ގދ. ތިނަދޫން ނެގި ރެންޑަމް ސާމްޕަލްތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ތިނަދޫގައި ހިންގާ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އެރަށުގައި ކޮވިޑް ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި ނަގަމުންދާ ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން މިވަގުތު ނަތީޖާ ލިބުނު ތިން ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މީގެއިތުރުން މާލެއިން ތިނަދޫއަށް ޖަޒީ ބޯޓުގައި ދަތުރުކޮށްފައިވާ ފަޅުވެރިންގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި ފަޅުވެރިންގެ ކޮންޓެކްޓް ޓްރޭސިންގައި ފާހަގަކުރެވުނު ޑައިރެކްޓް ދެ ކޮންޓެކްޓް ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
ތިނަދޫގައި މިއަދު އަލަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ އެކު މިރެއާ ހަމައަށް އެރަށުގައި ކޮވިޑް އެކްޓިވްސް ކޭސްގެ ގޮތުގައި 22 މީހުން މިހާރު ފަރުވާ ހޯދަމުންދެ އެވެ.
ތިނަދޫން ކޮވިޑް ކޭސްތަކެއް ފެނުމާ ގުޅިގެން މިދިޔަ މަހުގެ 24 ވަނަ ދުވަހު އެ ރަށް ބަންދުކުރި ގޮތަށް އަދިވެސް ތިނަދޫ އޮތީ ބަންދުކޮށްފަ އެވެ.
އަތޮޅުތަކުގައި 1600އާ ގާތްކުރާ އަދަދަކަށް ކޮވިޑް އެކްޓިވް ކޭސް އުޅޭކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.