ވާހަކަ

ހީނލާގޮތުން

(28 އެޕްރިލް 2021 އާ ގުޅޭ)

ނޯޔާގެ ދިހަ ކޯލާއި ރިދާންގެ ހަތަރު ކޯލު މިސްވެފައި އޮތުމުން އަސްލަން ވަގުތުން ހާސްވި އެވެ. އޭނާ ނޯޔާއަށް ގުޅި އެވެ. ފޯނެއް ނުނަގަ އެވެ. އެވަގުތު އަނެއްކާ ވެސް ރިދާން ގުޅަނީ އެވެ. އަވަހަށް އެ ކޯލު އަސްލަން ނެގި އެވެ.

"މިދަނީ... ހަމަ މިހާރު މިނައްޓާލީ." ރިދާންގެ ވާހަކައަށް އަސްލަން ބުންޏެވެ. އޭނާ ހުރީ އިންތިހާއަށް ހާސްވެފަ އެވެ.

ގެއަށް އައިއިރު ކޮންމެވެސް ކަމެއް ގޭގައި ހިނގައިފިއޭ އަސްލަންގެ ހިތުގައި އޮތެވެ. އެޕާޓްމެންޓަށް އޭނާ ވަންއިރު ފުރަތަމަ ވެސް ފެނުނީ ސޯފާގައި އިން ރިދާނެވެ. އަސްލަން ފެނުމާއެކު އޭނާ ނިކަން އަވަހަށް ކޮޅަށް ތެދުވެއްޖެ އެވެ.

"ރޫމާދައްތާއާއި މަންމަ ވެއްޖެ އެތެރޭގަ... ނޯޔާ ވަރަށް ހުން ގަދަ، އަސްލަންބެއަށް ނޭނގޭތަ؟ އޭނާ ޑޮކްޓަރަށް ގެންދަން ވެފަ އެއޮތީ." ރިދާން ބުނި ރާގުން ހީވީ އަނބިމީހާގެ ކަންކަން ނޭނގޭހާ އަސްލަން ފަރުވާ ކުޑައީ އެވެ. އެއްވެސް އެއްޗެކޭ ނުބުނެ އަސްލަން ހަލުއިކޮށް އައިސް ވަނީ އޭނާގެ ކޮޓަރި އަށެވެ.

"މި މަންޖެ ހޮސްޕިޓަލަށް ގެންދަން މިއުޅެނީ، އަސްލަންއަށް އަންނަން އެނގިއްޖެ ދޯ." ދޮރުމަތިން އަސްލަންގެ ސޫރަ ފާޅުވާއިރަށް ސަބީނާ އަނގަތަޅުވައި ގަތެވެ. ނަމަވެސް އަސްލަންގެ ނަޒަރު ހުއްޓުނީ އެނދުގައި އޮތް ނޯޔާއަށެވެ. ދެ ލޯ މަރާލައިގެން އޮތްއިރު އެ ހަށިގަނޑުގެ ބޮޑުބައެއް ވަނީ ރަޖާއިން ފޮރުވާލެވިފަ އެވެ. އެނދު ބިއްދޮށުގައި ނޯޔާގެ ގާތުގައި ސާރާ އިންތަން ފެނުނެވެ.

"ޓެކްސީ އެބައާދޭ." ނޯޔާގެ މަގަތުގައި އަނުމް އުރާލައިގެން އިން ރޫމާ ބުނެލި އެވެ. އޭނާއަށް އަސްލަންގެ މޫނުގައިވި ކަންބޮޑުވުމުގެ އަސަރު ފެނުނެވެ. ނޯޔާ ގާތަށް އައުމަށް އިޝާރާތް ކުރާ ފަދައިން ރޫމާ ތެދުވެ ދުރަށް ޖެހިލި އެވެ. އެހިނދު އަސްލަން އައިސް އެނދުގައި އިށީނެވެ. ނޯޔާގެ މޫނަށް ބަލަން އިނދެ ކޯތާފަތުގައި އަތްތިލަ ޖައްސާލި އެވެ. ހޫނު ކަމުން ފިހިދާނެ ފަދަ އެވެ.

