ފަލަސްތީނާއި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރަން ދައުވަތެއް ލިބި ވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހާއި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ގައި ތަގުރީރު ކުުރައްވަން އެމަނިކުފާނަށް ސިޓީއެއް ލިބި ވަޑައިގެންފައިވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް އަދި ނުނިންމަވާ ކަމަށެވެ.
"އަޅުގަނޑުގެ ހިތަށް ވަންނަ ފުރަތަމަ ވިސްނުމަކީ މިބާވަތުގެ ކަމެއް އަޅުގަނޑުގެ ކުރި މައްޗަށް އައިމާ އަޅުގަނޑު އަމަލު ކުރާނެ ގޮތަކީ ވީހާވެސް ގިނަ ބަޔަކާ މައުލޫމާތު ހިއްސާ ކުރުން. ރައްޔިތުންނަށް އެނގޭނީ ރައްޔިތުން މިސްރާބު ހިފާނެ ދިމާ." ރައީސް ނަޝީދު ވިދާޅުވި އެވެ.
ފަލަސްތީނަށް މިނިވަން ދައުލަތެއް ހައްގުވާ ކަމަށާއި އެކަމާ މަޖިލީހުގެ އެއްވެސް މެންބަރަކު ދެބަސްވެ ވަޑައި ނުވާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް އެހީތެރިކަމެއް ދެވެން އޮތް ނަމަ އެކަމެއްގައި އެހީ ވެދިނުމަށް ދިވެހިން ތިބޭނީ ތައްޔާރަށް ކަމަށާއި އެފަދަ އެހީތެރިކަމެއް ފޯރުކޮށް ދެވެނޭ މަގެއް ހޯދަން މަޖިލީހުގެ މެމްބަރުން ވިސްނާ ވަޑައިގަތުމަށް ވެސް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.
"ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ހިޔާލުފާޅު ކުރެވޭ ތަފާތު މަގުތަކެއްވޭ. އެ ހިޔާލު ފާޅުކުރުމުގެ ތެރެއިން ހުރިހާ އެންމެން ހިތްމަޖެހޭ ގޮތެއް އަޅުގަނޑުމެންނަށް ހޯދި އެގޮތުގެ މަތީގައި އަޅުގަނޑުމެން މަސައްކަތް ކުރިއަށް ދާން ޖެހޭނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އިޒުރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް ނަޝީދަށް ދައުވަތެއް ލިބިވަޑައިގެންނެވި އިރު އެމަނިކުފާނުގެ ވެރިކަމުގައި އިޒްރޭލާ ގާތްގުޅުންތަކެއް ބޭއްވި ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފިއްތުއްތައް ކުރިމަތިކުރި އެެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އިޒްރޭލުގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ ގެނެސް ޕްރޮގްރާމުތަކެއް ކުރިއަށް ގެންދަން އުޅުމުން އެކަމާ ދެކޮޅަށް ކުރި މުޒާހަރާތަކާ ގުޅިގެން ފަހުން އެކަން ވަނީ ހުއްޓާލާފަ އެވެ.
މީގެއިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި މިހާރުގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމު އިޒްރޭލަށް ވަޑައިގެން އެ ގައުމުގެ ބައެއް ވަޒީރުންނާ ސިއްރުން ބައްދަލު ކުރެއްވި އެވެ. އެކަމަކު ފަހުން އެ މައުލޫމާތާއި އަދި ބައްދަލުުވުގެ ފޮޓޯތައް އާންމުވެފައިވެ އެވެ. ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި ރައްޔިތުން ކައްކުވާލުމަށް އެންމެ ބޮޑަށް ބޭނުންކުރީ ވެސް އިޒްރޭލުގެ މައްސަލަ އެވެ.