އިނގިރޭސި ވިލާތުގައި އީ-ސިނގިރޭޓް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 2.6 މިލިއަނަށް އަރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މިއީ 2010 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާ ނަމަ ހަތަރު ގުނައިގެ އިތުރުވުމެކެވެ.
ހަގީގަތަކީ އީ-ސިނގިރޭޓްގެ މަގްބޫލުކަން ބޮޑުވެފައި ވަނީ ހަމައެކަނި އިނގިރޭސި ވިލާތް އަދި ޔޫރަޕްގެ އެހެން ގައުމުތަކުގައި އެކަނި ކަމެއް ނޫނެވެ. ޓްރެޑިޝަނަލް ދުންފަތް އޮޅައިގެން އުފައްދާފައި ހުންނަ ސިނގިރޭޓް ދޫކޮށް އީ-ސިނގިރޭޓް އިހްތިޔާރުކޮށްފައިވާ މީހުންގެ އަދަދު ވަނީ އެހެން ގައުމުތަކާ އެކު ރާއްޖޭގައި ވެސް ނިކަން ބޮޑަށް އިތުރުވެފަ އެވެ.
އާދައިގެ ސިނގިރޭޓަކީ ދުންފަތް އަންދައިގެން ނިކޮޓިން އާއި އެހެން ކެމިކަލްސްތައް ހިމެނޭ ދުންތަކެއް ބޭރުކުރާ އުފެއްދުމެކެވެ. މީގެ ބަދަލުގައި އީ-ސިނގިރޭޓަކީ އޭގައި ލިކްއިޑް ނިކޮޓިން ހިމެނޭ، ނާނދާ ސިނގިރޭޓެކެވެ. ބެޓެރީގެ ސަބަބުން ލިކްއިޑް ނިކޮޓިން ހޫނުކޮށް އާވި އަރުވަ އެވެ.
މިއީ މަގްބޫލުވަމުން އަންނަ ވައްތަރެއްގެ "ސިނގިރޭޓް ބުއިމެއް" ނަމަވެސް ދުންފަތް ދޫކޮށް ވޭޕާ ސްމޯކިން އަށް ބަދަލުވާން ބައެއް މީހުން ފަސްޖެހެ އެވެ. ނަމަވެސް ބައެއް ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުން އީ-ސިނގިރޭޓަކީ ދުންފަތުން އުފައްދާފައި ހުންނަ ސިނގިރޭޓުން ހަށިގަނޑަށް ދޭ ގެއްލުންތައް އެއްކޮށް ނައްތާލެވޭ ވަރުގެ އުފެއްދުމެއް ކަމަށެވެ.
އެކަމަކު އެންމެ ފުރަތަމަ ދުންފަތުން ދޭ ގެއްލުމުގެ ވާހަކައިން ފަށައިގަންނަމާ ހިނގާށެވެ.
ދުންފަތުން ލިބޭ ގެއްލުންތަކަކީ ކޮބާ؟
ހަމަ އެކަނި ސިއްހަތަށް ލިބޭ ގެއްލުމެއްގެ ވާހަކައެއް ނޫނެވެ. ގަވާއިދުން ނުވަތަ ދުވާލެއްގެ މައްޗަށް ސިނގިރޭޓް ފޮއްޓެއް ހުސްކުރާ މީހެއް ކަމުގައި ވަނީ ނަމަ އެ މީހަކަށް މާލީ ގޮތުން ލިބޭ ގެއްލުން ވެސް ކުޑައެއް ނޫނެވެ.
މިސާލަކަށް މާލޭގައި ސިނގިރޭޓް ފޮއްޓެއް މި ވިއްކަނީ އާންމުކޮށް 40ރ. އަށް ވުރެ މަތިންނެވެ. އެހެންވީމަ ދުވާލެއްގެ މައްޗަށް ފޮއްޓެއް ހުސްކުރާ މީހާގެ އަތުން ގާތްގަނޑަކަށް 1500ރ. ހަމައެކަނި ސިނގިރޭޓަށް އެބަދެ އެވެ. މި އަދަދު އަހަރެއްގެ ތެރޭގައި ގާތްގަނޑަކަށް 14،000ރ. އަށް ވުރެ މައްޗަށް އަރައިގެންދެ އެވެ.
އެހެންވީމަ ސިއްހީ ގޮތުން ލިބެނީ ކޮން ކަހަލަ ގެއްލުމެއްތޯ އެވެ؟
އާދަޔާހިލާފަށް ނުވަތަ ގަވާއިދުން ދުންފަތުގެ އިސްތިއުމާލުކުރުމަކީ އުމުރު ކުރުކޮށްދޭ ކަމެކެވެ. އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހަކާ އަޅާ ބަލާއިރު ދުންފަތުގެ އިސްތިއުމާލުކުރާ މީހާގެ އުމުރުން 10 އަހަރު މަދުވެގެން ދެ އެވެ.