"ސޮރީ ނޯޔާ... ކުރީން އެނގުނުނަމަ އަހަރެންގެ ހުރިހާ ވަގުތެއް ހޭދަ ކުރީހީ ނޯޔާއާއެކު." ކޯތާފަތުގައި ފިރުމާލިއިރު އަސްލަންގެ ހިތުގައި ވިއެވެ.

އަތްދަނޑިމައްޗަށް ނޯޔާ އުފުލާލައިގެން އަސްލަން ތެދުވި އެވެ. ހޮސްޕިޓަލަށް ދާނީ އޭނާ އެކަނިކަން ބުނެ ސަބީނާއާއި ރޫމާ ގާތު މަޑު ކުރަން އެދުނެވެ. ސާރާގެ ގާތުގައި މާމަ ކައިރީ މަޑު ކުރުމަށް ބުންޏެވެ. ރިދާނަށް ގޮވާލާފައި މަލްސާ ސްކޫލުން ގެނެސް ދޭން ހަނދާން ކޮށްދިނެވެ.

ގޭގެ ދޮރޯށި ކައިރިއަށް އެންމެން ނުކުތެވެ. ޓެކްސީއަށް ދެމަފިރިން އަރާ ކާރު ނައްޓާލަން ދެން އެންމެން ތިއްބެވެ. އެނބުރި ވަނުމުގެ ބަދަލުގައި ރިދާން ހިނގައިގަތީ ސައިކަލު ނަގާށެވެ. މަލްސާ ބަލާ ދާށެވެ. ރޫމާ ވެސް ގެއާ ދިމާއަށް ހިނގައިގަތީ އަސްލަންގެ ޚަބަރެއް ވެއްޖެއްޔާ އޭނާއަށް އަންގައްޗޭ ބުނެފައެވެ. ސާރާއާއި އަނުމް ގޮވައިގެން ސަބީނާ އެތެރެއަށް އައެވެ. ލިފްޓުގެ ދޮރު ހުޅުވަން އޮބާލުމުން މަޑުކުރަން ޖެހުނީ މަތިން މީހަކު އަންނާތީއެވެ.

"ފަވާދު، ދަރިފުޅު ތަނަކަށް ފުރަނީތަ؟ ކޮބާ އަރީން؟" ހުޅުވުނު ލިފްޓުގެ ތެރެއިން ދެ ފޮއްޓާއި ދަބަހެއް ހިފައިގެން ފަވާދު ހުރިތަން ފެނި ސަބީނާއަށް އަހާލެވުނެވެ.

"ވަރަށް އަވަހަށް ދާން ޖެހިގެން މިދަނީ." ވާހަކަ ދައްކަން ބޭނުން ނުވާތީ ފަވާދު ބުނެލި އެވެ. ސަބީނާގެ ކައިރިން އަޅާފައި ހަލުވި ފިޔަވަޅުގައި އޭނާ ގޮސް ދޮރޯށިން ނުކުމެއްޖެ އެވެ. ސުވާލު އުފެދިފައި ހުރެ ސާރާ ގޮވައިގެން ލިފްޓަށް ސަބީނާ އެރި އެވެ.

އަސްލަންގެ ބަޔަށް ދިއުމުގެ ބަދަލުގައި ސަބީނާ ފުރަތަމަ އައީ އަރީންގެ ބަޔަށެވެ. އޭނާ ވެސް ބަލިވެ އުޅޭތީ އާއި ފަވާދު ދެންމެ ހިފައިގެން ދިޔަ ފޮށިތައް ފެނި އެއީ ކޮން ކަމެއްތޯ އޮޅުން ފިލުވާށެވެ. އެ އެޕާޓްމެންޓަށް ސަބީނާ ވަނެވެ. ބަދިގެއާއި ސިޓިންރޫމު އޮތީ ފަޅަށެވެ. ސޯފާ ދައްކާލަމުން އެތަނުގައި އިށީންނަން ސާރާގެ ކައިރީ ސަބީނާ ބުންޏެވެ. އަނުމް އުރާލައިގެން ހުރެ އޭނާ ދެން އައީ އަރީންގެ ކޮޓަރިއަށެވެ. ލައްޕާފައި ހުރި ދޮރުގައި ޓަކި ޖަހާލި އެވެ. ހިލަމެއް ނުވި އެވެ. މަޑުމަޑުން ދޮރު ހުޅުވާލި އެވެ. އެނދުގައި ފައި ކުރުކޮށްލައިގެން ރޯން އަރީން އިނެވެ. އަލަމާރީގެ ދޮރުފަތެއް ހުޅުވާލާފައި ހުއްޓެވެ. ސަބީނާ އަވަހަށް އައިސް އެނދުގައި އިށީނދެ އަރީނަށް ގޮވާލި އެވެ. ސަބީނާ ސުވާލު ކޮށްކޮށް އަރީން އަނގަޔަކުން ނުބުންޏެވެ. ކަކުލުގައި އަޅުވާލި އަތުގެ ތެރޭ މޫނު ފޮރުވާލައިގެން އޭނާ އިނީ އެވެ.

