް ތަޢުބާވުމަށް އަވަސްވެގެންނަންވީ ވަގުތު... މީހުން ކައިރީ އަދޭސްކޮށް ރޮއެ ހެދުމަކުން ފައިދާއެއް ނުކުރާނެ، ނަފްސު ޠާހިރުކޮށް ފުރިހަމަ ތަޢުބާއަކުން ތަޢުބާންވާން އަވަސްވޭ، ﷲ ނޫނީ މިއަދު އަރީނަށް އެހީވެދޭނެ ފަރާތެއްނެތް." ފަވާދު ބުންޏެވެ. ގޮތް ހުސްވެފައިވާވަރު އަރީންގެ ދެ ލޮލުން ފަވާދު ދުށްޓެވެ. ކުޑަކަކޫ ޖަހާލައިގެން އިނުމަށްފަހު ފަވާދު ތެދުވިއެވެ. އަރީނަށް ބަލަން އިރުކޮޅަކު އޭނާ މަޑުކޮށްލިއެވެ.
"ރީން މިނިވަންކޮށްފިން... އަބަދަށް، އަހަރެންގެ އަނތްބެއްނޫން" ފަވާދު ބުންޏެވެ. އަރީން ރޮމުން ދެއަތް ޖޯޑުކޮށްލިއެވެ. ދެފަރާތަށް ބޯހޫރުވިއެވެ. ދެކަކޫ މައްޗަށް އޭނާ ތިރިވިއެވެ.
* * * * *
ބޭސްގުޅަ ކާލައި ފެންފޮދެއް ނޯޔާ ބޯލިއެވެ. ބޮލުގައި ހުރި ރިހުމެއް އެއްގޮތެއް ވެސް ނުވިއެވެ. ނޭވާ ވެސް އާދަޔާ ޚިޔާލަށް ހޫނުކަން އިހްސާސް ކުރެވެއެވެ. ސާރާ ބަލާ ސްކޫލު ދޮށަށް ދާ ގަޑިއަކީ މަލްސާ ގެންދަން ޖެހޭ ގަޑިއެވެ. އެކަމަކު މިއަދު އަނުމް އުރާލަން ވެސް ނޯޔާއަށް ދަތިވެފައި ވެއެވެ. އެއްވެސް މަސައްކަތެއް ވެސް ނުކުރެވެއެވެ. އަސްލަންއަށް ގުޅީ އެހެންވެއެވެ. ސްކޫލުދޮށަށް ދާނެހާ ވަރުނެތީމައެވެ. ނަމަވެސް އަސްލަން ފޯނެއް ނުނަގައެވެ. ގޭތެރޭގައި ހިތްވަރަށް އުޅެމުން އެކި ފަހަރު މަތިން ނޯޔާ ގުޅިއެވެ. ކުދީން ގެއަށް އަންނަންވާއިރަށް ކޮންމެވެސް އެއްޗެއް ރޯފިލުވޭތޯ އޭނާ ބެލިއެވެ. އަސްލަންގެ ފޯނު ރިންގުވެފައި ކެނޑެނީއެވެ. ވަގުތު ކައިރިވުމުން އިތުރު ގޮތެއް ނެތިގެން ނޯޔާ ގުޅީ ރިދާނަށެވެ. މަންމަ ސަބީނާ ސްކޫލު ދޮށަށް ފޮނުވާކަށް ނޯޔާ ބޭނުމެއްނޫނެވެ.
"ޔެސް ނޯޔާ." ފުރަތަމަ ރިންގުން ރިދާން ކޯލު ނަގައިފި އެވެ.
"ކަމެއް ކޮށްދެވިދާނެތަ؟" ނޯޔާ އަހާލިއެވެ.
ރިދާން ވަގުތުން އެއްބަސްވީއިރު ހީވީ ނޯޔާ ކަމަކު ނުކިޔައިގެން ހުރި ހެންނެވެ. އަސްލަންގެ ފޯނަށް ނުގުޅުނު ވާހަކައެއް ނޯޔާ ނުބުނެއެވެ. އޭނާ އެދުނީ ސްކޫލު ދޮށަށް ދެވިދާނެތޯ އެވެ. ރިދާން ހުރީ ތައްޔާރަށެވެ.
"އަސްލަން ފޯނު ރަނގަޅު، ރިންގުވާއިރު ކީއްވެ ނުނަގަނީ... އަހަރެން މިވަރަށް ގުޅާނީ އެނގޭނެ ކަމެއް ވެގެންކަން، އެހެންޏާ އަހަރެން ގުޅަނީކީނޫން، އޮފީހަށް ދާ މީހާ ކޮބާތޯ ބަލާލަން ވެސް ނުގުޅަން... އަޅެ ފޯނު ނަގަން އެންމެ ރަނގަޅެއްނު." ނޯޔާގެ ހިތުގައި ޝަކުވާތައް ފުނި ޖެހެމުން ދިޔަ އެވެ. ބޮލުގައި ހިފަހައްޓާލީ ކޫސަނި ޚިޔާލުތައް ސިކުނޑި ވަށާލުމުންނެވެ.
* * * * *
ހެނދުނުގެ ބައްދަލުވުމަށް ވަންނަން ފޯނު ސައިލެންޓް ކުރެވުނުކަން އަސްލަން އެނގުނީ މެންދުރުވާން އުޅެނިކޮށެވެ. މަލްސާ ބަލާދާ ގަޑި ކައިރިވާތީ އެވެ. މަސައްކަތްތައް ގިނަކަމުން އަނބިމީހާ ކޮބާތޯ ވެސް އޭނާއަށް ބަލާނުލެވޭކަން ހިތަށް އެރިއެވެ. ނޯޔާގެ ދިހަ ކޯލާއި ރިދާންގެ ހަތަރު ކޯލު މިސްވެފައި އޮތުމުން އަސްލަން ވަގުތުން ހާސްވި އެވެ. އޭނާ ނޯޔާއަށް ގުޅިއެވެ. ފޯނެއް ނުނަގަ އެވެ. އެވަގުތު އަނެއްކާ ވެސް ރިދާން ގުޅަނީ އެވެ. އަވަހަށް އެ ކޯލު އަސްލަން ނެގިއެވެ.
"މިދަނީ... ހަމަ މިހާރު މިނައްޓާލީ." ރިދާންގެ ވާހަކައަށް އަސްލަން ބުންޏެވެ. އޭނާ ހުރީ އިންތިހާއަށް ހާސްވެފައެވެ. (ނުނިމޭ)