ދިރާސާތަކުން އެނގިފައިވާ ގޮތުން ފުއްޕާމޭގެ ކެންސަރު ޖެހިގެން މަރުވާ މީހުންގެ 80 ޕަސެންޓަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކުގެ ތެރެއިން ބަލިވާ މީހުންނެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހަކާ އަޅާ ބަލާއިރު ސިނގިރޭޓް ބޯ މީހާ އަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ވެސް ތިން ގުނަ އަށް ބޮޑެވެ.
ސިނގިރޭޓެއް ރޯކޮށް ފަނަރަ ވަރަކަށް މިނެޓް ތެރޭގައި އޭތި ހުސްކޮށްލާއިރު ދުންފަތުން އުފައްދާ ނިކޮޓިންގެ އިތުރުން ދެން ހަށިގަނޑަށް ކިހާ އަދަދަކަށް ކެމިކަލް ވަންނަކަން އެނގޭ ހެއްޔެވެ؟ ތަޖުރިބާކާރުންގެ ހޯދުންތަކުން ހޯދާފައިވާ ގޮތުން ސިނގިރޭޓެއް ރޯކޮށް، ބޯ އިރު އޭތި އަނދައިގެން 7،000 ވައްތަރެއްގެ ކެމިކަލްސް ހަށިގަނޑަށް އެތެރެވެ އެވެ. އޭގެ ތެރެއިން ގިނަ ކެމިކަލްސް އަކީ ސިއްހަތަށް ގެއްލުންދޭ މާއްދާތަކެވެ.
ދުންފަތުގެ ނުރައްކާ އޮތީ ސިނގިރޭޓް ބޯ މީހުންނަކަށް އެކަންޏެއް ނޫނެވެ. ޕެސިވް ސްމޯކާސް ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ މާހައުލުގައި އުޅެ އޭގެ އަސަރުކުރާ މީހުންނަށް ވެސް ނުރައްކާ ވަރަށް ބޮޑެވެ. ޕެސިވް ސްމޯކިންގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކުގައި ދުނިޔެއިން އަހަރެއްގެ މައްޗަށް 600،000 މީހުން މަރުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ދުންފަތުގެ ނުރައްކަލާ ގުޅުން ހުރި ސިއްހީ މައްސަލަތަކުގައި މަރުވި މީހުންގެ އަދަދު 20 ވަނަ ގަރުނުގައި 100 މިލިއަނަށް އަރާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ހިސާބުތައް ދައްކަ އެވެ.
އީ-ސިނގިރޭޓް ދުންފަތަށް ވުރެ ރައްކާތެރިތަ؟
ހަނދާން ބަހައްޓަން ޖެހޭ ކަމަކީ މިއީ އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިއުމާލުކުރުމަށް ހިތްވަރުދޭ ނުވަތަ ދުންފަތް ސިނގިރޭޓްގެ ބަދަލުގައި އީ-ސިނގިރޭޓް ބޯން މީހުންނަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ލިޔެފައިވާ ލިޔުމެއް ނޫން ކަމެވެ.
އެހެންވީމަ މިހައި ހިސާބުން އީ-ސިނގިރޭޓުން ލިބޭ ގެއްލުންތައް ދުންފަތާ އަޅާކިޔާލަމާ ހިނގާލާށެވެ.
ދިރާސާތަކުން އެނގިފައިވާ ގޮތުން އަދި ސިއްހީ ތަޖުރިބާކާރުން ވެސް ބުނެފައިވާ ގޮތުން އީ-ސިނގިރޭޓަކީ ދުންފަތް ސިނގިރޭޓަށް ވުރެ ގެއްލުން ކުޑަ އުފެއްދުމެކެވެ. އަދި އެއިން އުފައްދައިދޭ ދުމުގައި ކެމިކަލްގެ ނިސްބަތް ވެސް މަދެވެ.
ޕަބްލިކް ހެލްތު އިންގްލެންޑް އިން މި އަހަރު ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުން ދުންފަތް ސިނގިރޭޓަށް ވުރެ އީ-ސިނގިރޭޓަކީ 95 ޕަސެންޓް ރައްކާތެރި އިހްތިޔާރެކެވެ.
އީ-ސިނގިރޭޓުން އެހެން މީހުންނަށް ދޭ ގެއްލުން ވެސް ކުޑަ އެވެ. ސަބަބަކީ މިއީ އާދައިގެ ސިނގިރޭޓާ ހިލާފަށް ދުން ވަރަށް މަދުން ނުވަތަ އެއްގޮތަކަށް ވެސް ދުން ނާރާ ފަދަ ގޮތަކަށް އުފައްދާފައިވާ އެއްޗަކަށް ވުމެވެ. އަދި އާންމުކޮށް އީ-ސިނގިރޭޓް ބޯ މީހާ ދޫކޮށްލާ ދުންގަނޑުގެ އަސަރު އެހެން މީހަކަށް ކުރިޔަސް އޭގައި ކެމިކަލްގެ އަސަރު ދަށެވެ.