"ފަވާދު ތަނަކަށް ފުރަނީތަ؟ މަންމައާ ދެންމެ ދިމާވި ފޮށިތައް ހިފައިގެން ނުކުންނަނިކޮށް." ސަބީނާ ބުންޏެވެ. އަރީން ތުންފިއްތާލުމާއެކު ދެ ލޯ ތަގުޅިކޮށްލިއެވެ. ފަވާދު އެ ދިޔައީ އޭނާގެ އެއްޗިއްސާއި ކުދީންގެ އެއްޗެހި ހިފައިގެންކަން މަންމަ ކައިރީ ބުނާނީ ކިހިނެއްކަމެއް އަރީނަކަށް ނުވިސްނެއެވެ. މިވަގުތު އޭނާ ބޭނުންވަނީ އެކަނިވާށެވެ. އެންމެނާ އެކަހެރިވާށެވެ. މީހަކަށް ނުފެނި އުޅެވޭނެނަމަ އެއީ އަދި އެންމެ ބޭނުންވާ ގޮތެވެ.

"ހިނގާ މަންމާއާއެކު... މިގެއަށް ނުބައި ރޯގާގަނޑެއް ވަދެއްޖެ، ނޯޔާ ފަކީރު ވެސް ދުވަސް ހިނގައްޖެ، ހުންގަދަވެގެން އެކުއްޖާ ތެދުވާނޭވަރު ވެސް ނެތް، އަސްލަން ނަގައިގަނެގެން އެގެންދިޔައީ ހޮސްޕިޓަލަށް، އަރީން، ތިހެން ނީނދެ އާދޭ... އަދި އެއްޗެއް ނުވެސް ކަން ދޯ، ހިނގާ މަންމަ ސައި ހަދައިދޭނަން... މީހަކު ނެތީމަ ސާރާ ގޮވައިގެން މިއުޅެނީ، ދެން ތިހެން ނީނދެ ތެދުވޭ، ރުއީމަ ހާލު މާބޮޑުވެދާނެ، ބަލިވީމަ ނިކަން ހިތްވަރު ކުރަންވާނެ، ޑަކްޓަރު ދިން ބޭސް ގަޑިގަޑިއަށް ބޭނުންކުރަންތަ؟ އިރާދަކުރެއްވިއްޔާ ރަނގަޅުވެދާނެ ނިކަން އަވަހަށް... އަރީން! ދެން ތެދުވެބަލަ!." އަރީންގެ އަތުގައި ކޮއްޓާލާފައި އެ އަތުގައި ސަބީނާ ހިފާލިއެވެ. އެހެންނަމަވެސް މިހާރު ބޮޑެތިވެފައި ތިބި ދަރީން ކޮޅަށް ނަގާނޭ ވަރެއް އެ އަތަކުނެތެވެ.

"ތިހެން އުޅޭން މިހާރު ތީ ކުޑަކުޖެއްނޫން، ފަވާދު އެ ދެބެން ގޮވައިގެން އަންނަންވާއިރަށް ކައިގެން ހުންނަންވާނީ، އަރީން ރަނގަޅުވަންދެން މަންމަމެން ބަޔަށް އެކުދީން ކާން ފޮނުވާ، ފަވާދު ކައިރީ ވެސް ބުނޭ ކާންވީމަ އަންނާށޭ." ސަބީނާގެ ވާހަކައަކުން އަރީން ގުޑައިނުލިއެވެ.

