ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކަން ހަނދާންކޮށްދީފި

ކޮވިޑް-19 އިން ރައްކާތެެރިވުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށް އެންގި އެންގުން އެ ގޮތުގައި ދެމި އޮތްކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަނދާން ކޮށްދީފި އެވެ.

ބޭރަށް ނިކުމެ އުޅޭއިރު ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކުރީ ޑިސެންބަރު މަހުގެ ފަސްވަނަ ދުވަހުން ފެށިގެންނެވެ.

ނަމަވެސް މި ފަހުން މާލެ ހިމެނޭ ވަރަށް ގިނަ ރަށްރަށުގައި މާސްކު ނާޅާ ބޭރުގައި އުޅޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި އެކަން ހުއްޓުވަން އެއްވެސް އިދާރާއަކުން މަސައްކަތެއްވެސް ނުކުރެއެވެ. މާސްކު ނާޅާ މީހުން ޖޫރިމަނާ ކުރާނެ ކަމަށް ބުނި ނަމަވެސް ވަރަށް ކުޑަ ދުވަސްކޮޅެެއްގައި ނޫނީ އެކަމެއް ނުހިނގައެވެ. އަދި މާސްކު ނާޅާ އުޅޭ މީހުން ހުއްޓުވާ ނަސޭހަތްތެރިވުންވެސް މިހާރު ވަނީ ހުއްޓާލާފައެވެ.

މިދިޔަ ފަސް ދުވަހު ރެކޯޑް އަދަދަކަށް ކޮވިޑް ކޭސްތައް އިތުރުވެފައިވަނިކޮށް އެޗްޕީއޭއިން މިއަދު ވަނީ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކަން ހަނދާން ކޮށްދީފައެވެ. ޓްވީޓެއް މެދުވެރިކޮށް އެ އިދާރާއިން ބުނީ މާސްކުގެ ފައިދާ އެންމެ ރަނގަޅަށް ކުރާނީ މާސްކު އަޅާ އިރު ރަނގަޅަށް އަނގަޔާއި ނޭފަތް ނިވާވާ ގޮތަށް އެޅުމުން ކަމަށެވެ.

ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކޮވިޑް ކޭސްތައް އިތުރުވީ ނަމަވެސް އެޗްޕީއޭގެ ސިލްސިލާ ނޫސްވެރިންގެ ބައްދަލްވުންތައްވެސް މިހާރު އޮތީ ހުއްޓިފައެވެ. އަދި ހޭލުންތެރިކުރުވުމަށް ކުރަމުންދިޔަ ގިނަ މަސައްކަތްތައް އޮތީ މަޑުޖެހިފައެވެ. ކޮންމެ ދުވަހަކު ޓްވިޓާ މެދުވެރިކޮށް ދެ ތިން ޓްވީޓެއް ކޮށްލުން ނޫނީ އާންމުންގެ ހޭލުންތެރި ކަމަށް އިތުރު މަސައްކަތްތަކެއް ކުރާތީއެއް ނުފެނެއެވެ.

ރާއްޖެއިން މިހާތަނަށް 28،588 މީހަކަށް ބަލި ޖެހިފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދަދު ވަނީ 4،000 އިން މަތީގައެވެ. ކޮވިޑް ޖެހިގެން 71 މީހަކު މަރުވެފައިވެއެވެ.