އަނެއްކޮޅުން މަޝްހޫރު ސިނގިރޭޓްގެ ބްރޭންޑްތަކާ އަޅާބަލާއިރު އީ-ސިނގިރޭޓްގެ އަގު ވެސް ރަނގަޅެވެ. މާނަ އަކީ މާލީ ގޮތުން ލިބޭ ގެއްލުން ކުޑަކުރެވިދާނެ އެވެ.
މިސާލަކަށް މާލޭގައި އާންމުކޮށް އީ-ސިނގިރޭޓެއް ވިއްކައި އުޅެނީ 350ރ. އަށެވެ. އެއީ އޭގައި ބޭނުންކުރާ ވޭޕާ ލިކްއިޑް ފިޔަވައި އެހެން ހުރިހައި އެއްޗެކެވެ. ލިކްއިޑް ނިކޮޓިން ރީފިލްކުރަން ޖެހުނަސް ސިނގިރޭޓަށް ކުރަން ޖެހޭ ވަރުގެ ބޮޑު ހޭދައެއް ކުރާކަށް ނުޖެހެ އެވެ. މިސާލަކަށް ރީފިލް ކާޓްރިޖަކީ އާދައިގެ 25 ސިނގިރެޓާ އެއްވަރުގެ އަދަދެކެވެ.
ގަދަ އަށް ސިނގިރޭޓް ބޯ މީހުންގެ ދަތްތަކުގެ ކުލަ ގެއްލުމާއި ގައިން ދުންފަތް ވަސް ދުވުމަކީ ވެސް ބައެއް މީހުންނަށް މައްސަލައެކެވެ. އީ-ސިނގިރޭޓަކީ މިފަދަ އެއްވެސް މައްސަލައެއް ނުކުންނަ އުފެއްދުމެއް ނޫނެވެ.
އީ-ސިނގިރޭޓަށް އޮތް ފާޑުކިޔުމަކީ ކޮބާ؟
ޔަގީނަށް ވެސް މަޝްހޫރު ސިނގިރޭޓް ބްރޭންޑްތަކުގެ ދުންފަތަށް ވުރެ ސިއްހަތަށް ރައްކާތެރީ އީ-ސިނގިރޭޓެވެ. އެކަމަކު މިއީ ވެސް ސިއްހަތަށް ލިބިފައި އޮތް "ފެހި އާފަލެއް" ނޫނެވެ.
ސިއްހަތަށް ހުރި ގެއްލުމާ ބެހޭ ގޮތުން ތަޖުރިބާކާރުން ބުނަނީ ކީކޭތޯ ބަލާލަމާ ހިނގާށެވެ.
ބައެއް ތަޖުރިބާކާރުން ބުނާ ގޮތުން އީ-ސިނގިރޭޓްގެ ވޭޕާގައި ހިމެނޭ ކެމިކަލްސްގެ ވައްތަރެއް ކަމުގައިވާ ފޯމަލްޑެހައިޑް ނުވަތަ ވިހަ މެޓަލްގެ ބާވަތްތައް ކަމުގައިވާ، މިސާލަކަށް ނިކެލް އަކީ ކެންސަރު ޖެއްސުމަށް މަގުފަހިކޮށްދީފާނެ ކެމިކަލްސްގެ ބާވަތްތަކެވެ.
ދިގު މުއްދަތަކަށް އީ-ސިނގިރޭޓް ބޭނުންކޮށްފި ނަމަ މި ކެމިކަލްސްގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ނަމަވެސް ދުންފަތަށް ވުރެ އޭގެ ނުރައްކާ ކުޑަކަމަށް ސިއްހީ މާހިރުން އެއްބަސްވެ އެވެ.
މީގެ އިތުރުން އެހެން މައްސަލައެއް ވެސް އީ-ސިނގިރޭޓުން ނުކުމެ އެވެ. ބައެއް މީހުން ގިނަ ފަހަރަށް ދުންފަތް ދޫކޮށް އީ-ސިނގިރޭޓަށް ބަދަލުކޮށްލަނީ ދުންފަތުގެ ވަބާއިން ސަލާމަތްވުމަށެވެ. ނަމަވެސް ހަގީގަތަކީ އީ-ސިނގިރޭޓަކީ އަދި މާ ބޮޑަށް ނިކޮޓިންގެ އަވާގައި މީހާ ޖައްސައިދޭ އެއްޗެއް ކަމެވެ.
އީ-ސިނގިރޭޓްގެ ވޭޕާ އަށް ދެވިހިފުން ގަދައިރު މިއީ އޭގެ ސަބަބުން ލޭގެ ޕްރެޝަރުގެ މައްސަލަތަކާއި ކަންބޮޑުވުމާއި ހާސްކަން ފަދަ ސިއްހީ މައްސަލަތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމެކެވެ. -- ބީބީސީ