"މިހެން އާދޭސްކުރަން މަންމައަކަށް ނެތް ހުރެވޭކަށް، އެ ކުޑަކުޑަ ކުއްޖާ އަދި އެއިނީ އެއްވެސް އެއްޗެއް ނުކައި، މަންމަ މިދަނީ އަސްލަންމެން ބަޔަށް، އަރީން ކާންވީމަ އާދޭ..." އަރީން އަޑެއް ނާހާނޭކަން އެނގުމުން ސަބީނާ ތެދުވީއެވެ.

އަސުރުން ފަސްވެފައި ވަނިކޮށް ހޮސްޕިޓަލުން އަސްލަންގެ ދެމަފިރިން އައެވެ. އެޕާޓްމެންޓަށް ވަންއިރު ސަބީނާއާއި ރިދާނު އުޅެއެވެ. އަނުމް އުރާލައިގެން ރިދާން އިންއިރު އޭނާގެ މޭގައި ބޯޖަހާލައިގެން އޮވެ އެކުއްޖާއަށް ނިދެނީއެވެ. އޭނާގެ ގާތުގައި ސޯފާގައި މަލްސާ ޓީވީ ބަލަން އިނެވެ. ސާރާއާއެކު ސަބީނާ ނުކުމެގެން އައީ ކުދީންގެ ކޮޓަރިންނެވެ. ދެބެން ވެސް އެ ތިބީ ފެންވަރާ ރީތިވެގެންކަން ބުނަން އެނގެއެވެ.

"ގެއަށް ފޮނުވާލީތަ؟" ސަބީނާ އަހާލިއެވެ. އަސްލަން ބޯޖަހާލަމުން ނޯޔާ ގޮވައިގެން އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

"ކޮޓަރިއަށް..." ނޯޔާ މަޑުމަޑުން ބުނެލިއެވެ. އޭނާ އެ އެދެނީ އޭނާ އުޅޭ ކޮޓަރިއަށް ގެންގޮސްދޭންކަން އަސްލަންއަށް އެނގުނެވެ.

"މިތާ ނޯޔާ އޮންނާނީ، މަންމަ އަންނާނެ އިރުއިރުކޮޅާ ނޯޔާގެ ހާލު ބަލަން." އެނދުގައި އޮށޯތުމަށް އަސްލަން އިޝާރާތްކުރިއެވެ. ނޯޔާ އޮށޯތުމުން އޭނާގެ ގައިމަތިން ރަޖާ އަޅާލިއެވެ.

"އަހަރެން އުޅޭނަން، ނޯޔާ އެއްވެސް ކަމެއް ކުރާނެކަމެއްނެތް... މިވަގުތު ނިދާލެވޭތޯ ބަލާ، މަންމައާ ވާހަކަދައްކާލާފަ އެބައަންނަން." ނޯޔާގެ ބޮލުގައި ފިރުމާލަމުން އަސްލަން ވާހަކަދެއްކިއެވެ.

ކޮޓަރިން ނުކުމެގެން އައިސް ޑަކްޓަރު ދެއްކި ވާހަކަ ސަބީނާއަށް އޮޅުން ފިލުވައި ދިނެވެ. މަންމަ ދިޔަޔަސް ރަނގަޅުކަމުގައި އަސްލަން ބުންޏެވެ. އެވަގުތު އެބަޔަށް ރޫމާ ވެސް އަތުވެއްޖެއެވެ. އަސްލަން ފެނުމާއެކު ނޯޔާގެ ހާލު އޭނާ އެއްސެވެ. ދަރިފުޅުގެ ގާތަށް ރޫމާ އައެވެ. ކުޑަކުއްޖަކު ފަދައިން ކުސްތެޅުމާއެކު ރޫމާގެ ކައިރިއަށް ދާން ނޯޔާ އެދުނެވެ. އެ އަޑު ދޮރުކައިރީ ހުރި އަސްލަންއަށް އިވުނެވެ. ރޫމާ ލޯތްބާއި އޯގާތެރިކަމާއެކު ދަރިފުޅާ ވާހަކަދެއްކިއެވެ. ނޯޔާ މާބޮޑަށް ބަލިވީކަން ރޫމާއަށް ވިސްނެއެވެ. އެފަދަ ވާހަކައެއް އެ ދައްކަނީ އެހެންވެއެވެ. އޭނާ ނޯޔާއަށް ނަސޭހަތްދީ ވިސްނައިދިނެވެ. ނޯޔާއަށް ރޮވެން ފެށުމުން އަސްލަން ވެސް ކަންބޮޑުވިއެވެ. އެހެންވިޔަސް މިވަގުތު އޭނާއަށްވުރެ ބޮޑަށް ނޯޔާ އެދެނީ އޭނާގެ މަންމައަށެވެ. އެ ދެމައިންނަށް ވަގުތު ދީފައި އަސްލަން ދުރަށް ޖެހުނީއެވެ.

