ލައިފްސްޓައިލް

ކާއެއްޗިއްސަށް ހިކަނދިފަތް އަޅައިފިންތަ؟

ކާއެއްޗެތީގެ ރަހަ މީރު ކޮށްލަން އަޅާ އެއް ބާވަތަކީ ހިކަނދިފަތެވެ. ރިހައެއް ކެއްކިޔަސް ކުޅި ހެދިކާއެއް ހެދިޔަސް ހިކަނދިފަތްކޮޅެއް ނާޅައެއް އެ އެއްޗެއްގެ މީރު ރަހައެއް ނާންނާނެ އެވެ. ހިކަނދިފަތް އެޅީމަ މީރު ރަހަ ލުމުގެ އިތުރުން އެ ފަތުގެ ގިނަ ގުނަ ފައިދާ އެނގޭނަމަ އަދި މިހާރަށް ވުރެ ވެސް ގިނައިން ކެއުމުގައި އެ ފަތް ބޭނުން ކުރާނެ އެވެ.

ހިކަނދިފަތަކީ ވިޓަމިން އޭ، ބީ، ސީ އަދި ބީ2 އިން މުއްސަނދިވެފައިވާ ފަތެކެވެ. އަދި އަޔަން އާއި ކެލްސިއަމް ލިބޭނެ ވަސީލަތެއް ވެސް މެއެވެ.

ކާއެއްޗެތީގައި ބޭނުން ކުރުމުގެ އިތުރުން ބޭހުގައި ގޮތުގައި ވެސް މި ފަތް ބޭނުން ކުރެ އެވެ. ދަގަނޑުގެ ބަޔާއި ކެލްސިއަމްގެ ބައި މަދުވާ މީހުންނަށް ތައްޔާރުކުރާ ބޭހުގެ ގޮތުގަ އެވެ.

މީގެ އިތުރުން ހަކުރުބަލި މެނޭޖް ކުރުމަށް ވެސް ހިކަނދިފަތް ބޭނުން ކުރެވިދާނެ އެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ކޮންމެވެސް ވަރަކަށް ހިކަދިފަތް ކެއުމުންނެވެ. ހިކަނދިފަތަކީ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްލައި ދޭ އެއްޗެކެވެ.

އެންޓިއޮކްސިޑަންޓްސް އިން މުއްސަނދިވެފައިވާ މި ފަތް ކެއުމުން ކާނާގައި ހުންނަ ސްޓާޗްގެ ބައި ގުލްކޯޒަށް ބަދަލުވުމަށް ހުރަސް އަޅާތީ އެވެ.

މާބަނޑު މީހުން ކާން ވެސް މިއީ ފައިދާހުރި ފަތެކެވެ. މޭނުބައިކުރުމާއި ބަލިވެ އިނުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ އުނދަގޫތައް މި ފަތް ކެއުމުން ދުރުކޮށްދޭނެ އެވެ.

އަދި ގޭހުގެ އުނދަގޫ ހުންނަ މީހުން ކާން ވެސް މިއީ ރަނގަޅު ފަތެކެވެ. ހަޖަމުގެ ނިޒާމުގެ މައްސަލަތަކުގެ ތެރެއިން ބޭރަށް ހިންގުން، ހަޖަމު ގޯސްވުން، ބަނޑު ހަރުވުން ފަދަ ކަންކަމަށް ހިކަނދިފަތުން ފަރުވާ ކުރެވެ އެވެ. މި ފަތްވަނީ ޑައިޖެސްޓިވް އެންޒައިމްސް އިން ފުރިފަ އެވެ. އެހެންވެ ހަޖަމު ކުރުމުގެ ނިޒާމުގެ ހުރިހާ މައްސަލަތަކަކަށް ވެސް މި ފަތުގެ އެހީތެރިކަން ލިބެނީ އެވެ.

ހިކެން ބޭނުންވާ މީހުންނަށް ވެސް ހިކަދިފަތް ކެއުމުން ފައިދާ ކުރާނެ އެވެ. ހައިރާން ނުވާށެވެ. ހަގީގަތުގައި ވެސް ހިކަނދިފަތަކީ ބަރުދަން ލުއި ކޮށްދޭ އެއްޗެކެވެ. މި ފަތް ކެއުމުން ބަރުދަން ލުއި ވަނީ މި ފަތުގައި ހުންނަ ކާބަޒޯލް އަލްކަލޮއިޑްސްގެ ސަބަބުން ބަރުދަން އިތުރުނުވުމަށް ބާރުއަޅާތީ އެވެ. މީގެ އިތުރުން ކޮލެސްޓްރޯލް ލެވެލް ރެގިއުލޭޓްކުރަން ވެސް މި ފަތް ވަރަށް ރަނގަޅުވާނެ އެވެ.