ރައްޔިތުންގެ މަޖިލިސް

ސިއްހީ ކުއްލި ނުރައްކަލަށް މަޖިލީހުން ރުހުން ދޭކަށް ފާހެއް ނުވި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރޭ ގަރާރަށް މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުމަށް ތާއިދު ނުލިބި މިހާރުވެސް އަމަލުކުރާ އުސޫލުން އެކަން ކުރިއަށް ގެންދަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަނީ ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ ލަފާގެ މަތިން ހެލްތު މިނިސްޓަރެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރުމުން އެކަމަށް ނެރޭ ގަރާރު މަޖިލީހަށް ހުށަހަޅާ ފާސްކުރަންޖެހޭ ގޮތަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު އިސްލާހު ކުރުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އެވެ. އެ މައްސަލަ ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ މުހައްމަދު ރަޝީދު ހުށަހެޅުއްވި ގޮތަށް އިސްލާހު ފާސްކުރުމަށެވެ.

އެކަމަކު އެމްޑީޕީގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ ކޮމިޓީގެ ނިންމުން ބާތިލްކޮށް މިހާރު ވެސް އަމަލުކުރާ އުސޫލުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. ޝާހިދު ހުށަހެޅުއްވި ގޮތަށް ކޮމިޓީގެ ރިޕޯޓް ފާސްވީ 39 މެމްބަރުންގެ ވޯޓާ އެކު އެވެ. ޝާހިދު ހުށަހެޅުންތަކާ ދެކޮޅަށް 29 މެމްބަރަކު ވޯޓު ދެއްވިއިރު އެއް ބޭފުޅަކު ވަކި ގޮތަކަށް ވޯޓު ނުދެއްވަ އެވެ.

ގާނޫނު އަސާސީގެ 253 މައްދާގެ ދަށުން ގުދުރަަތީ ކާރިސާއެއް ނުވަތަ ނުރައްކާތެރި ބަލި މަޑުކަމެއް ކުރިމަތިވެދާނެ ހާލަތެއްގައި ރާއްޖޭގެ ހުރިހާ ނުވަތަ ވަކި ސަރަހައްދެއްގައި 30 ދުވަހަށް ވުރެ ގިނަ ދިގު ނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވަ އެވެ. އަދި ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުންވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސްއަށް ލިބިވަޑައިގަންނަވަ އެވެ. އެހެންނަމަވެސް އާންމު ސިއްހަތުގެ ގާނޫނުގެ ތެރެއިން ހެލްތު މިނިސްޓަރަށް މިހާރު އެ ބާރު ލިބިވަޑައިގަންނަވާތީ އެމްޑީޕީ އަދި އިދިކޮޅުގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓަށް އިސްލާހު ހުށަހެޅުއްވި މެމްބަރު ޝާހިދު ވިދާޅުވީ ގާނޫނު އަސާސީގެ 253 ވަނަ މާއްދާ ކޮންމެ ގޮތަކަށް އޮތް ނަަމަަވެސް މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނުއަސާސީގައި ބުނާ ހާލަތު ނޫން ކަމަށެވެ.