ނޯޔާ ހަމައަކަށް އެޅެންދެން ރޫމާ މަޑުކުރިއެވެ. އެގެއިން އޭނާ ނުކުތީ އަސްލަންގެ ގާތުގައި ބުނެ ސާރާއާއި މަލްސާއާ ދެބެން ގޮވައިގެންނެވެ. ރޭގަނޑު ކާންދީގެން ގެންނާނަމޭ ބުނެފައެވެ. ރޫމާ ދިއުމުން ސަބީނާ ގޮވާލީ ރިދާނަށެވެ. އަރީންގެ ހާލެއް ބަލަން ދޭބަލާށޭ ބުނެ ރިދާން ފޮނުވާލިއެވެ. ސަބިނާ ބޭނުންވީ އަސްލަންއާއެކު އެކަނިވާނޭ ވަގުތުކޮޅެކެވެ.

"އަސްލަން، މިތާ އިށީނދެބެލަ." އަސްލަން ކޮޓަރިއަށް ދާން އުޅުމުން ސަބީނާ ގޮވިއެވެ. އޭނާ އިށީނދެ އިން ސޯފާ ދެއްކިއެވެ. ނިދިފައި އޮތް އަނުމް ކުޑައެނދަށް ލާފައި އައިސް އައިސް މަންމަ ދެއްކި ދިމާގައި އިށީނެވެ.

"މަންމަ ހީކުރީ ދެކުދީން އުޅެނީ ވަރަށް ގުޅިގެންކަމަށް، ދެމަފިރިން ފަދައިން، އެކަމަކު މިއަދު އެނގިއްޖެ އެއީ ހަޤީޤަތެއްނެތް ހީކުރުމެއްކަން، އެހެރެ ކޮޓަރީގަ ނޯޔާގެ އެއްޗެހި ހުންނަންވީ ކީއްވެ؟ ދަރިފުޅަށް ނޭނގޭތަ ނޯޔާއަކީ އަނބިމީހާކަން، އަނބިމީހާ އޮންނަންވާނީ ފިރިމީހާ އޮންނަތަނެއްގަ... މިކަހަލަ ވާހަކަތަކަކީ މަންމަ މިހާރު ކިޔައިދޭންޖެހޭ ވާހަކަތަކެއްނޫން، މަންމަ ވަރަށް ދެރަވެއްޖެ، ރޫމާމެންގެ ދެ ލޮލުގެ ނޫރު އެއީ... އަސްލަންއާ ކައިވެނިކުރަން އެއްބަސްވީ މަންމަ އެދުނީތީ، އެކުއްޖާ އެއުޅެނީ ގޭތެރޭގެ މަސައްކަތްކޮށް ދަރިން ބަލަހައްޓަން އައިސް އުޅޭ މީހަކުހެން، އެކަން ރޫމާމެންނަށް އެނގިއްޖެއްޔާ..."

"މަންމާ..." އަސްލަން ޖެހިލުންވެފައި އިނދެ ގޮވާލިއެވެ.

"ތި ދުލުން ދޮގެއް ނުބުނާތި، ހަޤީޤަތަށް ވާހަކަނުދެއްކެންޏާ އަނގައިން ނުބުންޏަސް ވަރިހަމަ." ސަބީނާ ހިތްހަމަނުޖެހިފައި ބުންޏެވެ.

