ފިނިޕޭޖް

"ކަސޯޓީ" ހުއްޓާލަން ޖެހުނީތީ ހިތާމަކުރަން: ޕާތު ސަމްތާން

"ކަސޯޓީ ޒިންދަގީ ކޭ"ގެ ދެ ވަނަ ސީޒަން ކުއްލި ގޮތަކަށް ހުއްޓާލަން މަޖްބޫރުވީ އެ ޝޯގައި ލީޑް ރޯލު އަދާކުރި ޕާތު ސަމްތާން ޝޯ އިން ވަކިވެ ޝޯގެ ޓީއާރުޕީ ދަށަށް ދިއުމުން ކަމުގެ އަޑުތައް އެ ޝޯ ހުއްޓާލި ދުވަސްވަރު ފެތުރުނެވެ. ނަމަވެސް "ކަސޯޓީ" ހުއްޓާލުމުގެ ޒިންމާ އޭނާ އުފުލަން ޖެހޭނެ ކަމަކަށް ޕާތު ގަބޫލެއް ނުކުރެ އެވެ.

ޓެލީ ޓޯކް އަށް ދާދިފަހުން ޕާތު ދީފައިވާ އިންޓަވިއުއެއްގައި އެ ޝޯ ހުއްޓާލީ އޭނާ ޝޯއިން ވަކިވުމުން އޭނާގެ ބަދަލުގައި އެހެން އެކްޓަރެއް ޝޯއަށް ގެނައުމުގެ ސަބަބަކުން ނޫނެވެ.

ޝޯ އިން ވަކިވި ސަބަބު ކިޔައިދެމުން ޕާތު ބުނީ އޭނާ ކޮވިޑަށް ޕޮޒިޓިވްގެ ގިނަ ދުވަސް ތަކަކު ބަލިވެ އުޅެން ޖެހުމުން ޝޯގެ ޝޫޓިންގަށް ހާޒިރު ނުވެވުނީ ކަމަށެވެ. އަދި ބަލި ޖެހިފައި ހުރެ އެހެން މީހުން ނުރައްކަލުގެ ތެރެއަށް ވައްޓާލަން ބޭނުން ނުވާތީ އޭނާ ޝޯގެ ޝޫޓިންގްގައި ބައިވެރިނުވީ ކަމަށެވެ.

ޚަބަރުތައް ފެތުރިފައި އޮތީ "ކަސޯޓީ"ގެ ރިބޫޓް ވާޝަން ހުއްޓާލީ، އަނުރާގު ބާސޫގެ ރޯލު އަދާކުރި ޕާތު ޝޯ އިން ކުއްލިއަކަށް ވަކިވުމުން ޝޯގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރަށް ޕާތުގެ ބަދަލުގައި ގެންނާނެ ރަނގަޅު އެކްޓަރަކު ނުވެގެން ކަމަށެވެ.

"ޝޯ ހުއްޓާލީ ކޮންމެހެން އަހަރެން ޝޯ އިން ވަކިވާން ބޭނުންވީމައެއް ނޫން. ނޫނީ ޝޯގެ ބަތަލާ އެރިކާ ފެނާންޑިސް ޝޯ އިން ވަކިވާން އުޅޭތީ އެއް ނޫން. ޝޯ އިތުރަށް ކުރިޔަށް ގެންދަން ޕްރޮޑިއުސަރުންނަށް ނުފެނިގެން ހުއްޓާލީ،" ޕާތު ބުންޏެވެ.

ކޮންމެ ސަބަބަކާ ހުރެ ނަމަވެސް "ކަސޯޓީ" ހުއްޓާލުމުން ވަރަށް ދެރަވި ކަމަށް ވެސް ޕާތު ބުންޏެވެ.
"އަހަރެން ބޭނުންވި ވީހާވެސް ގިނަ ދުވަހަކަށް 'ކަސޯޓީ'ގެ މި ސީޒަން ކުރިޔަށް ދާން. އަހަރެން އެކްތާ ކިބައިން ވެސް މައާފަށް އެދުނިން. އަދި އޭނާ އެކަން ގަބޫލުވެސް ކުރި،" ޕާތު ބުންޏެވެ.

"ކަސޯޓީ"ގައި ޕާތު އާއި އެރިކާ އަދާކުރި އަނުރާގު އާއި ޕްރޭރްނާގެ ރޯލަށް ވަރަށް ރަނގަޅު ތަރުހީބެއް ބެލުންތެރިން ދީފައި ވެއެވެ. ޝޯގައި އެ ދެ ތަރިންގެ ކެމިސްޓްރީ ވަރަށް ރަނގަޅު ކަމަށް ހުރިހާ އެންމެން ވެސް އެއްބަސްވެ އެވެ. ނަމަވެސް ޝޯގައި ބައިވެރިވި ތަރިން ހަރު ނުލައި އަބަދު އަބަދު އެކި ކެރެކްޓާތައް ކުޅޭ އެކްޓަރުން ބަދަލު ކުރަން ހަދައިގެން ބެލުންތެރިން ޝޯ މަތިން ފޫހިވީ ކަމަށް ބެލެވެ އެވެ.

މި ޝޯގައި ކޯމަލިކާގެ ރޯލު ފުރަތަމަ އަދާކުރީ ހީނާ ޚާން އެވެ. ވަކި ހިސާބަކުން ހީނާ ޝޯ އިން ވަކިވުމުން ދެން އެ ރޯލު އަދާކުރީ އާމްނާ ޝަރީފެވެ. މި ނޫންވެސް ގިނަ ތަރިންތަކެއް ބަދަލުވާ ވާހަކަތައް އަބަދުވެސް ދިޔައީ އިވެމުންނެވެ. އެހެންވެ މިދިޔަ އަހަރު އިންޑިޔާ ލޮކްޑައުން ކުރުމާ ދިމާކޮށް އެކްޓާ މި ޝޯ ހުއްޓާލަން ނިންމީ އެވެ.
ނަމަވެސް ޝޯ ހުއްޓާލުމުގައި ޕާތު ޝޯ އިން ވަކިވުން މުހިއްމު ދައުރެއް ކުޅޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ސަބަބަކީ ޕާތު އާ ނުލާ ބެލުންތެރިން ޝޯ ބަލައިނުގަންނާނެކަން އެނގޭއިރުވެސް ޕާތު ޝޯއިން ވަކިވުމެވެ.