މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް ގޮވާލާ މާލޭގެ އުތުރު ފަރާތު ކަނޑުމަތީގައި އިހްތިޖާޖު ކޮށްފި އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ބޭއްވި މި އިހްތިޖާޖު އިންތިޒާމު ކުރީ ދަ އެމްޕްލޯއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އާއި ރާއްޖޭގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ޔޫނިއަންތައް ގުޅިގެންނެވެ.
މި އިހްތިޖާޖުގައި 10 ދޯނީގައި 200 މީހުން ބައިވެރިވެ ހައްގުތައް ހޯދުމަށް އަޑުއުފުލާފައިވެ އެވެ.
އިހްތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވި ލޭބާ ޕާޓީގެ ރައީސް އަހްމަދު ޝިހާމް ވިދާޅުވީ ސަރުކާރުން އިސްކަންދެނީ ވަޒީފާ ދޭ ފަރާތުގެ ހައްގުތަކަށް އެކަނި ކަމަށެވެ.
"ހަގީގަތުގައި ގައުމު ކުރިއަރާ ދާނީ މަސައްކަތްތެރިންގެ ހައްގުތަކަށް ވެސް ސަމާލުކަން ދީގެން. އެކަމަކު އެއްގޮތަކަށް ވެސް މަސައްކަތްތެރިންގެ ހައްގުތަކަށް ސަމާލުކަން ދޭ ތަނެއް ނުފެނޭ،" ޝިހާމް ވިދާޅުވި އެވެ.
ކަނޑުމަތީގައި އިހްތިޖާޖު ކުރީ ކޮވިޑް 19އާއި ގުޅިގެން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ އެކު ކަމަށްވެސް ޝިހާމް ވަނީ މައުލޫމާތު ދެއްވާފަ އެވެ. އަދި ސަރުކާރަށް މިއަދު ދޭން ބޭނުންވި މެސެޖު ފޯރުކޮށްދެވިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމުގައިވެސް ވަނީ ވިދާޅުވެފަ އެވެ.
މިއަދު އިހްތިޖާޖުގައި ބައިވެރިވި މަސްވެރިން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދާއަޅައިގެން ބޭރުގެ ވަކި ބަޔަކަށް މަސް ބާނަން ހުއްދަދީފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިއިހްތިޖާޖުގައި ސިއްހީ ދާއިރާ ތަމްސީލް ކުރި މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަނުން ވަނީ އެމީހުންނަށް ދޭން ސަރުކާރުން ވައުދުވި ގޮތަށް އެލަވަންސްތައް ހަމަޖައްސައިދިނުމަށް ގޮވާލާފަ އެވެ. އަދި ޓީމް ތަމްސީލް ކުރި ފަރާތްތަކުން ވަނީ ޓޫރިޒަމް ދާއިރާގެ ވަޒީފާތަކުން ވަކިކުރި އެތައް ބަޔަކަށް ވަޒީފާތައް އަލުން ހަމަޖައްސައިދިނުމަށް ސަރުކާރުން ބާރުއެޅުމަށް ގޮވާލާފަ އެވެ.