"އަހަރެން ޤަބޫލުކުރަން ރަނގަޅަށްނޫންކަން ކަންތައްތައް ކުރެވުނީ، މަންމާ، އަހަރެންނާއި ނޯޔާއަށް ވެސް ވަގުތު ބޭނުންވި، ދެން އިރާދަކުރެއްވިއްޔާ މިކަން މިގޮތަކަށް ނޯންނާނެ، ކައިވެނި ރޫޅާލުމުގެ ޚިޔާލެއްނެތް، މަންމަ ހޯދާދައިދިނީ ރަނގަޅު އަންހެނެއް، އަހަރެންނަށް ނޯޔާ ކަމުދޭ، އެއީ އަހަރެންގެ އަނބިމީހާކަން ޤަބޫލުކުރަން، އަހަރެމެން ދެން އުޅޭނީ ދެމަފިރިން ފަދައިން... މަންމަ ދެރަނުވޭ، ނޯޔާ އުފަލުގައި ގެންގުޅޭނަން، ނޯޔާގެ ޢާއިލާއަށް ބުނެދޭނަން އަހަރެންނަކީ ނޯޔާގެ މައްޗަށް އޯގާތެރި ފިރިއެއްކަން، އަހަރެން... އޮފީސްދަތުރު ނިންމާފައި އައީވެސް އެ ވިސްނުމުގައި ހުރެ، ނޯޔާއާއެކު ރީތި ދިރިއުޅުމެއް އުޅޭން ގަސްދުކޮށްގެން ހުރެ، އޭނާ އަހަރެންނަށް ޓަކައި އެވަނީ ވަރަށް ބޮޑު ޤުރުބާނީއެއް، އެވަރު އަހަރެން ހަނދާންނައްތައެއް ނުލާނަން." އަސްލަން ހާމަކުރީ ސާފު ތެދުކަން ސަބީނާއަށް ބުނެދިނީ އެ ދެ ލޮލުގައިވީ އަސަރެވެ.

"ދަރިފުޅުގެ ކޮޓަރިއަށް ނޯޔާގެ ހުރިހާ އެއްޗެއް ބަދަލުކުރޭ. ދެމީހުން ނިދަންވާނީ އެއްތާކު، ގާތްކަމާއި ލޯބި އުފެދޭނީ އޭރުން، އެކަކުއަނެކަކުގެ ގޮތް ދަސްވާނީ ވެސް އޭރުން." ސަބީނާ ބުންޏެވެ.

"ނޯޔާ ރަނގަޅުވެލީމަ ތިކަން ކުރާނަން، އިހަށް ނޯޔާ ރަނގަޅުވެލަންދެން އޭނާ އަރާމުކުރުން މާ މުހިންމު." އަސްލަން ބުންޏެވެ. ސަބީނާ މަޑުމަޑުން ބޯޖަހާލި އެއްބަސްވަމުންނެވެ. އޭނާ ދައްކަން ބޭނުންވި ވާހަކަ ދެއްކުމަށްފަހު އެޕާޓްމެންޓުން ނުކުންނަން ސަބިނާ ހިނގައިގަތެވެ.

"ކަމެއް ބޭނުންވެއްޖެއްޔާ މަންމައަށް ގުޅާތި." ސަބީނާ މިހެން ބުނެ ދޮރު ލައްޕާލިއެވެ.

ފުންނޭވާއެއް ހަށިފުރާ ބޭރުކޮށްލުމަށްފަހު ދޮރު ތަޅުލާފައި އަސްލަން އައިސް ކޮޓަރިއަށް ވަނެވެ. އިރުކޮޅަކު ނޯޔާއަށް ބަލަން ހުރެފައި އަސްލަން އެނދުގައި އަރާ އޮށޯވެލިއެވެ. ރަޖާ ހިއްލާލައި އޭގެ ދަށަށް އޭނާ ވަނެވެ. މަޑުމަޑުން ނޯޔާއާ ގާތްވެލިއެވެ. ކުކުރާލި ފަދަ އަޑެއް ލައްވާލުމާއެކު ނޯޔާ އެސްފިޔަ ތަޅުވާލިއެވެ. އެހިނދު އޭނާގެ ކޯތާފަތުގައި އަސްލަން ބޮސްދިނެވެ.

"އަހަރެން... ނިދާލާ، ކައިރީގަ މިއޮތީ." އަސްލަން މަޑުމަޑުން ބުނެލިއެވެ.

