ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާފުށި

މާފުށިން އިތުރު 85 ކޭސް، ނަންބަރު 314 އަށް

ކ. މާފުށިން އިތުރު 85 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މާފުށިން ފުރަތަމަ ކޮވިޑަށް މީހަކު ޕޮޒިޓިވްވީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އެ ދުވަހު ދެ މީހުން ޕޮޒިޓިވްވިއެވެ. 21 ވަނަ ދުވަހު 12 މީހަކު އަދި 22 ވަނަ ދުވަހު ހަތަރު މީހަކު ޕޮޒިޓިވްވިއެވެ. 23 ވަނަ ދުވަހު 41 މީހަކު އަދި 26 ވަނަ ދުވަހު 68 މީހަކު ޕޮޒިޓިވްވިއެވެ.

މިއަދު ވަނީ 85 މީހަކު އެ ރަށުން ޕޮޒިޓިވްވެފައެވެ. އެއާއެކު އެ ރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 314 އަށް އަރާފައެވެ. އެއީ 200 ދިވެހިންނާއި 114 ބިދޭސީންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކ. މާފުށީގައި ހަރުކަށި ފިޔަވަޅުތަކެއް އެ ރަށު ކައުންސިލުން ވަނީ އަޅާފައެވެ.

މާފުށީ ކައުންސިލުން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާތީ އެކްސްކާސަންސް އަދި ވޯޓާ ސްޕޯޓްސް ދަތުރުތައް ހުއްޓާލުމާއި ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ގާޑިޔާތައް ޓޭކްއަވޭ ހިދުމަތަށް ބަދަލު ކުރުމާއި ފިހާރަތައް ޑެލިވަރީގެ ހިދުމަތް ދޭގޮތަށް ބަދަލުކުރުމަށް އަންގާފައެވެ. އަދި މަސްދަތުރު ތައް ދިއުން ހުއްޓާލުމާއި ފިނި މައިޒާންތައް ބަންދު ކުރުންވެސް ވަނީ އަންގާފައެވެ. އަދި ވަޒީފާތަކާއި އެކިއެކި ހިދުމަތްތައް ނިކުންނަ މީހުން ފިޔަވައި އެހެން މީހުން ގެއިން ބޭރަށް ނިކުމެ ނޫޅުމަށް އަންގާފައިވެއެވެ. މީގެ އިތުރުން މިސްކިތަށްދާނަމަ ގެއިން ވުލޫކޮށްގެން ދިއުމާއި އަމިއްލަ މުސައްލައެއް ގެންދިއުމަށްވެސް އަންގާފައިވެއެވެ.