* * * * *

"މަންމާ، ދޮންތަ ނަޔޭ... ކަމެއްވީތަ؟ ކޮބާ ދޮންބެ؟ ކުޑަ ދެމީހުން ވެސް ނޫޅޭ." ރިދާން އައިސް ސޯފާއަށް ވެއްޓިގަންނަމުން ވާހަކަދެއްކިއެވެ.

"ކީކޭދެން ބުނާނީ، ބޮޑެތިސިންގާހަ މީހުންނަށް ގަދަކަމުން ކާންދެވޭތަ؟ އެހެން އިނދެ ވާތާވެގެން ވެއްޓެންދެން ކަންނޭނގެ އެއުޅެނީ... ފަވާދަށް މަންމަ ގުޅީމޭ، ބުނީ ކުދީން ފަވާދު ކައިރީއޭ، ސްކޫލުން އައިސް އެކުދީން ވެސް މިބަޔަކަށް ނާދޭ، ހިތަށް އެރި މަންމައަށް ނުޖައްސަންވެގެން ފަވާދު އެކުދީން ގޮވައިގެން ދިޔައީއޭ... މަގޭ ދަރީން ކިހިނެއް އުޅޭންތަ މިއުޅެނީ، ބޯހަލާކުވާވަރުވޭ... ހިނގާ މަށާއެކު، އަރީން އެތަނުން ނެރެން." ސަބީނާ ބޭލި ބުރުގާ އަލުން ނަގާ ބޮލަށް މަހާލިއެވެ.

އެމީހުން އައިއިރު އަރީން ކުރީން ވެސް އިންހެން އެނދުގައި އިނެވެ. ރިދާން ކައިރީ އަރީން އެނދުން ބޭލުމަށް ސަބީނާ އަމުރުކޮށްލިއެވެ. އަނެއްކޮޅުން އިރުއޮއްސެން އުޅޭއިރު ފަވާދު ވެސް ކުދީން ގޮވައިގެން ގެއަށް ނާންނާތީ ސަބީނާ އެކަމާ ވެސް ކަންބޮޑުވެފައި ހުއްޓެވެ. އަރީން ބަލިއިރު ފަވާދު ގޭގައި ނުހުރެ ދިޔައީމަ އެކަމާ ސަބީނާ ހިތްހަމަނުޖެހުނެވެ. އަނބިން ބަލިވީމާ އެންމެ ބޮޑަށް ގާތުގައި ހުރެ އަޅާލަންވާނީ ފިރިމީހާއެވެ. ސަބީނާ ކޮޓަރިން ނުކުމެގެން ސިޓިންރޫމަށް އައެވެ. ފަވާދަށް ގުޅިއެވެ. ދެފަހަރަކު ގުޅިފަހުން ފަވާދު ކޯލު ނެގިއެވެ.

"ކޮންއިރަކުން އަންނަނީ؟ އިރުއޮއްސެން އެއުޅެނީ... ކުދީން ގޮވައިގެން ބޭރުގައި އުޅޭކަށް ނުވާނެ، އަރީން އެއްޗެއް ނުކައިގެން މިއުޅެނީ، މަންމަ ކިހިނެއް އޭނާއަށް ކާންދޭނީ، އެކަންވިޔަސް ވާނީ ފަވާދަށް... އެހެން އިނދެ ވާތާނުވަނީސް އާދެބަލަ އޭނާއަށް އެއްޗެއް ދެވޭތޯ." ސަބީނާ ބުންޏެވެ. ފަވާދުގެ ހިމޭންކަން ސަބީނާއަށް ކަމަކުނުދިޔައެވެ.

"ފަވާދު، ދަރިފުޅު އެއްޗެއް ނުބުނެ ހުންނަނީތަ؟ ދެން އަންނަން އުޅޭ އަވަހަށް." ސަބީނާ އަނެއްކާ ވެސް ވާހަކަދެއްކިއެވެ.

"ރީން... އަރީންއާ އަޅުގަނޑާ އެއްވެސް ގުޅުމެއްނެތް." ހިމޭންކަމަށްފަހު ފަވާދު ބުންޏެވެ. (ނުނިމޭ)